ގަރުނަކަށްފަހު ފުރަތަމަ ފަހަރަށް ދިރިހުރި ރައީސެއްގެ ފޮޓޯ އެމެރިކާގެ ފައިސާގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރު ހިމެނޭ އެއް ޑޮލަރުގެ ފައިސާ ފޮއްޗެއް ޔޫއެސް މިންޓުން ނެރެފިއެވެ.

މިއީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރުނު ފައިސާ ފޮއްޗެކެވެ.

ޔޫއެސް މިންޓުން ބުނި ގޮތުގައި، މި ފައިސާ ފޮތި އާންމުކޮށް ބޭނުންކުރުމަށް ނެރެފައި ނުވި ނަމަވެސް، މިއީ ގާނޫނީ ގޮތުން ސައްހަ ފައިސާއެކެވެ. ޓްރަމްޕްގެ ތަސްވީރާއެކު “ލިބަޓީ” އަދި “އިން ގޯޑް ވީ ޓްރަސްޓް” ލިޔެފައިވާ މި ފައިސާ ފޮތި ވިއްކަން ފެށިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ވެބްސައިޓުން ވަނީ ހުސްވެފައެވެ.

މީގެ 25 ފައިސާ ފޮތީގެ ރޯލެއް 61 ޑޮލަރަށް ވިއްކިއިރު، 100 ފައިސާ ފޮތީގެ ކޮތަޅެއް ވިއްކާފައިވަނީ 154.50 ޑޮލަރަށެވެ. މީގެ އިތުރުން، ވޮޝިންޓަން ޑީސީގައި ހުންނަ ޔޫއެސް މިންޓްގެ ފިހާރައިގައި ބަހައްޓާފައިވާ ވެންޑިން މެޝިންތަކުން ވެސް މި ފައިސާ ފޮތި ވިއްކާފައިވެއެވެ. ޔޫއެސް މިންޓުން ބުނި ގޮތުގައި މިއީ ގައުމީ ތާރީހީ މުހިންމު މުނާސަބަތެއް ފާހަގަކުރުމަށް އުފެއްދި، ޒަމާނީ ކަލެކްޝަންތަކަށް އިތުރުކުރެވޭނެ ފާހަގަކޮށްލެވޭ ފަރުމާއެކެވެ.

މި ފައިސާ ފޮތީގައި ރަން ކުލަ ހުރި ނަމަވެސް، މީގައި އަސްލު ރަނެއް ނުހިމެނެއެވެ. ޔޫއެސް މިންޓުން ހާމަކުރި ގޮތުގައި، މީގެ 88.5 ޕަސެންޓަކީ ކޮޕާއެވެ. ދެން ހިމެނެނީ ޒިންކް، މެންގަނީޒް އަދި ނިކަލްއެވެ.

އެމެރިކާގެ ގާނޫނުތައް އޮންނަ ގޮތުން، ދުނިޔޭގައި ހުންނެވި ރައީސެއްގެ ތަސްވީރު ފައިސާގައި ހިމެނުމަކީ މަނާ ކަމެކެވެ. ނަމަވެސް، މިނިވަންކަމަށް 250 އަހަރު ފުރުމާ ގުޅިގެން ފާސްކުރި ގާނޫނެއްގައިވާ ފަރުމާކުރުމުގެ މާއްދާއެއްގެ ދަށުން މިކަން ވަނީ ހުއްދަކޮށްފައެވެ. ޓްރަމްޕްގެ ސަރުކާރުން މިކަމުގައި ހަވާލާދީފައިވަނީ 2020 ވަނަ އަހަރު ފާސްކުރި “ސާކިއުލޭޓިން ކަލެކްޓިބަލް ކޮއިން ރީޑިޒައިން އެކްޓް” އަށެވެ. މި ގާނޫނުގައި ފައިސާ ފޮތީގެ ފަހަތުގައި ދުނިޔޭގައި ހުރި މީހެއްގެ ތަސްވީރު ހިމެނުން މަނާކޮށްފައި އޮތް ނަމަވެސް، ކުރިމަތީ ފުށުގައި ހިމެނުމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޓްރަމްޕްގެ ތަސްވީރު ހިމަނާފައިވަނީ އާ ފައިސާ ފޮތީގެ ކުރިމަތި ފުށުގައެވެ.

މީގެ ކުރިން އެމެރިކާގެ ފައިސާގައި ދުނިޔޭގައި ހުންނެވި ރައީސެއްގެ ތަސްވީރު ހިމަނާފައިވަނީ 1926 ވަނަ އަހަރުއެވެ. އެއީ އެމެރިކާގެ މިނިވަންކަމަށް 150 އަހަރު ފުރުން ފާހަގަކުރުމަށް ނެރުނު ހާފް-ޑޮލަރުގެ ފައިސާ ފޮއްޗެއްގައި އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ތަސްވީރު ހިމެނި ފަހަރެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިދިޔަ މެއި މަހު ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ތަސްވީރު ހިމެނޭ 250 ޑޮލަރުގެ ނޫޓެއް ނެރުމަށް ވެސް އެ ޑިޕާޓްމަންޓުން ދަނީ ރާވަމުންނެވެ. އަދި އެމެރިކާގެ ކަރުދާސް ފައިސާގައި ވަރަށް އަވަހަށް ޓްރަމްޕްގެ ސޮއި ހިމެނޭނެ ކަމަށް ވެސް މިދިޔަ މާޗު މަހު ޓްރެޝަރީން ވަނީ އިއުލާންކޮށްފައެވެ. މިއީ ވެސް އެމެރިކާގެ ތާރީހުގައި މަގާމުގައި ހުންނެވި ރައީސެއްގެ ސޮއި ފައިސާގައި ހިމެނޭ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް