ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކުގައި ރައްކާތެރިިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ރޭ ވިދާޅުވެއްޖެއެވެ.
އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމާއި އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެ މަޝްވަރާތައް ކުރަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށްވާއިރު، އެފްޑީސީގެ ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް: އޭނާ ވިދާޅުވީ، އެފްޑީސީ ފުލެޓުތަކުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވަރުގަދަކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް -- ސަން ފޮޓޯމިގޮތުން، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ހަމްދާން ލިޔުއްވާފައިވެއެވެ.
ސަލާމަތީ އިތުރު ފިޔަވަޅުތަކެއް އެފްޑީސީ ފުލެޓުތަކުގައި އަޅާ ކަމަށް ވިދާޅުވި ނަމަވެސް، އެ ފުލެޓުތަކުގައި އަޅާ ފިޔަވަޅުތަކުގެ ތަފުސީލެއް ހަމްދާން ދެއްވާފައެއް ނުވެއެވެ.
އެފްޑީސީން މި ކަން ހާމަކޮށްފައި މި ވަނީ، ހުޅުމާލޭގެ ޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމާފައި ވަނިކޮށެވެ.
ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރަން އަންގަން ނިންމިއިރު، ފުލެޓުތަކުން ކުޑަ ދެ ކުދިން ވެއްޓުނު ދެ ހާދިސާއެއް މި ފަހުން ވަނީ ހިނގައިފައެވެ.
މިދިޔަ އަންގާރަ ދުވަހު ސްޓެލްކޯ ފުލެޓަކުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ވަނީ، އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި، އަނިޔާވެފައެވެ.