މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން ޢިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަ ގީލާ ޢަލީއެވެ.
އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، "މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި، ހިންގުންތެރިކަމާއި، ދެމެހެއްޓެނިވިކަމަށްޓަކައި ކުރެވޭ ދުރުރާސްތާގެ މުހިންމު އިންވެސްޓްމަންޓެއް" ކަމަށެވެ.
ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެތެރެއިން.... ފޮޓޯ/ ހެލްތް މިނިސްޓްރީމި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ވެކްސިން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެގެންދާނެކަމަށާއި އަދި ވެކްސިނާއި، ބޭހާއި، ސިއްހީ ވަސީލަތްތަކާއި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު އެއްތަނެއްގައި ރައްކާކުރެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖެހިގެންދާނެކަަމަށް ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.
މީގެ ސަބަބުން ސިއްހީ ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަވެ، އާންމު ސިއްހީ ހިދުމަތްތަކުގެ އިތުރުން ކުރިމަތިވެދާނެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރެވިގެންދާނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، މި ޢިމާރާތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ އޮފީހުގެ ގޮތުގައިވެސް ބޭނުންކުރެވޭނެ އިމާރާތެކެވެ. އަދި މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތަކުގެ އިތުރުން މިނިސްޓްރީގެ އެހެނިހެން މުހިންމު ޓެކްނިކަލް ޑިވިޝަންތައް ހިމެނޭހެން، އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މި އިމާރާތް ބޭނުންކުރެވިގެންދާނެއެވެ.
ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެތެރެއިން.... ފޮޓޯ/ ހެލްތް މިނިސްޓްރީމި ފެސިލިޓީ ގާއިމުކުރެވުމާއެކު، ބޭހާއި، ވެކްސިން، މެޑިކަލް އިކުއިޕްމަންޓް އަދި ސިއްހީ އާލާތްތައް ރައްކާކުރުމަށް ހާއްސަ ޖާގައެއް ލިބި، ކުއްޔަށް ނަގާފައިވާ ތަންތަނަށް މިނިސްޓްރީން ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. އަދި މަސައްކަތުގެ ހިންގުން ހަރުދަނާވެ، ދިގު މުއްދަތުގައި ހަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.