މި އަހަރު ސިއްހީ ދާއިރާއަށް އިތުރު 2،000 މުވައްޒަފުން ނަގާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފިއެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ، ޚިދުމަތް ހޯދާ މީހުންގެ އާބާދީއާ އެއްވަރަށް މުވައްޒަފުން ނެތް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގިނަ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމުން ދަތިތަކާ ކުރިމަތިވި ކަމަށާއި އިތުރު މުވައްޒަފުން ނެގުމަށް އެދުނު ކަމަށް އެ އޮފިސަރު ފާހަގަކުރިއެވެ.
https://x.com/presidencymv/status/2095550946948620609
މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، މި އަހަރު އިތުރަށް މުވައްޒަފުން ނެގުމަށް ނިންމާފައި ވަނީ ވެސް ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށެވެ.
"ނިއާލީ 2،000އެއްހާ ސްޓާފުން މުޅި ރާއްޖޭން. އޭގެތެރެއިން ބެޗް ބެޗަށް [މުވައްޒަފުން ނަގަމުން މި ދަނީ]" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އަޅާ ޖީޕީ ކުލިނިކުތައް ނިމުމުން ސިއްހީ ދާއިރާގެ ކެޕޭސިޓީއާއި އެ ދާއިރާގެ މުވައްޒަފުން ވެސް އިތުރުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދޭނެ ވަސީލަތްތަކާއި ތަންތަން ނުހުންނަ ކަމުގެ ކަންބޮޑުވުން އެ ދާއިރާގައި އޮވެއެވެ. ކަން އެހެން އޮތްއިރު، އަހަރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ސިއްހީ ދާއިރާގެ އިންފްރާންސްޝަކްޗާ ގާއިމުކުރުމަށް ކަނޑާއަޅާފައިވާ 814.7 މިލިއަން ރުފިޔާގެ ބަޖެޓުން ހޭދަކުރެވުނީ އެންމެ 232 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.