ހުޅުމާލެ ފޭސް ދޭއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިދިޔަ އަހަރު ހައްޔަރު ކުރި ދެ މީހަކު 12 އަހަރާއި ހަ މަހަށް ޖަލަށްލައި، ކޮންމެ މީހަކު ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާނާއި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީންއެވެ. މި ދެ މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހެވެ.
ފުލުހުން އޭރު ބުނި ގޮތުގައި އެ އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. އެ އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް ދޭއްގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ބަރުދަނަކީ 968.6 ގުރާމެވެ.
މި މައްސަލައިގައި، ރިސްފާނާއި ޒަޢީންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ، މިދިޔަ އަހަރުގެ ޖުލައި މަހެވެ. ދެ މީހުން ވެސް ވަނީ ޝަރިއަތުގައި އެ މީހުންގެ މައްޗަށް ކުރި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދައިފައެވެ.
އިއުތިރާފު އެއްބަސްވުމާއެކު، އުމުރު ދުވަހުގެ ޖަލު ހުކުމްވަނީ ދެބައި ކުޅަ އެއްބަޔަށް ލުއިކޮށްދީފައެވެ. އެއީ 25 އަހަރުގެ ހުކުމް 12 އަހަރާއި ހަ މަސް ދުވަހަށެވެ. އަދި 100،000 ރުފިޔާގެ ޖޫރިމަނާ، 50،000 ރުފިޔާއަށެވެ.
މި ދެ މީހުންގެ މައްޗަށް މިދިޔަ މަހު، ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ފަނޑިޔާރު އިބްރާހީމް އިހްސާނެވެ.