ތައިލެންޑުގެ އައު ވިސާ ސިޔާސަތު 15ގައި ތަންފީޒުކުރަނީ؛ ދިވެހީންނަށް ވިސާއާ ނުލައި ދެން ތިބެވޭނީ 30 ދުވަހު!

ތައިލެންޑުން ވިސާ ސިޔާސަތަށް ގެނައި ބަދަލުތަކަށް މި މަހުގެ 15ގައި އަމަލުކުރަން ފެށުމާއެކު، ދިވެހީންނަށް ދެން އެ ގައުމުގައި ވިސާއާ ނުލައި 30 ދުވަހަށް ތިބެވޭނެކަން ދިވެހި ފޮރިން މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.

ކުރިން އޮންނަ ގޮތުން ދިވެހީންނަށް އެ ގައުމުގައި ވިސާއާ ނުލައި 60 ދުވަހު ތިބެވެއެވެ.

ތައިލެންޑުގެ ސަރުކާރުން މިދިޔަ މެއި މަހުގެ ތެރޭގައި ފާސްކުރި އައު އުސޫލުގެ ދަށުން، ގިނަ ގައުމުތަކުގެ ރައްޔިތުންނަށް ވިސާއާ ނުލައި ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ރާއްޖެ ހިމަނާފައި އޭރު އޮތީ އެއަށްވުރެ ވެސް ކުރު މުއްދަތެއް ލިބޭ ގައުމުތަކުގެ ތެރޭގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ދިވެހީންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 15 ދުވަހަށް ކުރުކުރަން ނިންމުމުން، މިދިޔަ ޖޫން މަހުގެ 29ގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯއަށް ފޯނުން ގުޅުއްވި ކަމަށެވެ. އަދި ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14ގައި ތައިލެންޑުން ވިސާ ސިޔާސަތު އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރިއިރު، ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނީ، އެ އިސްލާހުތައް މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި މަހުގެ 15އިން ފެށިގެން އެ ބަދަލުތަކަށް ޢަމަލުކުރަން ފަށާނެ ކަމަށެވެ.

އެ ބަދަލާ ގުޅިގެން، މި މަހުގެ 15އިން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެކަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

މިނިސްޓަރު އިރުތިޝާމް: ދިވެހީންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 15 ދުވަހަށް ވުރެ އިތުރުކޮށްދިނުމަށް އެދިވަޑައިގަތް -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މީގެ ކުރިން، 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ތައިލެންޑުން އައީ ދިވެހިރާއްޖެ ހިމެނޭ ގޮތަށް 93 ގައުމެއްގެ ރައްޔިތުންނަށް 60 ދުވަހުގެ ވިސާ ފްރީ މުއްދަތެއް ދެމުންނެވެ. މި ސްކީމަކީ ކުރީގެ ބޮޑުވަޒީރު ސްރެތާ ތަވީސިންގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމުގެ ބޭނުމުގައި ތައާރަފުކުރި ސްކީމެކެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް ޗުއްޓީ ހޭދަކުރާ މީހުންނަށާއި، އޮންލައިންކޮށް މަސައްކަތްކުރާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބުނެވެ.

ނަމަވެސް، ތައިލެންޑުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެ އުސޫލު ބަދަލުކުރަން ނިންމީ ގަވާއިދާ ޚިލާފަށް އެ ގައުމުގައި މަޑުކުރާ މީހުންނާއި، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންގެ މައްސަލަތައް އިތުރުވުމާ ގުޅިގެންނެވެ. ޚާއްސަކޮށް އޮންލައިން ސްކޭމް ނެޓްވޯކްތައް ހިންގާ މީހުން މި 60 ދުވަހުގެ ވިސާގެ ނާޖާއިޒު ފައިދާ ނަގަމުންދާކަން ކަމާބެހޭ ފަރާތްތަކަށް ފާހަގަކުރެވިފައިވާކަން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ކުޑަކުރުމާއި، ފެންވަރު ރަނގަޅު ފަތުރުވެރިންނަށް އަމާޒުކޮށްގެން ސިޔާސަތުތައް ބައްޓަންކުރުމަކީވެސް އެ ބަދަލު ގެނައި މައިގަނޑު އެއް ސަބަބު ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އާ އުސޫލާއެކު، 60 ދުވަހުގެ ސްކީމް މިހާރު ވަނީ މުޅިން އުވާލާފައެވެ. އަދި ތައިލެންޑަށް އެތެރެވާއިރު ދައްކަންޖެހޭ ލިޔެކިޔުންތައްވެސް އިތުރަށް ހަރުކަށިކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހޮޓާ ބުކިން އާއި، އެނބުރި ދާނެ ޓިކެޓު، އަދި ދަތުރަށް ބޭނުންވާ ފައިސާ ހުރިކަން ކަށަވަރުކުރުމަށް އިމިގްރޭޝަން އޮފިސަރުން އިތުރަށް ސަމާލުކަން ދޭނެއެވެ.

މިފަދަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ބަޔަކީ ދިވެހީންނެވެ. ޚާއްސަކޮށް ބޭސްފަރުވާއަށާއި، ވިޔަފާރިކުރުމަށާއި، ކުރު ޗުއްޓީތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް މިކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.

comment ކޮމެންޓް