އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ކުޅުނު ދެ ވަނަ މެޗުގައި 4-0 އިން ސްރީ ލަންކާ ބަލިކޮށް، މުބާރާތުގެ ކޮލިފިކޭޝަން ފޭސް އިން ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމު ތާރީހީ ޖާގައެއް ހޯދައިފިއެވެ.
މިޔަންމާގެ ޔަންގޮންގައި ހުންނަ ތުވުންނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވެ، ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ރާއްޖެއިން ކޮލިފިކޭޝަން ފޭސް އިން ޖާގަ ކަށަވަރުކުރިއިރު، މިއީ އޭޝިއަން ކަޕް ކޮލިފައިންގައި ޖެހިޖެހިގެން ދެ މެޗުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖެއަށް ލީޑު ނަގައިދިނީ ކެޕްޓަން މުހައްމަދު އިލާން އިމްރާން އެވެ. މިއީ ނައްސާހު އިބްރާހިމް ނާސިރު ފޮނުވާލި ހަމަލާއެއް ލަންކާގެ ކީޕަރު ޝާތިން އަތުގައި ޖެހިފައި ނުކުތް ވަގުތު، ރީބައުންސުން އިލާން ކާމިޔާބުކުރި ލަނޑެކެވެ.
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގައި ލަންކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: އޭއެފްސީމެޗުގެ ދެ ވަނަ ހާފު ފަށައިގެން ރާއްޖެއިން ކުޅުން ވަރުގަދަކުރިއިރު، 60 ވަނަ މިނިޓުގައި އައިދު މުހައްމަދު ޖަވީޒް ދިން ބޯޅައަކުން އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ހަމަލާއަކުން ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ޝަމްހާން (ޝަމްބެ) އެވެ.
ރާއްޖޭން ދެ ލަނޑުގެ ލީޑެއް ނެގިތާ ތިން މިނިޓް ފަހުން، ރާއްޖޭގެ ފުލްބެކް މުހައްމަދު ނައިސަމް އަށް ކުރި ފައުލަކަށް ލަންކާގެ ޑިފެންޑަރު މުހައްމަދު ފާރިގު އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން، މެޗުގެ ބާކީ ބައި ލަންކާއިން ކުޅެންޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އެއާއެކު ރާއްޖެއިން މެޗުގެ ކޮންޓްރޯލް އަތުލައި، އިތުރު ދެ ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ 78 ވަނަ މިނިޓުގައި އަހުޒަމް ރަޝީދު ނަގައިދިން ކޯނަރަކުން ނައްސާހު ބޮލުން ޖަހައި ރާއްޖޭގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ ދެ މިނިޓް ފަހުން އިލާން ތަނަވަސްކޮށްދިން ފުރުސަތަކުން ނައްސާހު ވަނީ އޭނާގެ ދެ ވަނަ ލަނޑާއެކު ރާއްޖޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީއޭއެފްސީގެ އާ އޮނިގަނޑުގެ ދަށުން ޑިވެލޮޕްމަންޓް ފޭސްގެ ގްރޫޕް "ކޭ" ގައި ކުޅުނު ފުރަތަމަ މެޗުން ބްރުނާއީ އަތުން 2-0 އިން މޮޅުވި ރާއްޖެއަށް މިހާރު ވަނީ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ލިބިފައެވެ.
މިޔަންމާއިން ބުރުނާއީ އަތުން 7-0 އިން މޮޅުވެ، ފައިދާ ގޯލުގެ ތަފާތުން ގްރޫޕްގެ އެއް ވަނައިގައި އޮތް ނަމަވެސް، ބާކީ އެއް މެޗު އޮއްވައި ރާއްޖެއާއި މިޔަންމާއިން ވަނީ ކޮލިފިކޭޝަން ފޭސްގެ ޖާގަ ކަށަވަރުކޮށްފައެވެ.
ރާއްޖެއާއި މިޔަންމާ ބައްދަލުކުރާ ފަހު މެޗު އޮންނާނީ އާދިއްތަ ދުވަހުއެވެ. މި މެޗާއެކު ގްރޫޕްގެ އެއްވަނަ ޓީމު ކަނޑައެޅިގެންދާނެ އެވެ.