އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ރަޝިޔާއަށް ރާއްޖެ މެދުވެރިކޮށް، އެމެރިކާއާއި ޔޫރަޕުގެ އިތުރުން ޗައިނާއިން އުފައްދާ މުދާ ފޮނުވަމުންދާ ކަމަށް 'ދަ ވޯލް ސްޓްރީޓް ޖާނަލް' (ޑަބްލިއުއެސްޖޭ) އިން ކުރި ތަހުގީގީ ނޫސްވެރިކަމުގެ ރިޕޯޓެއްގައި ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު ޑަބްލިއުއެސްޖޭއިން އާންމުކުރި ރިޕޯޓުގައި، ހުޅަނގުގެ އޮފިޝަލުންނާއި ލިޔެކިޔުންތަކާ ހަވާލާދީ ބުނެފައިވަނީ، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އަގުހުރި މުދާ ރަޝިޔާއަށް އެތެރެކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިން އެހީތެރިވެދޭ ކަމަށެވެ. މިގޮތުން، އެމެރިކާއާއި ޔޫރަޕް އަދި ޗައިނާއިން ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަ މުދާ، ރާއްޖެއަށް އެތެރެކުރުމުގެ ބަދަލުގައި ޓްރާންސިޓް ސަރަހައްދުގައި ބެހެއްޓުމަށްފަހު، ރަޝިއާގެ އެރޯފްލޮޓްގެ ފްލައިޓުތަކުގައި މޮސްކޯއަށް ފޮނުވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މި މުއާމަލާތްތަކުގައި ރާއްޖޭގެ އަމިއްލަ ކުންފުނިތަކެއް ކަމަށްވާ 'ފްރެއިޓް ކެއާ' އާއި 'ގޯ އިންވެސްޓްމަންޓް' އިން އެހީތެރިވެދޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ނޫހުން ބުނާ ގޮތުގައި މުދާ މާލެއަށް ގެނައުމަށްފަހު، މޮސްކޯގެ ޝެރެމެޓްޔޭވޯ އިންޓަނޭޝަނަލް އެއާޕޯޓަށް ފޮނުވުމަށް އާ އެއާވޭ ބިލެއް ހަދައެވެ. މި އާ ލިޔުމުގައި މުދާ ފޮނުވި އަސްލު ފަރާތުގެ ނަން އުނިކޮށް، މުދާ ލިބޭ ފަރާތެއްގެ ގޮތުގައި ރަޝިޔާގެ ކުންފުންޏެއްގެ ނަން ހިމަނާ ކަމަށް ޑަބްލިއުއެސްޖޭއިން ބުނެފައިވެއެވެ.
ފްރެއިޓް ކެއާގެ މެނޭޖިން ޑިރެކްޓަރު ހުސައިން ވަހީދު ޑަބްލިއުއެސްޖޭއަށް ވިދާޅުވި ގޮތުގައި، ރަޝިޔާއަށް ޓްރާންސިޓްކުރާ މުދާ އެ ކުންފުނިން ހޭންޑްލްކުރެއެވެ. ނަމަވެސް ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ތަކެތިކަން އެނގިހުރެ އެފަދަ މުދާ އުފުލުމުގައި އެހީތެރިނުވާ ކަމަށާއި، އެއްވެސް ހަނގުރާމައަކަށް ތާއީދުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ގޯ އިންވެސްޓްމަންޓްގެ މެނޭޖިން ޑިރެކްޓަރު މިކަމާ ގުޅޭގޮތުން ވާހަކަދައްކަން ވަނީ ދެކޮޅުހަދާފައި ކަމަށް އެ ނޫހުން ބުންޏެވެ.
ރަޝިޔާއަށް ފޮނުވާ މުދަލުގެ ތެރޭގައި މައިކްރޯޗިޕާއި، އޮޕްޓިކަލް އިންސްޓްރޫމަންޓްސްގެ އިތުރުން މަތިންދާބޯޓުގެ ބައިތައް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން، 2024 ވަނަ އަހަރުގެ މެއި މަހު ޖަރުމަނުގެ ކުންފުންޏަކުން ކިރްގިސްތާނުގެ ފަރާތަކަށް ވިއްކި މުދާތަކެއް ޑުސެލްޑޯފުން މާލެއަށް ގެނައުމަށްފަހު، އެރޯފްލޮޓްގެ ފްލައިޓެއްގައި މޮސްކޯއަށް ފޮނުވާފައިވާ ކަމަށް ޑަބްލިއުއެސްޖޭއިން ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ރިސާޗް ކުންފުންޏެއް ކަމަށްވާ 'އިމްޕޯޓް ޖީނިއަސް' އިން އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2021 ވަނަ އަހަރު ރާއްޖެއިން ރަޝިޔާއަށް އެތެރެކުރި މުދަލުގެ އަގު ހަތް މިލިއަން ޑޮލަރަށް ވުރެ ދަށް ނަމަވެސް، 2022 ވަނަ އަހަރު އެ އަދަދު ވަނީ 630 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ފެންނަން އޮތް އެންމެ ފަހުގެ އަދަދަކީ 160 މިލިއަން ޑޮލަރު ކަމަށާއި، މިދިޔަ އަހަރުގެ ކުރީކޮޅު ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން މި މައުލޫމާތުތައް ސިއްރުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ ޑަބްލިއުއެސްޖޭއިން ބުނެފައިވަނީ، މި މަގު ބަންދުކުރުމަށް އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ބާރުއަޅަމުންދާ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވާ ކަމަށް އެ ނޫހުގައިވެއެވެ.