ޗައިނާގައި "އޮފީސް އޭޖިން" އާ ދެކޮޅަށް މުވައްޒަފުން ކުޑަ ނަގައިފި

ޗައިނާ އޮފީސްތަކުގައި ކުޑަނަގައި މާސްކް އަޅައިގެން---

ޗައިނާގެ އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން، އޮފީސް ތެރޭގައި ކުޑަ ނަގައި، މޫނު ނިވާކުރާ މާސްކު އަޅައި އަދި ސަންސްކްރީން އުނގުޅަން ފަށައިފިއެވެ. ސޯޝަލް މީޑިއާގައި މި މުވައްޒަފުން ބުނާ ގޮތުގައި، މި ފިޔަވަޅުތައް އަޅަނީ "އޮފީސް އޭޖިން" ނުވަތަ އޮފީހުގެ ގަދަ އަލިކަމާއި ވައި ނުސާފުވުމުގެ ސަބަބުން ހަންގަނޑަށާއި ލޮލަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށެވެ.

އޮފީސް އޭޖިންއަކީ އޮފީސް މާހައުލުގައި ގިނަވަގުތު ހޭދަކުރަންޖެހުމުން ވަރުބަލިވުމާއި މުސްކުޅިވުން އަވަސްވުމަށް ބުނެއުޅޭ ބަހެކެވެ.

ޗައިނާގެ އިރުމަތީ ޖިއަންގްސޫ ޕްރޮވިންސަށް ނިސްބަތްވާ "ރެޑްނޯޓް" އެޕްލިކޭޝަންގެ ޔޫޒަރެއް ކަމަށްވާ ލެލެހަންގްމޫ ބުނި ގޮތުގައި، ވަޒީފާއަށް ނުކުންނަން ފެށިތާ އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ހަންގަނޑު ކަޅުވެ، ލޮލަށް ވަރުބަލިކަން އިހުސާސްކުރެވެން ފެށިއެވެ. މި ޕޯސްޓަށް ތާއީދުކޮށް އެހެން މީހަކު ބުނީ ޗުއްޓީއެއް ނެގުމަށްފަހު އޭނާގެ ހަންގަނޑު އަލިވި ކަމަށެވެ. އަދި އޮފީހުގައި އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމުގެ ސަބަބުން އުނދަގޫވާ ކަމަށްވެސް ބައެއް މީހުން ފާހަގަކުރިއެވެ.

ޗައިނާގެ އޮފީސް ޑެސްކެއް ކައިރި ކުޑަ ނަގައިފައި---

ޓިކްޓޮކްގައި އާންމުވެފައިވާ ޓްރެންޑަކުން ދައްކާ ގޮތުގައި، ހެނދުނު އޮފީހަށް ދާއިރު ހުންނަ ތާޒާކަން، ހަވީރުވާއިރު ގެއްލި، އިސްތަށިގަނޑު ތެޔޮވެ، ހަންގަނޑުގެ އުޖާލާކަން ކެނޑި، މޫނުމަތި ދުޅަވެއެވެ. މީގެ އިތުރުން، ގިނައިރު އިށީނދެ ތިބުމުގެ ސަބަބުން ދިމާވާ ސިއްހީ ކަންކަމާއި، މަސައްކަތުގައި ވިސްނަން ތިބޭއިރު މޫނަށް އަރާ ރޫތަކުގެ ވާހަކަވެސް މުވައްޒަފުން ދަނީ ދައްކަމުންނެވެ.

މިކަންކަމުން ސަލާމަތްވުމަށް މުވައްޒަފުން ދަނީ އަމިއްލަ މޭޒުމަތީގައި ކުޑަ ހަރުކޮށް، އަވިން ސަލާމަތްވާ ތޮފި އަޅައި، އަތާއި މޫނުގައި ސަންސްކްރީން އުނގުޅަމުންނެވެ. އަދި ހާސްކަން ފިލުވުމަށްޓަކައި، ހުސްކޮށްފައި ހުންނަ ކިރު-ސައި ތަށި ބޭނުންކޮށްގެން އަމިއްލައަށް ހިއުމިޑިފަޔާ ހެދުމާއި، މޭޒުމަތީގައި ހިލަކޮޅު ނުވަތަ އަނބު އޮށް ފަދަ ތަކެތި އާދަޔާހިލާފު "ޕެޓް" އެއްގެ ގޮތުގައި ގެންގުޅެ، އެއާ ކުޅެ ހެދުން ފަދަ ކަންކަންވެސް މުވައްޒަފުން ކުރެއެވެ.

ލައިޓިން ޑިޒައިނަރެއް ކަމަށްވާ ޔޯކީ މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، އޮފީސްތަކުގައި އާންމުކޮށް ބޭނުންކުރަނީ މުވައްޒަފުންގެ ސަމާލުކަން އިތުރުކުރުމަށް "ކޫލް-ޓޯން" އަލިކަމެކެވެ. ނަމަވެސް، ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި މީގެ ނަތީޖާ ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.

އޮފީހުގެ މާހައުލުގައި ހުންނަ ހިކި ވައި، ހިރަފުސް ހުންނަ ވެންޓިލޭޝަން ސިސްޓަމްތައް އަދި ކާބަން ޑައިއޮކްސައިޑް ގިނަވުމަކީ މުވައްޒަފުންނަށް ޖިސްމާނީ އަދި ނަފްސާނީ ވަރުބަލިކަން ކުރިމަތިކުރުވާ ކަންކަމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 1980 ގެ އަހަރުތަކުގައި ވަނީ ވަކި ބައްޔެއްކަން ދެނެނުގަނެވޭ ގޮތަށް އިމާރާތްތަކުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް "ސިކް ބިލްޑިން ސިންޑްރޯމް" ގެ ނަން ދީފައެވެ.

އިންޑިއާގެ ސޯޝަލް މެޑިސިން އިލްމުވެރިއެއް ކަމަށްވާ ސުމޭދާ ޖޯޝީ 2008 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މި ސިންޑްރޯމްގެ ސަބަބުން މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވެ، މުވައްޒަފުން ސަލާމް ބުނާ މިންވަރު އިތުރުވެއެވެ.

މި މައްސަލަތަކުގެ އަޑީގައި ވަނީ މަސައްކަތުގެ މާހައުލާއި މާ ގިނައިރު މަސައްކަތްކުރަން ޖެހުމުގެ ކަންބޮޑުވުންތަކެވެ. އިންޓަނެޓްގައި ހިޔާލުފާޅުކުރި މީހަކު ލިޔެފައިވާ ގޮތުގައި، ރަނގަޅު އޮފީހެއް ލިބުމަކީ އިތުރު އިނާޔަތެއް ނޫން ކަމަށާއި، އެއީ އަސާސީ ހައްގެކެވެ. އަދި މީހުންނަކީ ހަމައެކަނި މެޝިނެއްގެ ބައެއްގެ ގޮތުގައި ތިބޭ ބަޔަކަށް ނުވެ، މަސައްކަތުގެ މާހައުލު ބައްޓަންކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ރިޕޯޓުތައް ބުނާ ގޮތުން، މިދިޔަ މެއި މަހުގެ ނިޔަލަށް ޗައިނާގައި ހަފްތާއަކު މަސައްކަތްކުރާ އެވްރެޖް ވަގުތު ހުރީ 48.2 ގަޑިއިރުގައެވެ. މިއީ ގާނޫނީ ގޮތުން ކަނޑައަޅާފައިވާ 44 ގަޑިއިރުގެ ލިމިޓަށް ވުރެ އިތުރު އަދަދެކެވެ.

comment ކޮމެންޓް