އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް (ޕީއާރް) އޮފިސަރުންނަށް އަމާޒުކޮށްގެން ޝަހީބު މީޑިއާއިން ހިންގި "މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމު" ނިންމައި، 25 ބައިވެރިއަކަށް ރޭ ސެޓްފިކެޓް ދީފިއެވެ.
އޯގަސްޓް 23 އިން އިއްޔެގެ ނިޔަލަށް މާލޭގައި ކުރިއަށްގެންދިޔަ 10 ދުވަހުގެ މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މީގެ އިތުރުން ޖަލްސާގެ ހާއްސަ މެހެމާނުންގެ ގޮތުގައި ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް ޑރ. މުހައްމަދު ފަހުމީ ހަސަނާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި، ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް އަބްދުﷲ ހަމީދު ބައިވެރިވެވަޑައިގެން ބައިވެރިންނަށް ސެޓްފިކެޓް ދެއްވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ފަހުމީ ވިދާޅުވި ގޮތުގައި، ހަބަރު ފެތުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ހަބަރު ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އައުމުގެ މާ ކުރިން، ހަބަރަކީ ތެދު ހަބަރެއްތޯ ބަލައި ކަށަވަރުކުރުމުގެ މުހިންމުކަން އިސްލާމް ދީނުގައި އަންގަވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިންސާނާގެ ކަރާމާތާއި އަބުރުގެ ރައްކާތެރިކަމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް އިސްކަން ދެއްވައިފައިވާ ކަމެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަހީބު މީޑިއާގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު-- ފޮޓޯ: ޝަހީބު މީޑިއާބައިވެރިންގެ ފަރާތުން ވާހަކަދެއްކި އައިލެންޑް އޭވިއޭޝަންގެ ކަސްޓަމާ ސާވިސް އެގްޒެކެޓިވް މަރިޔަމް ނީނާ ބުނި ގޮތުގައި، 20 ގަޑިއިރުގެ މި ތަމްރީނުން ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެއެވެ. އަދި އެ މައުލޫމާތުތަކުގެ ބޭނުން ހިފައި، މުއައްސަސާތަކުގެ ތަސައްވަރު ރަނގަޅުކުރުމަށް މީޑިއާއާ ގުޅިގެން މަސައްކަތް ކުރުމަށް އާ ހިތްވަރެއް ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ، އާންމު ރައްޔިތުންނަށް ފަސޭހައިން ދޭހަވާނެހެން ސާފު ދިވެހި ބަހުން ތިލަކޮށް ހަބަރު ހަދާނެ ގޮތްތައް ވެސް ސާފުވެއްޖެ ކަމަށް ނީނާ ފާހަގަކުރިއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ ދިވެހި ނޫސްވެރިކަމުގައި 35 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ ޝަހީބު މީޑިއާގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބެވެ. ގެސްޓް ލެކްޗަރަރުންގެ ގޮތުގައި ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ބައިވެރިވެވަޑައިގަތެވެ.
ޖަލްސާގައި ވާހަކަދައްކަމުން ޝަހީބު ވިދާޅުވީ، 10 ދުވަސް ވަންދެން ކޮންމެ ރެއަކު ދެ ގަޑިއިރު ދަރިވަރުން ކިޔަވަމުން އައީ ފޫހިކަމެއް ނެތި ކަމަށާއި، 99 ޕަސަންޓް ދަރިވަރުން ހާޒިރީން 100 ޕަސަންޓް ހޯދައިފައިވާ ކަމަށެވެ. އަދި ތަމްރީނު ޕްރޮގްރާމުތައް ބޭއްވުމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ދިން އެހީތެރިކަމަށްޓަކައި އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދަށާއި މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރިއެވެ.
ޝަހީބު މީޑިއާއަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކޮށްފައިވާ އެއް މީޑިއާ ހައުސްއެވެ.