ޑޮލަރަކީ "މާ މާތް އެއްޗަކަށް ހަދައިގެން އުޅެން ނުޖެހޭ" ކަމަށާއި، ދިވެހި ރުފިޔާގެ ބާރުގަދަ ކުރަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ޑޮލަރުގެ މައްސަލަ ބޮޑުވެގެން ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިވެހި ރުފިޔާގެ އަގު ވައްޓާލުމުން ކަމަށެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު، ޑޮލަރުގެ އަގު ބޮޑުނުވާނެ ގޮތަށް މުޅި ނިޒާމު ބައްޓަންކުރުމަކީ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ނުޖެހޭ ޑޮލަރު މާ މާތް އެއްޗަކަށް ހަދައިގެން އުޅޭކަށް. އަޅުގަނޑުމެންގެ ރުފިޔާގެ ބާރު ގަދަކުރެވޭނެ ގޮތްތައް ހުއްޓައި ކީއްކުރަންތޯ އެހެން މަގުމަގުން ދާންވީ؟ ރުފިޔާއަށް އަޅުގަނޑުމެން އިހްތިރާމް ނުކުރި ވަރަކަށް އަޅުގަނޑުމެންގެ ރުފިޔާއަށް އިހުތިރިރާމު ކުރާނެ ބަޔަކު އުޅޭނެތޯ؟ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ކަޅު ބާޒާރެއް އުފައްދާފައިވާ ކަމަށާއި، ގާނޫނުތަކާއި ނިޒާމުގައި ހުރި ހީނަރުކަންކަން ބައްދަން އިސްލާހުތައް ގެންނަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައި ވެސް ދިވެހި ފައިސާއަށް އިހްތިރާމްކޮށް، ގައުމީ މާލީ ނިޒާމު ދިވެހި ރުފިޔާގެ ބާރުގަދަވާނެ ގޮތަށް ބައްޓަންކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޑޮލަރުގެ މައްސަލައަށް ހައްލު ހޯއްދަވަނީ އެންމެ ރަނގަޅު މަގުން ކަމަށެވެ. އަދި އެ ގެންނަވާ ބަދަލުތަކުގެ ސަބަބުން ކޮންމެވެސް ބަޔަކަށް އުނދަގޫވިއަސް ރައްޔިތުންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަގީންކަން ޝިޔާމް ވަނީ ދެއްވައިފައެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ ވެރިކަން ލިބުމުން ވެސް މާލީ ނިޒާމު އިސްލާހުކުރަން ނުކެރުނު ކަމަށެވެ. އަދި ރާއްޖޭގެ ޓެކްސް ނިޒާމަކީ އެހެން ގައުމުތަކާ އަޅާބަލާއިރު އެންމެ ލުއި ނިޒާމުކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައިވެއެވެ.
މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އޭގެ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތައް ރައީސް ވަނީ މިދިޔަ ހަފުތާ ތަސްދީގުކުރައްވައިފައެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާ ބިލު ތަސްދީގުކުރެއްވުމަށް ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސްއެ ބަދަލުތައް ތަސްދީގުކުރެއްވުމަށްފަހު ރައީސް ވަނީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓު އެމްއެމްއޭއަށް މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓައިގެން ނުވާނެ ކަމަށް ވިދާޅުވެ، އެ ބަދަލުތައް ދިފާއުކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަމަށް ވިދާޅުވިއެވެ. މި އައު އިސްލާހުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ޚާއްސަކޮށް އަސާސީ މުދާ އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައެއް ރިސޯޓު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ހިސާބުތަކާއި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.