"އެންމެ އުފާވެރި އެއް އިހުސާސަކީ ތިބާގެ ސަބަބުން އެހެން މީހަކަށް ހިތްހަމަޖެހުމެއް ނޫނީ އުފަލެއް ލިބުމެވެ. އެންމެ ހިނިތުންވުމަކީވެސް ސަދަގާތެކެވެ. އެހެން މީހުންނަށް އުފާވެރިކަން ހޯދަދޭން މަސައްކަތްކުރާށެވެ."
***
ކެބިންގެ ބޮކިތައް ނިއްވާލަންދެން އޭނާ ވާހަކަދެއްކިއެވެ. ސްކޮޓްލެންޑާ ބެހޭގޮތުން ސުވާލުކުރިއެވެ. މޫސުމެވެ. ކާނާއެވެ. މީހުންނެވެ.ގެއެވެ.އެންމެ ފަހުން މިލްހާގެ އަޑު މަޑުވުމުން ސިފްރާން އޭނާއަށް ބަލައިލިއެވެ. މިލްހާ އޮތީ ބޯ އަރިކޮށްލައިގެން ކުޑަދޮރާ ދިމާލަށް ލެނބިގެން އަތް ޖައްސާލައިގެންނެވެ. ބޭރުން ފެންނަ މަންޒަރަށް ގެއްލިފައެވެ.
އެއީ އޭނާގެ ފުރަތަމަ ފްލައިޓްކަމަށާއި އަދި އޭނާގެ އަވަށްޓެރިން ހޫނު ފްލައިޓްތަކާއި ކައިރީގައި ޖަހާފައިވާ ގޮނޑިބަރިތަކުގެ ވާހަކަ ދައްކާފައިވާތީ ހައިރާންވިކަމަށް މިލްހާ ކުރިން ބުނެފައިވެއެވެ. މިލްހާއަށް އޭނާ މި ދަތުރުކުރަނީ ބިޒްނަސް ކްލާސްގައިކަން އެނގޭހެއްޔެވެ؟ ސިފްރާން ވިސްނައިލިއެވެ.
މިލްހާއަށް ސްކޮޓްލެންޑުން ފުރަތަމަވެސް މަރުޙަބާ ކީ ވާރޭގެ ތިކިތަކެވެ. ބޯކޮށް ވެހެމުންދާ ވާރެއެއް ނޫނެވެ. ވައިގެ ތެރޭގައި އޮޔާދާހެން ހީވާ ފިނި ހުއްޓުމެއްނެތް ފެންތިކިތަކެވެ.
މިލްހާ ޓަރމިނަލުން ބޭރަށް ނުކުތުމައެކު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. "ސުބުޙާނަﷲ....."
އޭނައަށްވުރެ ކުރީގައި ހުރެ ހިނގާފައިދިޔަ ސިފްރާން ފަސްއެނބުރި ބަލައިލިއެވެ. "ކިހިނެއްވީ؟"
" ވަރަށް ފިނި......." މިލްހާ ރޫރޫއަޅާގޮތްވެ މޭގައި ދެއަތް ވަށައިލިއެވެ. އޭރު އޭނާގެ ކޯތާފަތާއި ނޭފަތުގެ ކުރިވެސް ވަނީ ރަތްވެފައެވެ. ފިހިގަނޑަކުން ކުލަޖައްސާފައިވާފަދައެވެ.
"ފިނިވާނެކަން ކުރިންވެސް އެނގޭނެއްނު........" ސިފްރާން ޖެކެޓެއް ދޭކަށްވެސް ނޫޅުނެވެ. އެފަދަ ލޯބި ކުދި މަންޒަރުތައް ފެންނަނީ ހަމައެކަނި ފިލްމުތަކުގައެވެ. ހަގީގީ ދުނިޔޭގައި މިހާވަރަށް އަޅާލާ އަނެކަގެ އިހުސާސްތައް ދެނެގަންނާކަށް ނޭގެއެވެ.
"ފިނިވާނެކަން އަހަންނަށް އެނގޭ. ނަމަވެސް މީހާ މުޅިން ގަނޑުވެ ކަށިގަނޑުވެސް ތޮރުފާނެކަމެއް ނޭގުނީ......" ސިފްރާންގެ ފަހަތުން އަވަސްއަވަހަށް ހިނގަމުން މިލްހާ ދަތްދޮޅީގައި ދެއަތުން ހިފަހައްޓައިލިއެވެ.
މާލެއާއި އެތައް ހާސްގުނަ ތަފާތު ބީރައްޓެހި މާހައުލެކެވެ. މިތަނުގެ ވައިގެ ފިނިކަމާއި ތާޒާ އަދި ތެތްކަމާއެކު ކޯތާފަތްވެސް ގަނޑުކޮށްލައިފިއެވެ. ރަށުގައި ރޭގަނޑު ޖެހޭ ވައިރޯޅިތަކުގައިވެސް ހޫނުކަމެއް ހުރެއެވެ. ނަމަވެސް މިތަނުގައި ފިނިކަން އޭނާގެ ހެދުމުގެ ތެރެއަށް ވެސް ވަދެެގެންފިއެވެ. މިލްހާ އޭނާގެ ދެއަތަށް ފުމެލިއެވެ. ނޭވާވެސް އާތްވަށް ވެގެން ދިޔަތަން ފެނުނެވެ. އަނގައިން ދުން އަރާ މަންޒަރުވެސް އޭނައަށްވީ މުޅިން އާ ކަމަކަށެވެ."ތި މީހުން މިހެންތަ އުޅެނީ؟"
ސިފްރާން އެއްބުމަ އަރުވައިލިއެވެ. "ތި މީހުންނޭ؟"
"ސްކޮޓްލެންޑް މީހުން.........."
މިލްހާ އަނެއްކާވެސް ވަށައިގެން ނަޒަރު ހިންގައިލީ ޝައުގުވެރިކަމާއިއެކުގައެވެ. އެކި ދިމާލަށް ބަލަމުންދިޔައީ ހައިރާންކަމާއި ބޭގަރާރުކަން އެކުލެވިފައިވީ ލޮލުންނެވެ.
އެއަރޕޯޓްގެ އެތެރެ ކިތަންމެ ހަލަބޮލިވިޔަސް އެ ބިއްލޫރި ދޮރުތަކުން ބޭރުގައިވާ ދުނިޔެ ފެންނަނީ ތަންކޮޅެއް ހިމޭންކޮށެވެ. އެތަނުން ފެންނަމުންދާ މީހުން ފިނިން ސަލާމަތްވާން ބޯ ފޭރާމާއި ޖެކެޓް އަދި ސްކާފްވެސް އަޅާފައިވިއެވެ. އޮކްޓޫބަރުމަހުގެ ހެނދުނުގެ އެވަގުތުވެސް އުޑުމަތި އަޅިކުލައިގާ ވުމުން ކާރުގެ ހެޑްލައިޓްތައް ދިއްލާލައިގެން ދަތުރުކުރަނީއެވެ. ކޮންމެވެސް ވަރަކަށް ކާރުތަކުގައިވެސް ފިނިކަން ހިފާފައެވެ.
މަގުކައިރީގައި ކަޅުކުލައިގެ ދިގު ކާރެއް ޕާކްކޮށްފައި އޮތެވެ. އޭގެ ބިއްލޫރިތައްވެސް ވަނީ ކަޅުކުލައިގައެވެ. ޑްރައިވަރު ހުރީ ފަހަތު ދޮރު ކައިރީ ހުއްޓިލައިގެންނެވެ. ކޮންމެވެސް މީހަކު އެމީހުންގެ ސާމާނުތައް ޑިކީއަށް އަރުވާދިނެވެ. ސިފްރާނު އެންމެ އިނގިއްޔެއްވެސް ހިއްލައިލާކަށް ނުޖެހުނެވެ.
"އަހަރެންނާ ބައްދަލުވިފަހުން ސިފްރާން އަދި އެއްވެސް އެއްޗެއް ނުކަމެއްނު........" މިލްހާ ކުއްލިއަކަށް ހަނދާންވިއެވެ.
އޭރު ޑްރައިވަރު އޭނާއަށްޓަކައި ކާރުގެ ދޮރު ހުޅުވާދިނުމުން ކާރުގެ ތެރެއަށް ދެމިގަތީ ފިނިން ސަލާމަތްވުމަށެވެ. ހަގީގަތުވައިވެސް ފިނީގެ އުދަގޫ ކުޑަވިއެވެ. ސިފްރާން ކާރަށް އެރުމާއެކު އޭނާ ވަގުތުން އެނބުރުނެވެ. "އަހަރެން ބުނީ....އަދި އެއްވެސް އެއްޗެއް ނުކައި ތިހިރީ......"
"ބަނޑުހައިވީމަ ކާނަން...." ސިފްރާން ހަމަޖެހިލައިގެން ސީޓުގައި ލެނގިލިއެވެ.
"އެކަމަކު ދުވަހަކުވެސް ބަނޑުހައިވާނެހެން ހިޔެއްނުވޭ...." މިލްހާއަށް އެކަމާއި އެއްބަސްވެވޭނީ ކިހިނެއްހެއްޔެވެ؟އޭނައަށް ފްލައިޓުން ލިބުނު ކާނާއާއިމެދު ހިތްހަމަޖެހި ގެނައި ހުރިހާ އެއްޗެއް ހުސްކޮށްލިޔަސް ސިފްރާން ކެބިންކްރޫ ގާތު ބުނީ ކާ އެއްޗެހި ނުގެނައުމަށެވެ. އަނެއްކާ މިއީ ވެމްޕަޔަރެއް ހެއްޔެވެ؟ އެހާ އެނގެނީއެއްވެސް ނޫނެވެ. ސިއްރުވެރިކަމުގެ އިންތިހާއެވެ. އެ ޚިޔާލުން މިލްހާ އިންތިހާއަށް ސިހި މޭ ތެޅޭގޮތްވިއެވެ.
އޭނާގެ ފިރިމީހާއާއި ވާހަކައެއް ދެއްކުމަކީ ކިހާވަރެއްގެ ބުރަކަމަކަށްވާނެކަން މިހާރު އަންދާޒާކުރެވެން ފަށައިފިއެވެ. ހީވަނީ އަނގައިން ބުނަން ބޭނުންނުވެ ގަދަކަމުން ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނަން ހުވާކޮށްގެން އިންހެންނެވެ. ނޫނީ އަނގައިގާ ހުރި ޖަވާހުރި ދަތެއް ވެއްޓިދާނެތީ އުޅެނީހެއްޔެވެ؟ ހީލިތަނެއްވެސް ނުފެނެއެވެ.
ޑްރައިވަރު މަޑުމަޑުން ދޮރު ޖަހައިލުމަށްފަހު ކާރު ދުއްވައިލުމާއެކު ޚިޔާލުތައް އެއްފަރާތަށް ލުމަށްފަހު ހުރިހާ ސަމާލުކަމެެއް ހުއްޓުނީ ބޭރަށެވެ. މި ފެންނަނީ ސްކޮޓްލޭންޑްގެ ވެރިރަށް އެޑިންބަރާއެވެ. ހުވަފެނެއްފަދަ ރީތި ތަނެކެވެ. ޕޯސްޓްކާޑެއްފަދައެވެ.
ފުރަތަމަ ކޮޅު، މިލްހާ ހުރީ މާ ބޮޑަށް އެހެން ކަންކަމަށް ގެއްލިފައިކަމުން ވާހަކަދައްކާކަށް ނޭނގުނެވެ. ބިއްލޫރިގަނޑުން ބޭރުން އެޑިންބަރާ ފެންނަން ހުއްޓެވެ. އެއީ ވަރަށް ރީތި ތަނެކެވެ. ނަމަވެސް އެއީ އޭނާ ކުރިން ދުވަހަކުވެސް ދެކެފައިނުވާފަދަ ރީތިކަމެކެވެ.ގިނަ އިމާރާތްތައް ހުރީ ކަޅުކުލައިގެ ހިލައިންނެވެ. އުސް އަދި ހަނި ތަންތަނެވެ. ދުވަސްވުމުގެ ސަބަބުންނާއި މޫސުމްގެ ސަބަބޔން ކަޅުވެފައިވެއެވެ. ވާރެއިން ތެންމާލާފައިވާ މަގުތަކުގެ ދެފަރާތުގައި ދަގަނޑު ރެއިލުންތައްވެސް ހުއްޓެވެ. ހަނި މަގުތައް ގޮސް ނިމެނީ އިހުގެ އިމާރާތްތަކަށެވެ. ވާހަކަފޮތްތަކުން ފެންނަފަދައިން އެޑިންބަރާގެ ހަވޭލީގެ ހިޔަނި ޝަހަރުގެ މަތިން ފެންނާން ހުއްޓެވެ.
މިލްހާ ހައިރާންވެ އަނގަ ހުޅުވިފައިއިނެވެ. އަދި ބިއްލޫރިގަނޑުގައި މޫނު ޖައްސައިލިއެވެ." މި އިމާރާތްތަކުގައި މީހުން އުޅޭތަ؟
މިލްހާ ބިއްލޫރިގަނޑާ ކައިރިވެލިއެވެ. "މި ޢިމާރާތްތަކުގައި މީހުން އުޅޭތަ؟ މިއީ ޖިންނި އަވަލާފައިވާ ތަންތަނާއި މަށަށް ވައްތަރުވަނީ...."
މިލްހާ ބިއްލޫރިގަނޑުން ވަކި އިމާރާތަކަށް އިޝާރަތްކޮށްލިއެވެ. "އެހެރަ ތަނުގައި ޖިންނިއެއް އުޅޭނެކަން ކަށަވަރު."
"ކީއްވެ؟" މިލްހާ އެބުނި ކަޅުކުލައިގެ ޢިމާރާތަށް ބަލައިލަމުން ސިފްރާން ބުމަ އަރުވައިލިއެވެ.
"އެތަނަށް ރަގަޅަށް ބަލައިލަބަލަ.........."
"އަހަންނަކަށް ޖިންނި ނުފެނޭ....." ސިފްރާން ގެ އަޑަށް ހަރުކަށިކަމެއް ވެރިވިއެވެ.
އޭނަ ކުޑަކޮށް ލޯ އަޅާލީ މަގަށް ނަޒަރު ހުއްޓައިލަމުންނެވެ. އެންމެރަގަޅުވާނީ ސިފްރާންއާއި އަނގައިން ނުބުނެ އިނިއްޔާއެވެ. މިއީވެސް އިންސާނެއްކަމާއިމެދު ހައްތާ ޝައްކުވަނީއެވެ. "ޖިންނި"އޭ ބުނުމުން އަދި މާ ނުރުހުންވި ފާޑު ޖެހިއެވެ.
މިތަނަކީ މިލްހާ އެންމެ ގަޔާވާފަދަ ގައުމަކަށް ނުވިއެވެ. ސަބަބުތައް ގިނައެވެ. ރާއްޖެފަދަ ޖަޒީރާ ގައުމަކާއި އަޅާބަލާއިރު މިތަން ތަފާތުކަމުން ހައިރާންވާހާވެއެވެ. އުޖާލާ ހޫނުކަން ތަަސައްވަރުކޮށްދޭފަދަ ކުލައެއް ނެތެވެ. ވައިގައި ހެލިލާ ރުކެއް ނެތެވެ. ޢިމާރާތްތަކުގެ ދޭތެރެއިން ކުއްލިއަކަށް ފެނިލާ ނޫ ކުލައިގެ މޫދެއް ނެތެވެ. އޭގެ ބަދަލުގައި ދުންފިނީގެ ތެރެއަށް ގެއްލިފައިވާ ދުން ހޮޅިތަކާއި ގަލުން ހަދާފައިވާ ފާރުތައް މަތީގައި ހޫރެމުން ދިޔަ ގަސްތަކާއި ފޮރުވިފައިވާ ބިއްލޫރިތަކުގެ ފުރަގަހުން ދިއްލިފައިވާ ކުދި ކެފޭތަކެވެ. އެތައް ސަތޭކަ އަހަރެއްވާންދެން ވަންދެން މި ޝަހަރު ބަދަލުވަމުންދިޔަ މަންޒަރު ބަލަން ތިބިފަދަ މުސްކުޅި ޢިމާރާތްތަކެވެ.
އެޑިންބަރާގެ ހަލަބޮލި ސަރަހައްދާއި ދުރަށް ދިޔަވަރަކަށް މަގުތައް މަޑުމަޑުން ފަޅުވެ ހިމޭންވަމުންދިޔައެވެ.
ޢިމާރާތްތައް މަދުވެ ހުސް ބިންތައް ފެންނާންފެށިއެވެ. މަގުތަކުގެ ދެފަރާތުގައި ހިލަ ފާރުތަކެވެ.
ކުދިި ފަރުބަދަތަކާއި ގަސްތަކާއި ދަނޑުބިންތަކުގައި ވިނަކާން ތިބި ކަންބަޅިތަކާއި އަދި ފިނި ވައިގެ ތެރެއަށް ދުން އަރުވަމުންދިޔަ ކުދި ކޮޓެޖްތައް ފެންނަމުން ދިޔައީ ކުޅަދާނަ ކުރެހުންތެރިއެއްގެ މޮޅު ކުރެހުމެއްހެންނެވެ. އަޖައިބުވާހާ ރީއްޗެވެ. ހުވަފެނީއެވެ.
ނިމުމެއްނެތް ފަރުބަދަތަކުގެ ސިލްސިލާތަކާއި ޚަރީފު މޫސުމްގެ ކުލަތަކުން ފުރިފައިވާ ގަސްތަކަށް ބަލަހައްޓައިގެން އިންއިރު ހިތަށް ހަމަޖެހުމެއް ލިބުނެވެ.
އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުގެ އައްސޭރިފަށުގައެވެ. ދިވެހިރާއްޖޭގެ ހޫނު އަވީގެ އަރާމު މާހައުލުގައެވެ. ނަމަވެސް މިއަދު އޭނާ މި ހުރީ ﷲ ޚަލްޤު ކުރެއްވި މުޅިން ތަފާތު ބައިތައް ހަމަ ލޮލުން ފެނި އަތުން ހިފުމުގެ ދަތުރުގައެވެ.. ތަފާތު އުޑެކެވެ. ތަފާތު ބިމެކެވެ. ތަފާތު ކުލަތަކެވެ. އެކަމުން އޭނާއަށް ހަނދާންވެގެންދިޔައީ ﷲ ގެ އާޔަތްތައް ކިހާ ގިނަކަމާއި، އަދި އޭނާއަށް އޭގެ ކިހާ މަދު މިންވަރެއް ފެނިފައިވާކަމެވެ. އޭނާއަށް އެނގުނީ ﷲ ގެ ކުޅަދުންވަންތަކާއި އުފައްދަވާފައިވާތަކެތި ލައްވާފައިވަނީ ހަމައެކަނި އޭނާއަށް އެނގޭ ތަންތަނުގައި ނޫންކަމެވެ. ހުރިހާ ތަނަކުން ފެންނަނީ ﷲ ތައާލާގެ ކުޅަދުންވަންތަކަމެވެ. އޭނާ ބޮޑުވި ކަނޑުގަޔާއި، އަލަށް ފެނުނު ފަރުބަދަތަކަށް ވެހެމުންދާ ފިނި ވާރޭގަޔާއި ރަނުގެ ކުލައަށް ބަދަލުވަމުންދާ ކޮންމެ ފަތެއްގައިވެސް މެއެވެ. ސުބުޙާނަﷲ..ކޮންފަދަ ފުރިހަކަމެއް ހެއްޔެވެ؟
ސޫރަތުއް ރަޙްމٰާން އަކީ އޭނަ ހިތު ދަސްވެފައިވާ ސޫރަތެކެވެ. އޭނަ ކުޑައިރު މަންމަ ގިނަގިނައިން އެ ސޫރަތް ކިޔުއްވިއެވެ. އަދި މިލްހާވަނީ މަންމަ ކިތަންމެފަހަރަކު އެ ސޫރަތް ކިޔަވި އަޑު އަހާފައެވެ. "ފަހެ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ނިއުމަތްތަކުން ދޮގުކޮށް އިންކާރު ކުރަނީ ކޮން ނިއުމަތަކަށް ހެއްޔެވެ؟" އެ އާޔަތުގެ މާނަ ހަނދާންވުމާއެކު މަޑުމަޑުން ހިނިތުންވެލެވުނެވެ. ގުނައި ޢަދަދު ނުކުރެވޭހާ ގިނައެވެ.
"ސިފްރާން މިތާގައި އުޅޭތާ ކިހާ ދުވަހެއްވެއްޖެ؟" އޭނަ ސިފްރާންއާއި ދިމާލަށް އެނބުރުނެވެ.
"އަހަރެން މުޅި އުމުރުދުވަހު އުޅުނީ މިތާގައި....." ސިފްރާން އިނީ އަމިއްލަ ޚިޔާލެއްގައެވެ. މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ.
"ދެން ކިހިނެއް ދިވެހި ބަހުން މިހާ ފަރިތަކޮށް ވާހަކަ ދައްކަނީ؟"
ސިފްރާން އޭނައަށް ޖަވާބު ނުދޭހެން ހީވާހާ ވަގުތު ކޮށްލާފައި ކިރިޔާ އިވޭވަރަށް ބުނެލިއެވެ.
"އަހަރެންނަށް ރަނގަޅު މުދައްރިސެއް ލިބުނު."
"ގެ ހުރީ ކިހާ ދުރުގައި؟" މިލްހާ ކެތްމަދުވާން ފެށިއެވެ. އޭނާ އަކީ އެއް ތަނެއްގައި ގިނައިރު އިންނަން އާދަވެފައިވާ ކުއްޖެއް ނޫނެވެ. އެހެން އިނުމުގެ ސަބަބުން ދެފައި ވާޅުވާހެން ހީވާންފެށިއެވެ. އެހެންނޫނަސް ބީރައްޓެހި ދެމީހުންނާއެކު ދަތުރުކުރުމުން ފޯރިވެސް ގެއްލިއްޖެއެވެ. މިއިން ގަހަކާއި ސުވާލުކޮށްލިޔަސް މިއަށްވުރެ ރަގަޅެވެ. އަނގައިން ބުނަންވެސް އުދަގޫވެފައިވާ ދެމީހުންނެވެ.
"މާ ދުރެއް ނޫން...." ސިފްރާން ލޯ މަރައިލިއެވެ. މިލްހާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެ އާދައިން އޭނަ ހިމޭންވާން އެންގިފަދައެވެ. ސިފްރާންގެ އިޝާރާތުގެ ބަހުރުވަވެސް ދަސްކުރަންވީއެވެ.
އެ ވަގުތު މިލްހާގެ ސަމާލުކަން ހުއްޓުނީ ޑްރައިވަރުގެ ލޮލަށެވެ. އޭނާ ލޯގަނޑުން ބަލަން އިންކަން އެނގުމުން މިލްހާ ސިހިފައި އަވަސްއަވަހަށް މަގަށް ނަޒަރު ހުއްޓައިލިއެވެ. ޑްރައިވަރުގެ އެ އަމަލުން އުދަގޫވާންފެށިއެވެ. އޭނަ ކިތަންމެފަހަރު އެހެން ބަލަން އިންކަން އެނގި ބިރުގަންނަގޮތްވިއެވެ. ސިފްރާންއަށް އެކަން އެނގޭނެހެނެއް ހިޔެއްނުވެއެވެ. އޭނަ އިނީ ނުލާހިކު ހަމަޖެހިލައިގެން ދެލޯ މަރާލައިގެންނެވެ. ނިދުނީހެއްޔެވެ؟ ތަންކޮޅެއް ބާރަށް އަތުގައި ވިކައިގަންނަން ނޫނީ މޫނުމަތީގައި އެތިފަހަރެއްޖަހަންވެސް ހިތަށް އެރިއެވެ. މިލްހާ ޑްރައިވަރުގެ އަމަލު ފެނުނުކަމަށް ނަހަދާ ސްކާފުން މޫނު ކޮންމެވެސް ވަރަކަށް ފޮރުވިއެވެ. ޑްރައިވަރަށް ނުފެންނާނެހެން އަދިވެސް ބޮޑަށް ކާރުގެ ބިއްލޫރިގަނޑާއި ކައިރިއަށް ޖެހިލިއެވެ.
ދަތުރުގެ ބާކީ ބައިގައި މިލްހާ އިނީ ހިމޭނުންނެވެ. މިލްހާއަށް ވިސްނެމުން ދިޔައީ މިތާގައި މުސްލިމުންގެ އަސަރު ކުޑަކަމެވެ.މިސްކިތެއް ނުފެނެއެވެ. ރަށުގެ ކޮންމެ ދިމާލަކުންވެސް މިސްކިތްތަކެވެ. އޭނާ ހުރީ ބަންގީގެ އަޑު އިވުމަށް އާދަވެފައެވެ. ބައެއްފަހަރު އެއް މިސްކިތަށްވުރެ ގިނަ މިސްކިތުންނެވެ. އޭނާ ނަމާދާ މެދު ނުވިސްނާ ހުންނަ ވަގުތުވެސް ބަންގިން ނަމާދަށް އަރަން ޖެހޭނެކަން ހަނދާންކޮށްދެއެވެ.
މިތާ ގެ ދިރިއުޅުން ތަފާތުވާނެވަރު އޭނާއަށް ވިސްނުނެވެ. ނަމާދު ވަގުތުތައް ބަލަން އިތުރަށް ސަމާލުވާންޖެހޭނެއެވެ. އެންމެ ކައިރީގައި ހުރި މިސްކިތް ހޯދަންޖެހޭނެއެވެ. މި އާ ހަޔާތުގެ ތެރެއަށް ގެއްލިގެން އޭނާ މިތަނަށް ގެނައި ފަރާތް ހަނދާން ނައްތައިނުލާކަން ކަށަވަރުކުރަންޖެހޭނެއެވެ. މަންމަ އެންމެފަހު ވަގުތުވެސް ނަަސޭހަތްތެރިވީ ނަމާދާއި މެދުގައެވެ.
ގާތްގަނޑަކަށް އިތުރު އެއް ގަޑިއިރު ދުއްވުމަށްފަހު ދުންފިނީގެ ތެރެއިން ބޮޑު ދެ ދަގަނޑު ގޭޓެއް ފެނުނެވެ.
މިލްހާ ހަށިގަނޑު ސީދާކޮށްލިއެވެ. ކާރު އަރާހަމަވުމާއެކު ގޭޓް ހުޅުވުނެވެ. ގޭޓުވަނީ އަމިއްލަ ދިގު މަގަކަށެވެ. ދެ ފަރާތުގައި ގަސްތައް ހުރިއިރު މަގުމައްޗަށް ވެރިފައިވާ ފަތްތައް ފެނެއެވެ.
ދުންފިނީގެ ފަރުދާ ތުނިވަމުން ދިޔަވަރަކަށް ފެށީ ބޮޑު މާސިންގާ ގެއެކެވެ.
މިލްހާގެ އަނގަ ހުޅުވުނެވެ. އެއީ ގެއެއް ނޫނެވެ. ޔަގީނުންވެސް އޭނާ އުޅޭނެ ކަމަށް ހީކުރި ފަދަ ގެއެއް ނޫނެވެ.
ފަރުބަދައިގެ ބުޑުން ރީތި މާމުއިކުލައިއިގެ ގާތަކުން އުދަރެހާއި ހަަމަޔަށް އިމާރާތްކުރެވިފައިވާ އެ ގަނޑުވަރެއްފަދަ ފުރިހަމަ ގެ މެންދުރުގެ މަޑު އަލީގައި ވިދަމުން ދާއިރު ނިކަން ޗާލެވެ. އުސް ކުޑަދޮރުތައް ފްރޭމްކޮށްފައިވަނީ ރީތިކޮށް ކަނޑާފައިވާ ހިލަ ހުއްޓެވެ. ފިނި މެންދުރުގެ ވަގުތުގައި ބޮޑު ގެ ވަރަށް ރީތިކޮށް ފެންނަގޮތަށް ބައެއް ކުޑަދޮރުތަކުން ރަން އަލިތައް ނުކުމެއެވެ.
ބިންގަނޑުވެސް ހަމަ އެހާ ފުރިހަމައެވެ.
ފަރުބަދައިގެ ތިރިއަށް ދެމިގެންދާ ފެހި ވިނަގަނޑުތަކާއި ރަނާއި ކޮޕަރ އަދި ފުން ރަތް ކުލައަށް ބަދަލުވަމުންދިޔަ ދުވަސްވީ ގަސްތައްގިނައެވެ. ތަންކޮޅެއް ތިރީގައި ހިލަ މަގުތަކާއި ފެންއަރުވާ ނިޒާމާއި މާތަކުގެ ބަގީޗާތައް ހުއްޓެވެ. ބިންގަނޑުވަނީ ދުރުދުރަށްދާންދެން ފެތުރި ޖަންގައްޔާއި ފަރުބަދަތަކާއި ހަމައިން ދުންފިނީގެ ތެރެއަށް ގެއްލިފައެވެ.
މިލްހާ ބަލަހައްޓައިގެންއިނީ އާޝޯޚުވެފައެވެ. މިއީ ހަމަ ހަގީގަތެއްހެއްޔެވެ؟ ރަފާއަށް ފެނިއްުޖެއްޔާ އަނބުރައިގެންފާނެއެވެ. އޭނާގެ ހައިރާންކަމާއެކު ލައްވާލި އަޑުން ސިފްރާން ނިދަން އޮތަސް ހޭލެވުނެވެ.
"އެއީ ގެއެއް ނޫން........" މިލްހާ އަނގަމަތީގައި އަތް އެޅިއެވެ.
"ދެން ކޮން އެއްޗެއް؟"
"ރަސްކަލެއްގެ ގަނޑުވަރެއް." މިލްހާ މަޑުމަޑުން ބުނެލިއެވެ. "މި ތަން މާލެއަށްވުރެ ބޮޑުހެން ހީވަނީ. މުޅި އާބާދީއެއްކޮށް މިތަނަށް ލެވިދާނެކަން ޔަގީން.........."
ސިފްރާން އިނީ ހިމޭނުންނެވެ. ސުވަލެއް ނުކުރަންޏާ ޖަވާބުދޭން ނުޖެހޭނެތާއެވެ. އެކަން އެނގިގެން އޭނަ ސުވާލެއްކުރިއެވެ.
"މިތާގައި އަސްލު ކިތައް މީހުން އުޅޭތަ؟"
"އަހަރެންގެ މައިންބަފައިންނާއި ބޮޑުދައިތަ...ބޮޑުދައިތަގެ ދެކުދިން...."
މިލްހާ އިނގިލިތަކުން ގުނަން ފެށިއެވެ. "އެހެންވީމަ ސިފްރާނާއި އަހަންނާއި ލީމަ ހަތް މީހުން؟"
ނުނިމޭ