ރިސޯޓު ލީގުގެ ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ސަން ސިޔާމް އޮޅުވެއްޔަށް

ރިސޯޓު ލީގު 2026 ގެ ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދި ސަން ސިޔާމް އޮޅުވެލިން ޓްރޮފީ އުފުލާލަނީ-- ފޮޓޯ: ރިސޯޓު ލީގު

ރިސޯޓު ލީގު 2026 ގެ ސައުތު މާލޭ ޒޯނުގެ ފައިނަލުގައި ހާޑް ރޮކް ހޮޓެލްސް މޯލްޑިވްސް ޕެނަލްޓީގައި ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސަން ސިޔާމް އޮޅުވެލިން ހޯދައިފިއެވެ.

މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އޮޅުވެލިން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް އޮޅުވެލިން ވަނީ ހޯދާފައެވެ.

ރިސޯޓު ލީގު 2026 ގެ ސައުތު މާލޭ ޒޯނުގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: ރިސޯޓު ލީގު

މިއަހަރުގެ ސައުތު މާލޭ ޒޯނުގެ ކުޅުން ކުރިއަށްދިޔައީ ވެސް އޮޅުވެލީގައެވެ. ޖުމްލަ 12 ޓީމަކާއެކު ކުރިއަށްދިޔަ މުބާރާތުގައި ސަން ސިޔާމް އޮޅުވެއްޔަށް ގްރޫޕް ސްޓޭޖުގައި އެ ޓީމަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ.

ނަމަވެސް ޕްލޭއޮފް ބުރުގައި ވާދަކޮށް ކުއާޓާ ފައިނަލަށް އެ ޓީމު ކޮލިފައިވިއެވެ. އޮޅުވެލިން ވަނީ ކާމިޔާބުކަމާއެކު ޕްލޭއޮފް ބުރު ގިރާކޮށް، ކުއާޓާ ފައިނަލްގައި އޯޒެން ރިޒާވް ބޮލިފުށި އަދި ސެމީ ފައިނަލްގައި ޖޭޑަބްލިއު މޭރިއަޓް ބަލިކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.

ރިސޯޓު ލީގު 2026 ގެ ސައުތު މާލޭ ޒޯނުގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: ސަން

މިއަހަރުގެ ޗެމްޕިއަންކަން ސަން ސިޔާމް އޮޅުވެލިން ހޯދި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 2-2 އެވެ. ޕެނަލްޓީގައި އޮޅުވެލިން ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލީގެ އަބްދުﷲ ސުމެއިދު ސާލިހެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މާދޫގެ މުޙައްމަދު މުސްއަފު އިބްރާހީމެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ ހަ ލަނޑު ޖަހާފައެވެ.

ސައުތު މާލޭ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ހާޑް ރޮކުގެ މުޙައްމަދު ތަޝްމީން، އަޙްމަދު އަޝްރަފު ޔޫސުފް، އަޙްމަދު މަޝީދުގެ އިތުރުން ސަން ސިޔާމް އޮޅުވެލީގެ މުޙައްމަދު ވިގާމް އާއި އަބްދުﷲ ސުމެއިދު ސޯލިހެވެ. ސައުތު މާލޭ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލީގެ އަލީ ޝިޔާއު އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން އޮޅުވެލީގެ ކޯޗު އަޙްމަދު ތޯހާއެވެ.

ރިސޯޓު ލީގު 2026 ގެ ސައުތު މާލޭ ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން-- ފޮޓޯ: ރިސޯޓު ލީގު

މިއީ ރިސޯޓު ލީގު މުބާރާތް ސަން ސިޔާމް އޮޅުވެލީގައި ހޯސްޓުކުރި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު ސަން ސިޔާމް އޮޅުވެލި ވަނީ ރިސޯޓު ސުޕަ ލީގަށް ހޮވިފައެވެ. ސުޕަ ލީގަކީ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މުބާރާތެކެވެ.

ސުޕަ ލީގުގައި އޮޅުވެއްޔާ ދެކޮޅަށް ކުޅޭނީ މާލެ އަތޮޅުގެ އުތުރު ނިސްބަތްވާ ރިސޯޓުތަކުގެ މެދުގައި ކުޅޭ ނޯތު މާލޭ ޒޯނުގެ ޗެމްޕިއަން ޓީމާ ދެކޮޅަށެވެ. ނޯތު މާލޭ ޒޯނުގެ މެޗުތައް ކުޅޭނީ ބަނޑޮސް މޯލްޑިވްސްގައެވެ. އެ ޒޯޯނުގެ މެޗުތައް އަންނަ ހަފުތާގައި ފަށާނެއެވެ.

comment ކޮމެންޓް