ސްޕެއިންގެ ލަމީން ޔަމާލްއާ ވައްތަރުކަމުން ކެރެލާގެ 15 އަހަރުގެ ކުއްޖަކަށް ދުނިޔޭގެ ސަމާލުކަން

ބާސެލޯނާގެ ތަރި ލަމީން ޔަމާލްއާއި އޭނާއާ ވައްތަރުވި ކެރަލާގެ އެލަން ޖޭމްސް--

ބާސެލޯނާ އަދި ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ތަރި ލަމީން ޔަމާލްއާ ހުރި އާދަޔާޚިލާފު ވައްތަރުކަމެއްގެ ސަބަބުން އިންޑިއާގެ ކެރަލާއަށް ނިސްބަތްވާ 15 އަހަރުގެ ހައިސްކޫލް ދަރިވަރެއް ކަމަށްވާ އެލަން ޖޭމްސްއަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ކޮއްލަމް ޑިސްޓްރިކްޓްގެ ޗާއްކުވަލީއަށް ނިސްބަތްވާ އަދި ގްރޭޑް 10ގައި ކިޔަވަމުންދާ އެލަން ޖޭމްސް އާންމުންގެ ތެރެއަށް މަޝްހޫރުވީ، އޭނާގެ އިސްތަށިގަނޑު ހުންނަ ގޮތާއި، މޫނުމަތީގެ ސިފައިގެ އިތުރުން ހިނިތުންވުން ވެސް ޔަމާލްއާ ދާދި އެއްގޮތްކަން ފާހަގަކުރެވުނު ކުރު ވީޑިއޯއެއް އިންސްޓަގްރާމްގައި ވައިރަލްވުމާ ގުޅިގެންނެވެ.

މިކަން އެންމެ ފުރަތަމަ ފާހަގަކުރީ އެލަންގެ ރައްޓެހިންނާއި ސްކޫލް ކުދިންނެވެ. އިންސްޓަގްރާމްގައި އާންމުވި ވީޑިއޯއެއް މިލިއަނުން މީހުން ބަލައި، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ އޭނާއަށް "އަލީބާބާގެ ޔަމާލް" އަދި "ލެކްޝްމީ ޔަމާލް" ފަދަ ސަމާސާ ނަންތައް ދީފައެވެ.

ލަމީން ޔަމާލްއާ ވައްތަރުވި ކެރެލާގެ އެލަން ޖޭމްސް--

އިންޑިއާގެ ނިއުސް އެޖެންސީއެއް ކަމަށްވާ އޭއެންއައިއިން އާންމުކުރި ވީޑިއޯއެއްގައި، ބާސެލޯނާގެ ޖާޒީއެއްގައި އެލަން ފުޓްބޯޅަ ކުޅެމުންދާ މަންޒަރު ފެންނައިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މިކަން ފާހަގަކޮށްފައެވެ.

އިއްތިފާގަކުން އެލަންއަކީވެސް ފުޓްބޯޅައަށް ލޯބިކުރާ، އޭނާގެ ސްކޫލް ޓީމަށް ޑިފެންޑަރެއްގެ މަގާމަށް ކުޅެމުންދާ ކުޅުންތެރިއެކެވެ. މި ކުއްލި މަޝްހޫރުކަމާއެކު އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ހާހަކަށް އިތުރުވެ، ސަރަހައްދީ ތަފާތު އިވެންޓްތަކާއި ފިހާރަތައް ހުޅުވުމުގެ ރަސްމިއްޔާތުތަކަށް އޭނާއަށް ދަނީ ދައުވަތު ލިބެމުންނެވެ.

ޔަމާލްއާ ސިފަ އެއްގޮތްވި ނަމަވެސް، އެލަން އެންމެ ސަޕޯޓްކުރާ ކުޅުންތެރިއަކީ ލިއޮނެލް މެސީއެވެ. މި ވަގުތު އެލަން މަސައްކަތް ކުރަމުންދަނީ ލިބެމުންދާ މަގުބޫލުކަމާއެކުވެސް، އޭނާގެ ތައުލީމަށް ސަމާލުކަންދީގެން ކުރިއަށް ދިއުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު