ހުޅުމާލެ ފޭސް-2 ގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: އެކްސިޑެންޓުތައް މި ދުވަސްވަރު ވަނީ އިތުރުވެފައި -- ފޮޓޯ/ ފުލުހުން

ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކުގެ ކަނާތު ފައިތިލަ މަތިން ކަނޑައިގެން ގޮސް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ނިރޮޅުމަގާއި ނިކަގަސްމަގު ގޯޅި 2 ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިރޭ 8:11 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެކަކުގެ ކަނާތު ފައިތިލަ މަތިން ކަނޑައިގެން ގޮސް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ބޮޑެތި އެކްސިޑެންޓުތައް ވަރަށް އާންމުވެފައިވާ ދުވަސްވަރެކެވެ.

މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރިން ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވަނީ އުމުރުން ދުވަސްވީ ދެ މީހަކަށް ވެސް އަނިޔާވެފައެވެ.

މީގެ އިތުރުން ވެސް ނުރައްކާތެރި ދެ ހާދިސާއެއްގައި ކުޑަ ދެ ކުދިން ވެސް ވަނީ މަރުވެފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ، ކ.މާލެ، މ.ލެމަންޓްރީ1، ޒީވާ ސިނާން އަޙްމަދު ވަނީ މަރުވެފައެވެ. އަދި ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެސް އިއްޔެ ވަނީ މަރުވެފައެވެ.

comment ކޮމެންޓް