މީރާއަށް ނުލިބި ހުރި ފައިސާއިން 3.5 ބިލިއަން ރުފިޔާ ހޯދައިފި، އަދިވެސް 14.5 ބިލިއަން ނުލިބި

މީރާގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ: މީރާއަށް ނުލިބި ހުރި ފައިސާއިން 3.5 ބިލިއަން ރުފިޔާ ހޯދިއިރު، އަދިވެސް 14.5 ބިލިއަން ނުލިބި ހުރި -- ފޮޓޯ/ މީރާ

ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ 3.5 ބިލިއަން ރުފިޔާ ހޯދައިފައިވާއިރު، އެ ހަ މަސް ނިމުނުއިރު ވެސް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، އެ އިދާރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ 2.09 ބިލިއަން ރުފިޔާ ހޯދިއިރު، ޖެހިގެން އައި ތިން މަސް ތެރޭ 1.39 ބިލިއަން ރުފިޔާ ހޯދައިފައިވެއެވެ.

މީރާއިން ފައިސާ ހޯދުމަށް އަމަލުކުރި ގޮތްތަކުގެ ތެރޭގައި، ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، އެކި ގޮތްގޮތުން މުވާސަލާތު ކޮށްގެން ހޯދި 2.39 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ބެންކް އެކައުންޓް ފްރީޒްކޮށްގެން ހޯދި 14.18 މިލިއަން ރުފިޔާއާއި ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކޮށްގެން ހޯދި 21.45 މިލިއަން ރުފިޔާ ހިމެނެއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖޫން މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ނުލިބޭ ފައިސާގެ އަދަދު 8.26 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި:

  • އިންކަމް ޓެކްސް: 1.95 ބިލިއަން ރުފިޔާ
  • ޓީޖީއެސްޓީ: 1.56 ބިލިއަން ރުފިޔާ
  • ޖީޖީއެސްޓީ: 3.60 ބިލިއަން ރުފިޔާ
  • އެހެނިހެން ޓެކްސް: 1.15 ބިލިއަން ރުފިޔާ

މީގެ އިތުރުން ޓެކްސް ނޫން އާމްދަނީން ނުލިބިވާ ފައިސާގެ އަދަދު 6.25 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި ރިޒޯޓު ކުލިން ނުލިބޭ 5.97 ބިލިއަނާއި އެހެނިހެން ޓެކްސް ނޫން އާމްދަނީގެ 271 މިލިއަން ރުފިޔާ ހިމެނެއެވެ.

އެ ފައިސާގެ ޖުމްލަ 14.5 ބިލިއަނަށް އަރާއިރު، އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން ޓެކުހަށް ނުލިބި ހުރި 3.76 ބިލިއަން ރުފިޔާ ވެސް ހިމެނެއެވެ. މީރާއިން ވަނީ، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ޖޫރިމަނާއިން 1.26 މިލިއަން ރުފިޔާ މާފު ކޮށްދީފައިވާކަން ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރަށް ނުލިބިވާ ފައިސާގެ އަދަދު މަދުކުރަން މަސައްކަތްތަކެއް ކުރުމަށް މީރާއިން 2024 ވަނަ އަހަރު ސްޓްރެޓީޖިކް ޕްލޭންގައި ގިނަ ކަންތައްތަކެއް ހިމެނިއެވެ. އެގޮތުން ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު އަހަރަކު 15 ޕަސެންޓަށް މަދުކުރުމަށް ޓަކައި، ޓެކްސް ހޯދުމުގެ މަސައްކަތް އަލުން ބައްޓަންކޮށް، އެ ކަމަށް ޚާއްސަ އުކުޅުތަކެއް ބޭނުން ކުރުމަށް ވަނީ ނިންމައިފައެވެ. އަދި ކަމާ ގުޅުންހުރި މިނިސްޓްރީތަކާ ގުޅިގެން, ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ނުލިބިވާ ފައިސާ، އަހަރަކު 10 ޕަސެންޓަށް ކުޑަކުރުމުގެ މަސައްކަތް ކުރަން ވެސް ވަނީ ކަނޑައަޅައިފައެވެ.

https://sun.mv/225232

އޭރު އެ ޕްލޭންގައި ވަނީ މި އަހަރުގެ ކުރިން މީރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޓެކްސް ދެއްކުން އިތުރަށް ފަސޭހަކުރުން ހިމަނައިފައެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް މީރާގެ އޮންލައިން ޚިދުމަތްތަކުގައި ސެލްފް ސާވިސް ކެޕޭސިޓީ އިތުރުކުރުމަށް ވަނީ އަމާޒު ހިފައިފައެވެ. އަދި މި އަހަރު ނިމޭއިރު އިލެކްޓްރޯނިކް އިންވޮއިސިން ތަންފީޒުކޮށް، އަންނަ އަހަރު ނިމޭއިރު، ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ފަރާތްތަކުގެ 90 ޕަސެންޓު އެ ނިޒާމުގެ ތެރެއަށް ވެއްދުން ވެސް ހިމެނެއެވެ.

comment ކޮމެންޓް