ކުޑަކުދީންނަށް އަނިޔާކުރާ މީހުންނަށް ހަރުކަށި އަދަބު ދޭން ހުޠުބާގައި ގޮވާލައިފި

ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި ހަރަކާތެއްގެ ތެރެއިން: މަހުން މަހަށް ކުޑަކުދިންނަށް ކުރާ އަނިޔާތައް އިތުރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް މިއަދުގެ ހުކުރު ހުޠުބާގައި ގޮވާލައިފިއެވެ.

"ކުޑަކުދީންގެ ހައްގުތައް" މި މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުޠުބާގައި ވަނީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގައިދިޔަ ހިތާމަވެރި ދެ ހާދިސާއަކަށް އަލިއަޅުވާލާފައެވެ. އެގޮތުން، ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ހާދިސާއާއި، އިމާރާތެއްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި މަރުވި ހާދިސާ ފާހަގަކޮށް، އެ ކުދީންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުއާކޮށްފައިވެއެވެ.

ހުޠުބާގައި ބުނި ގޮތުގައި، ކުޑަކުދީންނަކީ މާތް ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެކެވެ. އަދި ހުރިހާ ހާލަތެއްގައިވެސް މި އަމާނާތަށް ރައްކާތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމައުގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަމިއްލަ ނަފުސާއި އަހުލުވެރިން ނަރަކައިން ސަލާމަތްކުރުމަށް ކީރިތި ގުރުއާނުގައި އަންގަވާފައިވާއިރު، ކުޑަކުދީންނަކީ އޭގެ ތެރޭގައި ހިމެނޭ ބައެއްކަން ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންތަކެއް ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ މުއާހަދާތަކާއި ގާނޫނުތައް ވުޖޫދަށް އައުމުގެ މާ ކުރިން، އިސްލާމީ ޝަރީއަތުގައި އެ ކުދީންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދީފައިވާ ކަމަށް ހުޠުބާގައި ބުނެފައިވެއެވެ. ފަގީރުވެދާނެކަމަށް ބިރުން ދަރިން ނުމެރުމަށް އައިސްފައިވާ އާޔަތަށް ރިއާޔަތްކޮށް، އުންމަތުގެ ކުޑަކުދީން ރައްކާތެރި އަމާން މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން ރިވެތި ނަމެއް ކިޔުމަކީ ކުއްޖާގެ ހައްގެއްކަން ފާހަގަކޮށް، މުސްލިމުންނަށް ކިޔައިއުޅޭ ރަނގަޅު ނަމެއް ދީގެން ކުދީންގެ އިސްލާމީ ޝަހުސިއްޔަތު ބިނާކުރުމަށް ބާރުއަޅާފައިވެއެވެ. މީގެ އިތުރުން، އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން ކުދީން ރައްކާތެރިކުރުމަކީވެސް އެ ކުދީންނަށް ލިބިދޭންޖެހޭ ހައްގެއް ކަމަށް ބުނެފައިވެއެވެ.

ތަރުބިޔަތުގައި އިލްމާއި އަހުލާގުގެ އިތުރުން ރޫހާނިއްޔަތުގެ މުހިންމުކަން ފާހަގަކޮށް، ކުދީންނަށް ހަތް އަހަރު ވުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރު ވުމުން ނަމާދު ނުކުރާ ނަމަ އަނިޔާނުވާ ގޮތަށް އަދަބު ދިނުމަށް އައިސްފައިވާ ނަބަވީ އިރުޝާދަށް ހުޠުބާގައި ރިއާޔަތްކޮށްފައިވެއެވެ. ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިއާރުތަކަށް ދަރިން އަހުލުވެރިކުރުމަކީ މައިންބަފައިންގެ ވާޖިބެއްކަން ވަނީ ހަނދާންކޮށްދީފައެވެ.

ކުޑަކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ މައިންބަފައިންގެ ފަރާތުންވެސް އެއްވެސް ރަހުމެއް ނެތި ލާއިންސާނީ އަނިޔާތައް ކުރާކަން ހުޠުބާގައި ފާހަގަކޮށްފައިވެއެވެ. ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ މިފަދަ ފަރާތްތަކަށް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށާއި މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް ހުޠުބާގައި ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް