އާބާދީއަށް ނުރަނގަޅު އަސަރު ކުރާތީ، ތ. ކިނބިދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ، ފީއެއް ނެގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ކިނބިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، އެ ރަށުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާ މީހުންގެ އަތުން މި ފީ ނަގަން ނިންމީ، ކިނބިދޫގެ ރަށްވެހިކަމަށް ނުރަނގަޅު އަސަރު ކުރާތީ އާބާދީ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
މިގޮތުން، ކިނބިދޫގެ ރަށްވެހިކަން ދޫކޮށް، އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރާނަމަ، އިދާރީ ފީއެއްގެ ގޮތުގައި 1،200 ރުފިޔާ ނެގުމަށް އިއްޔެ ކިނބިދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
ސާދަ ސަތޭކައެއްހާ މީހުން ދިރިއުޅޭ ކިނބިދޫގެ ރަށްވެހިކަން ބަދަލުކުރާނަމަ، ފީ ދައްކަން ޖެހޭނީ މިއަދުން ފެށިގެންނެވެ.
ފާހަގަކުރެވޭ ގޮތުގައި، އާބާދީ މަދުވާތީ ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ، 2،000 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް މިދިޔަ މަހު އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިޚުތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އެންމެ ގިނަ މީހުން ރަށްވެހިކަން ބަދަލު ކުރާ ތަނަކީ ވެރިކަން ކުރާ މާލެއެވެ.