އިންޑިއާގެ ޗެންނާއީގައި ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސިޓީއަކާއި މޮޓޯޕޯޓްސްއަށް ހާއްސަ މަރުކަޒެއް ތަރައްޤީކުރުމަށް ޓެމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ ނިންމަވައިފިއެވެ.
ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮލިމްޕިކް ސިޓީ ތަރައްޤީކުރާނީ ސްޕޯޓްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އޮފް ތަމަޅަ ނާޑޫގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ކުޅިވަރުގެ ހުރިހާ ދާއިރާއަކުން އެންމެ ޒަމާނީ ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭނެ މަރުކަޒެއް ގާއިމުކުރުމެވެ.
ޓެމިލް ނާޑޫ އެސެމްބްލީގައި ޤަވާއިދު 110ގެ ދަށުން މިކަން އިއުލާން ކުރައްވަމުން ވިޖޭ ވިދާޅުވީ، މި އޮލިމްޕިކް ސިޓީގައި ދުނިޔޭގެ ފެންވަރުގެ ކުޅިވަރު އެރީނާތަކާއި، އެންމެ ފަހުގެ ވަސީލަތްތަކާ އެކު ހިންގާ ހައި-ޕާފޯމަންސް ޓްރެއިނިންގް ސެންޓަރެއްގެ އިތުރުން، ސްޕޯޓްސް ސައިންސް އަދި ސްޕޯޓްސް މެޑިސިން ސެންޓަރުތައް ވެސް ޤާއިމުކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، އެތުލީޓުންނާއި ކޯޗުންނަށް ބޭނުންވާ ޒަމާނީ އިންފްރާސްޓްރަކްޗަރާއި އެކޮމޮޑޭޝަން ފެސިލިޓީތައް ވެސް މި ސިޓީގައި ހިމެނޭނެއެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޓެމިލް ނާޑޫގެ އެތުލީޓުންނަށް މަތީ ފަންތީގެ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދީ، އޮލިމްޕިކްސް އާއި ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި އެ ސްޓޭޓަށް ފަހުރުވެރި ކާމިޔާބީތަކާއި މެޑަލްތައް ހޯދައިދިނުމެވެ.

ވިޖޭ ޓެމިލް ނާޑޫ އެސެމްބްލީގައި ވާހަކަ ދައްކަވަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އޮލިމްޕިކް ސިޓީގެ އިތުރުން، ޗެންނާއީގައި މޯޓަސްޕޯޓްސްއަށް ހާއްސަ ސިޓީއެއް ބިނާކުރުމަށް ވެސް ޗީފް މިނިސްޓަރު ވަނީ ނިންމަވާފައެވެ. މި މަރުކަޒަކީ ފޯމިއުލާ 1އިން ފެށިގެން ފޯމިއުލާ 4އާ ހަމައަށް ހުރިހާ ދަރަޖައެއްގެ ރޭސްތައް ބޭއްވޭނެ ފެންވަރަށް ތަރައްގީކުރެވޭނެ ތަނެކެވެ.
މި އިއުލާނު ނެރެފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އިން އެ ޤައުމުގައި މޯޓަސްޕޯޓްސް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ފޯމިއުލާ 1 ރޭސްތައް އަލުން އިންޑިއާއަށް ގެނައުމަށްޓަކައި ހާއްސަ ޓާސްކް ފޯހެއް މިދިޔަ ޖޫން މަހު ވަނީ އެކުލަވާލާފައެވެ.
ފެޑަރޭޝަން އޮފް މޮޓޯ ސްޕޯޓްސް ކްލަބްސް އޮފް އިންޑިއާ (އެފްއެމްއެސްސީއައި)ގެ ރައީސް އަރިންދަމް ގޯޝް ވަނީ މަރުކަޒީ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު މަންސޫކް މަންޑަވިޔާ އާއި އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ބައިނަލްއަޤްވާމީ ބޮޑެތި މޮޓޯސްޕޯޓްސް މުބާރާތްތައް އިންޑިއާގައި ބޭއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ގޯޝް ވިދާޅުވި ގޮތުގައި، 2030 ވަނަ އަހަރުގެ ކުރިން ފޯމިއުލާ 1 އަދި 2028 ވަނަ އަހަރުގެ ކުރިން ވޯލްޑް ރެލީ ޗެމްޕިއަންޝިޕް (ޑަބްލިއުއާރުސީ) އާއި މޮޓޯޖީޕީ އިންޑިއާގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އިންޑިއާއިން ބައިނަލްއަޤްވާމީ ފެންވަރުގެ ޑްރައިވަރުން އުފެއްދުމާއި މުޅި މޯޓަސްޕޯޓްސް ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗެންނާއީގައި ފެށުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫއުތަކުގެ ސަބަބުން، އެތުލީޓުން ތަމްރީނުކުރުމަށާއި ދުނިޔޭގެ ފެންވަރުގެ ރޭސިންގް މުބާރާތްތައް ބޭއްވުމަށް މަގުފަހިވެ، ސަރަޙައްދީ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.