ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް އަތޮޅުގެ އެހެން ރަށްތަކުގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހަދައިފި

ސީއެސްސީ: އާބާދީ ކުޑަ ރަށްރަށުގައި ކައުންސިލްގެ ވަޒީފާއަކަށް މީހަކު ނެތް ނަމަ، އަތޮޅުގެ އެހެން ރަށަކުން މުވައްޒަފެއް ނެގޭނެ ގޮތުގެ އުސޫލެއް ވަނީ ހަދައިފައި -- ފޮޓޯ/ ސީއެސްސީ

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅުގެ އެހެން ރަށެއްގައި ހުރެގެން ވެސް ކައުންސިލުގެ ވަޒީފާ އަދާކުރެވޭ ގޮތަށް އުސޫލެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އެކުލަވާލައިފިއެވެ.

ސީއެސްސީ ވަނީ، މިދިޔަ ހަފުތާގައި ނެރުނު އުސޫލަކީ ކައުންސިލްގެ އިދާރާތަކުގެ ތެރެއިން އެ އިދާރާއިން ދޭން ޖެހޭ އަސާސީ ޚިދުމަތް ދިނުމަށް ބޭނުންވާ އެއްވެސް މުވައްޒަފެއް އެ އިދާރާ ގާއިމުކުރެވިފައިވާ ރަށަކުން ނުލިބޭ ހާލަތުގައި، މުވައްޒަފުން އެ އަތޮޅުގެ އެހެން ރަށްތަކުގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރާ އުސޫލު ކަމަށް ބުނެފައެވެ.

އެ އުސޫލުގައި ވަނީ، މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލެވޭ މަގާމަކީ "މުވައްޒަފު ނަގަން ބޭނުންވާ ރަށު ކައުންސިލްގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑު"ގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ޚަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަގާމަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލާނީ އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ސީއެސްސީން ވަނީ، ވަޒީފާ ހަމަޖައްސާ މީހަކަށް އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ، ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ ކަމަށް ބުނެފައެވެ. އަދި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާނެ ޚަރަދު ހަމަޖައްސާނީ މުވައްޒަފުގެ ވަޒީފާ އޮތް ކައުންސިލްގެ އިދާރާއިންކަން އުސޫލުގައި ފާހަގަކޮށްފައިވެއެވެ.

އެ އުސޫލުގެ ދަށުން ނަގާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރަނީ "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑު"ގައިވާ ގޮތުގެ މަތީން ކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ.

https://sun.mv/226862

މީގެ އިތުރުން، ވަޒީފާ ހަމަޖައްސާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި އެ ނޫން ވެސް ވަޒީފާއާ ގުޅޭ އެންމެހައި ކަންތައްތަކުގައި އަމަލުކުރާނީ ސިވިލް ސާވިސްގެ ގާނޫނުގައި ދިވެހި ސިވިލް ސާވިސްގެ ގަވައިދާއި އެފަދަ ކަންކަމުގައި އަމަލުކުރުމަށް ސީއެސްސީން އެކުލަވާލައިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އުސޫލުގައިވެއެވެ.

ރާއްޖޭގެ އާބާދީ ބެހިފައި އޮންނަ ގޮތުން ބައެއް ރަށްރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ވަރަށް މަދުވުމުން، އެ އަތޮޅުގެ އެހެން ރަށްރަށަށް ނުވަތަ މާލެ ސަރަހައްދަށް ހިޖުރަކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް ހިޖުރަކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަޒީފާއާއި ތައުލީމީ ފުރުސަތުތައް ހޯދުން ހިމެނެއެވެ.

ސީއެސްސީން އެ އުސޫލު އާންމުކޮށްފައިވާއިރު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ދާދި ފަހުން ވަނީ، ހުއްދަ ލިޔުމުން ލިބިގެން މެނުވީ ކައުންސިލްތަކަށް އެއްވެސް މުވައްޒަފަކު ނުނެގުމަށް ހުރިހާ ކައުންސިލްތަކަށް އަންގައިފައެވެ.

comment ކޮމެންޓް