އެތައް މިލިއަން ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ލޯބިކުރާ ހެރީ ޕޮޓާ ފޮތެއްގެ މައްޗަށް ބިނާކޮށް އެޗްބީއޯއިން ތައްޔާރުކުރާ ޓީވީ ސީރީސްގެ ދެވަނަ ޓްރެއިލާ ދައްކާލައިފިއެވެ.
އެޗްބީއޯއިން އުފައްދަނީ، ޖޭކޭ ރޯލިން ލިޔެފައިވާ ހެރީ ޕޮޓާ ފޮތްތަކުގެ ތެރެއިން ފުރަތަމަ ފޮތް ކަމަށްވާ، ހެރީ ޕޮޓާ އެންޑް ދަ ފިލޯސޮފާސް ސްޓޯންގެ މައްޗަށް ބިނާކޮށްފައިވާ ސީރީސްއެކެވެ. އަށް އެޕިސޯޑު ހިމެނޭނެ އެ ސީރީސްގެ ފުރަތަމަ ޓްރެއިލާ ނެރުނީ މިދިޔަ މާރިޗް މަހުގައެވެ.
ހެރީ ޕޮޓާގެ ރޯލުން ޑޮމިނިކް މެގްލޮކްލިން ފެންނަ މި ސީރިސްގެ އައު ޓްރެއިލާއިން ހޮގްވާޓްސްގައި ހިނގާ ކަންތައްތަކާއި، އޭނާގެ އެންމެ ގާތް ދެ އެކުވެރިންނާ ބައްދަލުވެ، ގުޅުން ބަދަހިވާ ގޮތް ފެނެއެވެ. އެ ދެ އެކުވެރިން ކަމަށްވާ ރޮން ވީސްލީގެ ރޯލުން އަލަސްޓަޔާ ސްޓައުޓް ފެންނައިރު ހަމަޔާނީ ގްރޭންޖާގެ މަގާމުން ފެންނާނީ އަރަބެލާ ސްޓެންޓަންއެވެ.
ހެރީ ޕޮޓާގެ ފިލްމުތަކުން މަންޒަރެއް -- އެ ސީރީސް ދައްކަން ފެށުމަށް ނިންމައިފައިވަނީ މި އަހަރުގެ ޑިސެންބަރު މަހުގެ 25ގައެވެ.
ހެރީ ޕޮޓާގެ ފުރަތަމަ ފޮތް ނެރުނީ 1997ގައި ކަމަށްވާއިރު، އެ ސީރީސްގެ ހަތްވަނަ އަދި އެންމެ ފަހު ފޮތް ނެރުނީ 2007ގައެވެ. އެ ފޮތްތަކަށް ބޮޑު ތަރުހީބެއް ލިބި، ރެކޯޑު އަދަދުތަކަށް ފޮތް ވިކިފައިވެއެވެ. އެގޮތުން އެންމެ ފަހު ނެރުނުތާ 24 ގަޑިއިރު ތެރޭ، އިނގިރޭސިވިލާތުގައި 2.7 މިލިއަން ފޮތް އަދި އެމެރިކާގައި 8.3 މިލިއަން ފޮތް ވިކިފައިވެއެވެ.
އެ ފޮތްތަކުގެ މައްޗަށް ވާނާ ބްރަދާސްއިން ފިލްމު އުފެއްދުމުގެ މަސައްކަތް ފެށީ 1999ގައެވެ. އަދި 2001ގައި ފުރަތަމަ ފިލްމު ނެރުނުއިރު، ފަހު ފިލްމު ނެރުނީ 2011ގައެވެ. އެ ފިލްމުތަކަށް ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، އެ ފްރެންޗައިސްގެ އަގު 25 ބިލިއަން ޑޮލަރަށް އަރާ ކަމަށް 2016ވަނަ އަހަރުގެ ހިސާބުތަކުން ދައްކައެވެ.