ވޮލީގެ ސެޓެއް 64-66 އަށް: ޖަރުމަނާއި އިޓަލީން މި ގާއިމުކުރީ ދުނިޔޭގެ ރެކޯޑެއް

ޖަރުމަނާއި އިޓަލީ ވާދަކުރި ދުނިޔޭގެ ރެކޯޑު ގާއިމުކުރި މެޗުގެ ތެރެއިން--

ދުނިޔޭގެ އެކި ހިސާބުތަކުގައި އެތަކެއް ސަތޭކަ ކުޅިވަރެއް ކުޅެވެމުންދާއިރު، އެކި ކުޅިވަރުތައް ކުޅެނީ އެކި ގަވާއިދުތަކަށެވެ. ބައެއް ކުޅިވަރުތައް ވަކި ޓައިމް ލިމިޓެއް ކަނޑައަޅައިގެން ކުޅޭއިރު، އަނެއްބައި ކުޅިވަރުތަކުގައި އެކަމެއް ނޯވެއެވެ. މިސާލަކަށް ފުޓުބޯޅަ މެޗެއް އާންމުކޮށް ކުޅެނީ 90 މިނެޓަށެވެ.

ދެ ހާފުގެ ފަހުކޮޅަށް އެއްކުރާ ވަގުތުކޮޅާ ލައިގެން ގާތްގަނޑަކަށް 100 ވަރަކަށް މިނެޓަށްވެސް ދިގުދެމިދާނެއެވެ. ނޮކްއައުޓް މެޗެއްގައި 90 މިނެޓުން ނަތީޖާ ނުނެރެވިއްޖެ ހާލަތެއްގައި އިތުރު ބައިގަޑިއިރު ކުޅެ ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ 200 ވަރަކަށް މިނެޓަށް (3 ގަޑިއިރާ 3 ވަރަކަށް މިނެޓަށް) ދެމިގެން ހިނގައިދާނެއެވެ.

ޖަރުމަނާއި އިޓަލީ ވާދަކުރި ދުނިޔޭގެ ރެކޯޑު ގާއިމުކުރި މެޗުގެ ތެރެއިން--

ނަމަވެސް ޓެނިސް ކަހަލަ ކުޅިވަރަކަށް ބަލާއިރު، މިއީ ވަކި ޓައިމް ލިމިޓެއް އޮންނަ ކުޅިވަރުތަކެއް ނޫނެވެ. ތިން ސެޓަށް ކުޅެގެން، ކޮންމެ ސެޓެއްގައި ކޮންމެވެސް އެއް ކުޅުންތެރިއަކަށް ވަކި މިންވަރަކަށް ޕޮއިންޓު ލިބެންދެން އެ ސެޓެއް ދެމިގެންދާނެއެވެ. އެކަމުގައި ބައިގަޑިއިރެއް، ގަޑިއިރެއް ހޭދަވިޔަސް ފަރުވާލެއް ނެތެވެ.

ވޮލީއަކީވެސް މިފަދަ ކުޅިވަރެކެވެ. އާންމުގޮތެއްގައި ކޮންމެ ސެޓެއް 25 ޕޮއިންޓަށް ކުޅޭނަމަވެސް، ސެޓުގައި ބަލިވާ ޓީމުން 2 ޕޮއިންޓަށްވުރެ ފަރަގު ކުޑަކޮށްފިނަމަ، މޮޅުވާ ޓީމަށް 2 ޕޮއިންޓުގެ ލީޑެއް ނެގެންދެން ސެޓު ކުރިއަށްދާނެއެވެ. މިކަމުގައިވެސް ވަގުތުގެ ފަރުވާލެއް ނެތެވެ.

ނަމަވެސް، އާންމު ގޮތެއްގައި ގަޑިއިރެއް ނުވަތަ ދޮޅުގަޑިއިރެއް ތެރޭގައި ވޮލީ މެޗެއް ނިމޭނެއެވެ. ރާއްޖޭގައި އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕަށް ބަލާއިރު މުބާރާތުގެ ފައިނަލް މެޗު ދެމިފައިވަނީ ދެގަޑިއިރާއި މިނެޓެއް ވަރަށެވެ. ފަހު ސެޓުގެ ނަތީޖާއަކީ 31-33 އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ފިފްޕަވް ކަޕް މެން އެލީޓްގައި ޖަރުމަނާއި އިޓަލީ ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓުގައި މިވަނީ މިނަތީޖާގެ ގާތްގަނޑަކަށް ދެގުނަ، 64-66 ނެރުމަށް ވީއޭއެމް ކަޕް ފައިނަލް މެޗަށް މުޅި ޖުމްލަ ހޭދަވި ވަގުތުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްފައެވެ.

ޖަރުމަނާއި އިޓަލީ ވާދަކުރި ދުނިޔޭގެ ރެކޯޑު ގާއިމުކުރި މެޗުގެ ތެރެއިން--

އާދެ، މި މެޗުގެ ފުރަތަމަ ސެޓު އެކަނި 1 ގަޑިއިރާއި 29 މިނެޓަށް ދެމިގެންގޮސްފައި ވެއެވެ. ދެޓީމު އެކުގައި ޖުމްލަ 48 ފަހަރު ސެޓް ޕޮއިންޓަށް ދިޔަނަމަވެސް ސެޓު ނިންމާލެވޭ ގޮތެއް ނުވިއެވެ. ޖަރުމަނުގެ 15 ވަނަ ސެޓް ޕޮއިންޓުން އެޓީމަށް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށްދިނީ ޓޯބިއަސް ބްރޭންޑެވެ. އޭނާ އެކަނިވެސް މި ސެޓުގައި 12 ޕޮއިންޓު ކާމިޔާބުކޮށްފައިވެއެވެ.

މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޓޯބިއަސް ބުނީ، މިއީ އޭނާ ކުޅުނު އެންމެ ދިގު މެޗު ކަމަށާއި މީގެ ކުރިން މިފަދަ ފުރަތަމަ ސެޓެއް، މެޗުގައި ކުޅުނު އެއްވެސް ކުޅުންތެރިއެއް ތަޖުރިބާކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި މިމެޗަކީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު ޓެސްޓަކަށްވި ކަމަށް ޓޯބިއަސް ބުންޏެވެ.

ޓޯބިއަސްގެ އިތުރުން ދެޓީމުގެ ހެޑް ކޯޗުންވެސް ވަނީ މެޗުގެ ފުރަތަމަ ސެޓަކީ ވަކި މެޗެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެމީހުންވެސް މިވަރުގެ ސެޓެއް މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާކަން ދެ ކޯޗުންވެސް ފާހަގަކުރިއެވެ.

ޖަރުމަނާއި އިޓަލީ ވާދަކުރި ދުނިޔޭގެ ރެކޯޑު ގާއިމުކުރި މެޗުގެ ތެރެއިން--

ނަމަވެސް މިކަހަލަ ދިގު ސެޓުތަކަކީ އިޓަލީގެ ކޯޗު، ފާޑިނަންޑޯ ޑެ ޖޯޖީއަށް އައު ކަމެއް ނޫނެވެ. އޭނާއަކީ މީގެ ކުރިން ކުލަބް ލެވަލްގައި ފެނުނު އެންމެ ދިގު ސެޓު ކުޅުމުގައި ބައިވެރިވި ކުޅުންތެރިއެކެވެ. ޑެ ޖޯޖީގެ ކުނެއޯ އާއި ޓްރެވީސޯ 2002 ވަނަ އަހަރު ކުޅުނު މެޗުގައި ވަނީ 52-54 ގެ ސެޓެއް ކުޅެފައެވެ.

އިޓަލީ ވިލާތާއި ޖަރުމަނުވިލާތް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު 60 ޕޮއިންޓަށް އެރި ނަމަވެސް މެޗުގެ ބާކީ ސެޓުތައް ގޮސްފައިވަނީ 25-22, 23-25, 25-22 އިންނެވެ. އަދި ޓައި ބްރޭކަރ ސެޓުން ޖަރުމަނު މޮޅުވެފައިވަނީ 12-15 އިންނެވެ.

މީގެ ކުރިން ކުޅުނު އެންމެ ދިގު ސެޓުގެ ރެކޯޑު އޮތީ ހަމަ މިއަހަރު، ވީއެންއެލް ގައި އާޖެންޓީނާ އާއި ޕޮލެންޑު ބައްދަލުކުރި މެޗުގައެވެ. 50-48 އިން މި ސެޓު ކާމިޔާބުކުރީ އާޖެންޓީނާއިންނެވެ. ނަމަވެސް ޕޮލެންޑުން ވަނީ ފަހަތުން އަރައި 1-3 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް