ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ، 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކޮށްފިއެވެ.
'ނިއުސް ވަޔާ'އިން ރިޕޯޓުކުރި ގޮތުގައި ސްރީލަންކާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނަމާލް ހައްޔަރުކޮށްފައި ވަނީ، 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިނަށް އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތާ ގުޅިގެން ސުވާލުކުރުމަށް ހާޒިރުކޮށް، ފަސް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ސުވާލުކުރުމަށްފަހެވެ.
އެއާބަސް ކުންފުނިން މަތިންދާބޯޓު ގަތުމުގެ މުއާމަލާތުގެ ތެރެއިން ސްރީލަންކާގެ އިސް މަސްއޫލުވެރިންނާއި ސިޔާސީ ބޭފުޅުންނަށް ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އަދި ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލާ ދީފައިވާ ބަޔާނުގައި، އެއާބަސް މުއާމަލާތުގެ ރިޝްވަތުގެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް ބައި މިލިއަން އެމެރިކާ ޑޮލަރު (60 މިލިއަން ރުޕީސް) ނަމާލްއާ ހަވާލުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރާޖަޕަކްސަ އާއިލާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ކޮމިޝަނުން ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ވެސް ސުވާލުކޮށްފައެވެ.