އިހުތިޖާޖެއްގައި ބައިވެރިވި ކަމަށް ބުނެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަޒީފާއިން ވަކިކުރި މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައި ނުވާތީ، އޭނާއަށް ބަދަލުގެ ގޮތުގައި އެއް މަސް ދުވަހުގެ އަސާސީ މުސާރަ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އާރްޑީސީގެ މައްޗަށް އަމުރުކޮށްފިއެވެ.
މި މައްސަލައަކީ އާރްޑީސީގެ ސީނިއާ ބިލްޑިން މެއިންޓެނެންސް އޮފިސަރުގެ މަގާމުގައި ހުރި، މުވައްޒަފަކު މިދިޔަ އަހަރުގެ އޮކްޓޫބަރު ތިނެއްގައި މާލޭގައި ކުރި އިހުތިޖާޖެއްގައި ބައިވެރިވުމާ ގުޅިގެން އެ މަހުގެ ނުވަވަނަ ގައި އޭނާ ވަޒީފާއިން ވަކިކުރުމުން ހުށަހެޅި މައްސަލައެކެވެ.
އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ، ސަރުކާރާ ދެކޮޅަށް ހިންގޭ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބުނެ، ކުންފުނީގެ އެޗްއާރް ޕޮލިސީއާ ޚިލާފުވި ކަމަށް ނިންމައެވެ. އެކަމާ ގުޅިގެން، މުވައްޒަފު ދައުވާކުރީ، ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި ކަމަށްވާތީ އަލުން ވަޒީފާ އިޢާދަކޮށްދިނުމަށާއި ގެއްލުނު މުސާރަ ނަގައިދިނުމަށެވެ.
މުވައްޒަފުގެ ދައުވާގެ ދިފާއުގައި އާރްޑީސީން ބުނީ، އޭނާ ބައިވެރިވީ އަމަންއަމާންކަން ގެއްލުނު ޤާނޫނާ ޚިލާފު އެއްވުމެއްގައި ކަމަށާއި، ވަކިކުރީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހު ކަމަށް ބުނެއެވެ.
އެ މުވައްޒަފު ބައިވެރިވި އެއްވުމުގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާތީ، އާރްޑީސީގެ ޕޮލިސީގެ ދަށުން ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ. އެހެންކަމުން އަލުން ވަޒީފާ އިޢާދަކޮށްދިނުމަށާއި މުސާރަ ނަގައިދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައެޅިއެވެ.
އެކަމަކު، ވަޒީފާއިން ވަކިކުރުމުގެ ކުރިން ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު މުވައްޒަފަށް ދީފައިނުވާތީ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، އެ މުވައްޒަފުގެ އެއް މަސްދުވަހުގެ އަސާސީ މުސާރައިގެ ބަދަލެއްގެ ގޮތުގައި 7,750 ރުފިޔާ ނަގައިދިނުމަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ.
މިދިޔަ ހަފްތާގައި ނިންމި މި މައްސަލައިގައި، ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި އެ ފައިސާ އެ މުވައްޒަފަށް އެކީ އެއްފަހަރާ ދެއްކުމަށާއި، ފައިސާ ދައްކާތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އާރްޑީސީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ނިންމީ ދާދި ފަހުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަން ކުރި އަމްޖަދު މުސްތަފާއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ މާލޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ބޮޑު މުޒާހަރާ ގުޅިގެން އެ މުޒާހަރާގައި ބައިވެރިވި އަށް މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައި ވެސްވެއެވެ.