ޗީފް ސްޓެޓިސްޓީޝަނަކަށް ޑރ. ރިޔާޒު އައްޔަނުކޮށްފި

ޗީފް ސްޓެޓިސްޓީޝަނަކަށް އަލަށް އައްޔަނުކުރި ޑރ. ރިޔާޒު ---

ޗީފް ސްޓެޓިސްޓީޝަނަކަށް ޑރ. އަހުމަދު ރިޔާޒު އައްޔަނުކޮށްފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރިޔާޒު މި މަގާމަށް އައްޔަނުކުރީ މިދިޔަ މަހުގެ 23ގައި ކަމަށެވެ.

ޑރ. ރިޔާޒު އެ މަގާމަށް އައްޔަނުކުރެއްވީ، އެ މަގާމުގައި ހުންނެވި އައިޝަތު ހަސަންގެ ދައުރު މިދިޔަ މަހު ހަމަވުމާ ގުޅިގެންނެވެ.

އެޑިއުކޭޝަނަލް ސައިކޮލިޖީން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރިޔާޒު ވަނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި)ގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ކަމާއި ހިސާބު ޓީޗަރުކަން ކުރައްވާފައެވެ.

ޗީފް ސްޓެޓިސްޓީޝަންއަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކީ ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމަށް ފަސް އަހަރުގެ މުއަދަތަކަށް އައްޔަނުކުރާ ބޭފުޅެކެވެ. ގާނޫނުގެ ދަށުން ޗީފް ސްޓެޓިސްޓިޝަނަކީ އިންތިޚާބުކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

comment ކޮމެންޓް