އީރާނާ ރަޝިއާ ގުޅިގެން ހައިޕާސޮނިކް ކްރޫޒު މިސައިލް އުފައްދަނީ

ލަންޑަން (3 ސެޕްޓެމްބަރު 2026) : އީރާނާއި ރަޝިއާ ގުޅިގެން ހައިޕާސޮނިކް ކްރޫޒް މިސައިލް އުފެއްދުމުގެ ބޮޑު މަޝްރޫއެއް ހިންގަމުން ގެންދާކަމަށް ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" އިން ބުނެފިއެވެ.

އެ ނޫސް ބުނާގޮތުން "C430L" ގެ ނަމުގައި ރަޝިއާއާއި އީރާނުން މި މަޝްރޫއު ފަށާފައިވަނީ 2023 ވަނަ އަހަރުގައެވެ. މި މަޝްރޫއުގެ މަސައްކަތް އީރާނާއި ރަޝިއާގައި މިހާރުވެސް ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް މި ނޫސް ބުނެއެވެ. މި ނޫހުން ހިންގި ތަހުގީގީ ނޫސްވެރިކަމެއްގެ ތެރެއިން ހާމަވިގޮތުގައި، ހުޅަނގުގެ ޖާސޫސީ ރިޕޯޓްތަކުގައި މި މަޝްރޫއާމެދު އެމެރިކާއާއި ޔޫރަޕުން އިންތިހާއަށް ކަންބޮޑުވާކަން ވަނީ ހާމަކޮށްފައެވެ.

އީރާނާއި ރަޝިއާއަކީ މިސައިލް ޓެކްނޮލޮޖީގައި ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ހަ ގައުމުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. ހައިޕާސޮނިކް ކްރޫޒް މިސައިލް ޓެކްނޮލޮޖީ އެމެރިކާއަށްވެސް އަދި ލިބިފައެއް ނުވެއެވެ. އަނެއްކޮޅުން ބެލިސްޓިކް ހައިޕާ މިސައިލް ޓެކްނޮލޮޖީގައިވެސް އެމެރިކާ އުޅެނީ ރަޝިއާ، ޗައިނާ އަދި އީރާނަށްވުރެވެސް ފަހަތުގައެވެ. ނަމަވެސް ވައިގެ ދިފާއީ އައްޑަނައިގެ ޓެކްނޮލޮޖީގައި އެންމެ ކުރީގައި އުޅޭ ގައުމަކީ އެމެރިކާއެވެ.

ރިޕޯޓްތައް ބުނާގޮތުން ހައިޕާސޮނިކް ކްރޫޒް މިސައިލް އުފެއްދުމަށް އީރާނާއި ރަޝިއާ ގުޅިގެން ކުރިޔަށްގެންދާ "C430L" މަޝްރޫއުގެ ހަގީގަތް ހޯދުމަށް އެންމެ ކުރީގައި އުޅޭ އެއް ގައުމަކީ ޔުކްރެއިނެވެ. ދެން އެމެރިކާއާއި އިނގިރޭސިވިލާތެވެ. އެމެރިކާއިން އީރާނަށް ތަކުރާރުކޮށް ބޮންއަޅަމުން ގެންދިޔަނަމަވެސް، މި މަޝްރޫއުގައި ބައިވެރިވާ ރަޝިއާގެ ސައިންސްވެރިންނާއި އިންޖިނޭރުން އީރާނުގައި އެބަތިބިކަމަށާއި، ހުއްޓުމެއްނެތި މަސައްކަތް ބާރަށް ކުރިޔަށް ގެންދާ ކަމަށްވެސް ލިބިފައިވާ މައުލޫމާތުގެ އަލީގައި "ފައިނޭންޝަލް ޓައިމްސް" ގެ ރިޕޯޓް ބުނެއެވެ.

ރަޝިއާއާއި އީރާނުގެ ރައީސުން

މި މަޝްރޫއުގެ އީރާނުގެ މަރުކަޒު ހުންނަނީ އީރާނުގެ ބިންގަރާހެއްގައިކަމަށް ވަނީ ބެލެވިފައެވެ. ރަޝިއާގެ މަރުކަޒު ހުންނަ ތަނެއް ސާފުވެފައެއް ނުވެއެވެ. މި މަޝްރޫއުގައި ހިމެނޭ އީރާނުގެ އިންޖިނޭރުންނާއި ސައިންޓިސްޓުން އެކި ދުވަސްވަރު ރަޝިއާއަށް ދަތުރުކުރަމުންދާ ކަމަށާއި، މިކަމާބެހޭ ރަޝިއާގެ އިންޖިނޭރުންނާއި ސައިންޓިސްޓުން މިހާރުވެސް އީރާނުގައި ތިބިކަމަށްވެއެވެ.

ހައިޕާސޮނިކް ކްރޫޒް މިސައިލް އުފެއްދުމުގެ އެންމެ ބޮޑު މަގްސަދަކީ ބިޔަ ބޮޑެތި މަނަވަރުތަކަށް ހަމަލާދީ އެތަކެތި ފަސޭހައިން ފައްތާލާނެ ހަތިޔާރެއް ވުޖޫދަށް ގެނައުންކަމަށް މި ރިޕޯޓް ބުނެއެވެ. އަޑަށްވުރެ ހަތް ގުނަ ބާރަށް ދަތުރުކުރާ މިސައިލްތައް ޑިޓެކްޓް ކުރުމުގެ ފުރުސަތު ރާޑަރުތަކަށް ނޯންނަކަމަށް ވެއެވެ. އީރާނާއި ރަޝިއާއަކީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލް މިހާރުވެސް އުފައްދާ ދެ ގައުމެވެ. ނަމަވެސް ހައިޕާސޮނިކް ކްރޫޒް މިސައިލަކީ އަދި މިހާތަނަށް އެއްވެސް ގައުމަކުން އުފައްދާފައިވާ ހަތިޔާރެއް ނޫނެވެ.

"C430L" މަޝްރޫއުން އުފައްދާ ހައިޕާސޮނިކް މިސައިލްތައް އޭގެ އަމާޒަށް ވާސިލްވާނީ އެމެރިކާގެ ޖީޕީއެސް ފަދައިން ރަޝިއާއިން އުފައްދާފައިވާ ގްލޯބަލް ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް "ގްލޯނަސް" ގެ އެހީގައި ކަމަށް މި ރިޕޯޓް ބުނެއެވެ. "ގްލޯނަސް" ސިސްޓަމްގައި އެތައް ސަތޭކަ ސެޓެލައިޓެއް ހިމެނެއެވެ. ރަޝިއާގެ "ގްލޯނަސް" ސިސްޓަމަކީ އެ ގައުމުގެ ރޮސްކޮސްމޮސް ސްޓޭޓް ކޯޕަރޭޝަނުން އުފައްދާފައިވާ ޕޮޒިޝަނިން ސިސްޓަމެކެވެ.

އީރާނުގެ މިސައިލް ނިޒާމުތަކުގައި ބޭނުންކުރަނީ ރަޝިއާގެ "ގްލޯނަސް" ސިސްޓަމާއި ޗައިނާގެ "ބެއިޑޫ" ނެވިގޭޝަން ސެޓެލައިޓް ސިސްޓަމެވެ. އީރާނުން ވަނީ އެ ގައުމުގެ އަމިއްލަ ނެވިގޭޝަން ސެޓެލައިޓް ސިސްޓަމެއް އުފެއްދުމަށް ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލާފައެވެ. މީގެތެރޭގައި މިކަމަށް ބޭނުންވާ ސެޓެލައިޓްތައް އުފައްދައި ޖައްވަށް ފޮނުވުމާއި އަރތް ސްޓޭޝަންތައް ބިމުގައި ގާއިމުކުރުން ހިމެނެއެވެ.

comment ކޮމެންޓް