ރައްޔިތުންގެ މަޖިލިސް ތެރޭގައި ޑޮލަރުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި މެންބަރުން އެބަތިބި ކަމަށާއި، މަޖިލީހުގެ ތެރޭގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ މި އިންގިލާބާއި އެކު، ﷲގެ އިރާދަފުޅާއެކު ދާދި އަވަހަށް ހާލަތު ބަދަލުވެގެންދާނެ ކަމަށެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ކޯޓުން ބޭރުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
އަދި އެފަދަ ބާރުތަކަކާއި އަމާނާތްތަކެއް ހަވާލުވެފައި ތިބި ބަޔަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތޭ ބުނުމަކީ އެ މީހުންނަށް ވެވޭ އިހުސާންތެރިކަމެއް ކަމަށާއި، އެއީ އެއްވެސް ހަމްދަރުދީއެއް އޮންނަންޖެހޭ ބައެއް ނޫންކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔާމީން ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުން މި ސަރުކާރާއެކު ނެތް ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ ޑޮލަރު މާރުކުރުމުގެ ދަތިތަކުގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި މެންބަރުން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި ކަޅު ބާޒާރުން ޑޮލަރު ގަނެގެން ވިޔަފާރިކުރާ މީހުންނާއި "ސަފާރީ ދުއްވައިގެން" ޑޮލަރު ހޯދާ މީހުން ވެސް މަޖިލީހުގައި އެބަތިބި ކަމަށް ވިދާޅުވެ އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
"ހުރިހާ އެންމެން ތިބީ މަލީހު ވިދާޅުވިހެން ރައީސް މުއިއްޒާ އެކު ގަދަކޮށެއް ނޫން. އެތަނުގައި ވަރަށް ރުޅި އައިސްފައި ތިބި ބަޔަކު އެބަ ތިބި. އެތަނުގައި މިހާރު އެ ހިނގަނީ ވަރަށް ސައިލެންޓް ކޮށް ހިންގާ އިންގިލާބެއް. ﷲ މިންވަރުކުރައްވާށި! ﷲގެ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ހާލަތު ބަދަލުވާތަން ފެންނާނެ،" ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން، މި ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގައި މަސައްކަތްކުރާ ޒުވާނުން ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމަށްވެސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އެއީ ރައީސް މުޢިއްޒު ގަސްތުގައި ޒުވާނުންނަށް ދެމުންގެންދާ އަނިޔާއެއްގެ ގޮތުގައި ސިފަކުރައްވަމުން، އެމަނިކުފާނުގެ ވެރިކަމެއްގައި މި ސަރުކާރުން ވަޒީފާއިން ވަކިކުރާ ހުރިހާ ފަރާތްތަކަށް ވަޒީފާ ދެއްވާނެ ކަމުގެ ޔަގީންކަން ޔާމީން ދެއްވިއެވެ.