އޫބާއާއި ވޭވް ގުޅިގެން ލަންޑަނުގައި ރޮބޯޓެކްސީގެ ޚިދުމަތް ފަށައިފި

ލަންޑަނަކީ ޔޫރަޕުގައި މިފަދަ ޚިދުމަތެއް އޫބާއިން ފެށި ދެވަނަ ސިޓީ --- ފޮޓޯ: ރޮއިޓާސް

ޔޫކޭގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕެއް ކަމަށްވާ "ވޭވް" ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އޫބާއިން ލަންޑަނުގައި އަމިއްލައަށް ދުއްވާ ޓެކްސީ ނުވަތަ "ރޮބޯޓެކްސީ" ގެ ޚިދުމަތް ބުރާސްފަތި ދުވަހު ރަސްމީކޮށް ފަށައިފިއެވެ.

މިއާއެކު ލަންޑަން ވެގެން ގޮސްފައިވަނީ ކްރޮއޭޝިއާގެ ޒަގްރެބަށްފަހު، ޔޫރަޕުގައި މިފަދަ ޚިދުމަތެއް އޫބާއިން ފެށި ދެވަނަ ސިޓީއަށެވެ.

މި ޚިދުމަތް ފެށި ނަމަވެސް، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކާރުތައް ދުއްވާނީ ލައިސަންސް އޮތް ޑްރައިވަރަކު (ސޭފްޓީ އޮޕަރޭޓަރަކު) އެތެރޭގައި އިނދެގެންނެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި އެއްވެސް ޑްރައިވަރަކާ ނުލައި މުޅިން އަމިއްލައަށް ދުއްވާ ގޮތަށް މި ޚިދުމަތް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލަންޑަންގައި ޓެކްނޮލޮޖީ ޑެމޮންސްޓްރޭޝަނެއްގައި ވޭވް އޮޓޮނޮމިކް ކާރެއް ދުއްވަނީ --- ފޮޓޯ: ރޮއިޓާސް

އޫބާ އެޕް މެދުވެރިކޮށް އޫބާ އެކްސް، އޫބާ ކޮމްފޯޓް، ނުވަތަ އޫބާ އިލެކްޓްރިކްގެ ދަތުރުތައް ހޯދާ ފަސިންޖަރުންނަށް އިތުރު އަގަކާ ނުލައި ވޭވްގެ ޓެކްނޮލޮޖީ އަޅާފައިވާ ފޯޑް މަސްޓޭންގް މެކް-އީ މަރުކާގެ ކާރުތައް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. ޚިދުމަތް ފެށުމުގެ ގޮތުން މިވަގުތު މަގުތަކަށް ނެރެފައިވަނީ 20 ކާރަށްވުރެ މަދު އަދަދެކެވެ.

ލަންޑަނުގައި މުޅިން ޑްރައިވަރަކާ ނުލައި އަމިއްލައަށް ދުއްވާ އުޅަނދުތައް ޚިދުމަތަށް ނެރުމަށް އަދިވެސް ގާނޫނީ ގޮތުން ބައެއް ހުރަސްތައް އެބަހުއްޓެވެ. މީގެ ތެރޭގައި ޓްރާންސްޕޯޓް ފޯ ލަންޑަން ފަދަ ރެގިއުލޭޓަރީ އިދާރާތަކުން ހުއްދަ ދިނުމުގައި ދިމާވާ ލަސްތައް ހިމެނެއެވެ.

އޫބާގެ ގްލޯބަލް ހެޑް އޮފް އޮޓޮނޮމަސް މޮބިލިޓީ، ސަރްފްރާޒް މަރޭޑިއާ ވިދާޅުވީ މި ފެށުމުގެ ސަބަބުން ކަސްޓަމަރުންނާއި ސަރުކާރުގެ އިތުބާރު މި ޓެކްނޮލޮޖީއަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ހެއިޑީ އެލެކްޒެންޑާ ވިދާޅުވީ މިއީ ލަންޑަނުގެ ދަތުރުފަތުރުގެ މުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މިފަދަ އީޖާދީ ޓެކްނޮލޮޖީގެ ސަބަބުން ދަތުރުވެރިންނަށް އިތުރު އިޚްތިޔާރުތައް ލިބިގެންދާނެ ކަމަށެވެ.

ވޭވް ކުންފުނިން ތަރައްގީކޮށްފައިވާ "އޭއައި ޑްރައިވަރު" އަކީ އިންސާނުން ފަދައިން އަމިއްލަ ތަޖުރިބާއިން ދަސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މީގެ ސަބަބުން އާ މަގުތަކަށާއި، އެކި ވައްތަރުގެ އުޅަނދުތަކަށާއި، މޫސުމީ ބަދަލުތަކުގެ އިތުރުން އެކި ސިޓީތަކުގެ މަގުތަކަށް އެ އުޅަނދުތަކަށް ފަސޭހައިން ހޭނެވޭނެ ކަމަށް ކުންފުނިން ބުނެއެވެ.

އޫބާއިން ވޭވް ކުންފުންޏާއެކު އިންވެސްޓްމަންޓް އެއްބަސްވުމެއް ހަދައި ޕާޓްނާޝިޕް ގާއިމުކުރީ 2024 ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި މާކެޓުތަކަށް ވޭވްގެ ޓެކްނޮލޮޖީ އަޅާފައިވާ އުޅަނދުތައް ނެރުމެވެ.

ވޭވްގެ ސީއީއޯ އަދި ކޯ-ފައުންޑާ އެލެކްސް ކެންޑަލް ވިދާޅުވީ، ދުނިޔޭގެ އެންމެ ދުއްވަން އުނދަގޫ އަދި ކާރުބާރު ބޮޑު އެއް ސިޓީ ކަމަށްވާ އެ ކުންފުނީގެ އަމިއްލަ ސިޓީ ލަންޑަނުގައި މި ޓެކްނޮލޮޖީ އާންމުންނަށް ފުރަތަމަ ފަހަރަށް ތައާރަފުކުރެވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް