އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމަށްފަހު، އެ މުއްދަތުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ބޭނުންކުރާ މިންވަރު އަދަޔާ ޚިލާފަށް އިތުރުވެގެން ދިއުން ކަމަށާއި، ނަމަވެސް ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދިނުމުގައި ގެންގުޅޭ ސަގާފަތް އަދިވެސް އެދެވޭ ގޮތެއްގައި ބަދަލުނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަގާމުގެ ދައުރު ނިންމަވާލެއްވުމަށްފަހު "ސަން" އާ ވާހަކަދައްކަވަމުން އާހިދު ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ އިސްކަމެއް ދެއްވީ އެއްވެސް ތަކުލީފަކާ ނުލައި، ފަސޭހަކަމާއެކު މައުލޫމާތު ހޯދޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ތަޢާރަފްކުރެވުނު "މަހޯލި" ޕޯޓަލްގެ ސަބަބުން، ހުރިހާ އިދާރާތަކަކަށް ވެސް ތަފާތުކުރުމެއް ނެތި މައުލޫމާތު ހޯދަން ހުށަހެޅޭނެ މަގު ތަނަވަސްވެ، ފާއިތުވި ފަސް އަހަރު ތެރޭގައި އާންމު ރައްޔިތުންނާއި، ނޫސްވެރިން އަދި މަދަނީ ޖަމިއްޔާތަކުން މި ހައްގުގެ ބޭނުންހިފި މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާހިދު ވިދާޅުވީ، ދައުލަތުގެ އިދާރާތަކުގައި ޒަމާނުއްސުރެ އަށަގަނެފައިވާ މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތް އަދިވެސް ބަދަލުވަމުންދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ.
"ދައުލަތުގެ އިދާރާތަކުގައި ހުރި މައުލޫމާތަކީ ރައްޔިތުންގެ އެއްޗެއް. އިދާރާތަކުން ހަމައެކަނި އެ މައުލޫމާތު ބަލަހައްޓަނީ. އެހެންނަމަވެސް އަދިވެސް ބައެއް އިދާރާތަކުން ދެކެނީ މައުލޫމާތު ދޫކުރަންވާނީ އެ އިދާރާއަކުން ބޭނުން ވަގުތެއްގައި، ބޭނުން ގޮތަކަށް ކަމަށް. މި ސަގާފަތް ބަދަލުވާންޖެހޭ،" އާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރަމުންދިޔަ އެއް އިދާރާ ވެސް ނެތް ކަމަށާއި، ނަމަވެސް ދައުރު ނިމުނުއިރު އެ އަދަދު 30 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، މިއީ ފަޚުރުވެރިވާންވީ އަދަދެއް ނޫން ކަމަށާއި، މި އަދަދު މަދުވެގެން 70 އިން މައްޗަށް ދާންޖެހޭނެ ކަމަށް އާހިދު ފާހަގަކުރެއްވިއެވެ.
ކުރިމަގަށް އުންމީދުކުރައްވާ ކަންކަމާ ގުޅޭގޮތުން އާހިދު ވިދާޅުވީ، ރައްޔިތުން އެދެންދެން މަޑުނުކޮށް، ދައުލަތުގެ އިދާރާތަކުން 'ޑިފޯލްޓް' އުސޫލުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތުތައް ހާމަކުރާނެ ނިޒާމެއް އަށަގަތުމަކީ އެންމެ ބޮޑު އުންމީދު ކަމަށެވެ.
އަދި ލިބޭ މައުލޫމާތުގެ އަލީގައި ރައްޔިތުންގެ އަމިއްލަ ދިރިއުޅުމަށާއި މުޅި ގައުމަށް ފައިދާއާއި މަންފާ ލިބިގެންދާނެ ސަގާފަތެއް ގާއިމުވުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ހަގީގީ ބޭނުންކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ އާންމުންނާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގު ބޭނުންކުރާ އެކި ފަރާތްތަކާއި ޒުވާނުންނާއި އެކްޓިވިސްޓުން ވެސް އާހިދު ފާހަގަކުރައްވަނީ ވަރަށް އިންސާފުވެރިކަމާއި މިނިވަންކަމާ އެކު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވަރަށް ގިނަ ދަތިތަކާއެކު ވެސް ގިނަ ބަދަލުތަކެއް އެ އިދާރާއަށް ގެންނެވި ބޭފުޅެއްގެ ގޮތުގައެވެ.
އެގޮތުން އިދާރާއަކުން މައުލޫމާތު ހާމަނުކުރައްވާނަމަ އެ ކަމުގައި އެކި މަރުހަލާތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި، ފަހަތަަށް ޖެހިވަޑައިނުގެން ހުންނަވާކަން ފާހަގަކުރެއެވެ.
ނަމަވެސް މިނިވަން ދުވަހުގެ ތަގުރީރުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އާހިދަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އާހިދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުން އަންގާ ގޮތަށް ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.
މި ތުހުމަތުތައް ކުރެއްވީ ސިޔާސީ މުވައްޒަފުންގެ ތަފްސީލު ހާމަނުކުރުމުން ރައީސް އޮފީސް ޖޫރިމަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން އެންގުމުން ވެސް ނުދިން މައްސަލައެއްގައެވެ.
ރައީސްގެ ތުހުމަތުތަކާ ގުޅިގެން އާހިދު ކުރިން ވިދާޅުވީ، އޭނާއަކީ ވަކި ސަރުކާރެއްގެ ދައުރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީކަމަށް ބުނެ މަސައްކަތް ކުރައްވަނީ ވަކި އޯޑަރަކަށް ނޫން ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އަދި މި ވެރިކަމުގައި ވެސް އޭނާގެ މަސައްކަތަށް ސީދާ ނުފޫޒު ފޯރުވަން ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.