ޖެނެޓިކް ބަދަލުތަކެއް ގެނެސްފައިވާ އޫރެއްގެ ކިޑްނީއެއް (ގުރުދާއެއް) އިންސާނެއްގެ ހަށިގަނޑަށް ލައްވައިގެން ރެކޯޑު މުއްދަތެއް ކަމަށްވާ ނުވަ މަސްދުވަހު (271 ދުވަހު) މީހަކު ދިރިހުރެ، ސައިންސާއި ބޭސްވެރިކަމުގެ ތާރީޚުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މިއީ ވަގުތީ "ފާލަމެއް"ގެ ގޮތުގައި އޫރުގެ ކިޑްނީ ބޭނުންކޮށް އިންސާނީ ކިޑްނީއަކަށް ބަދަލުކުރެވެންދެން މީހެއްގެ ފުރާނަ ސަލާމަތްކުރި ދުނިޔޭގެ ފުރަތަމަ ހާދިސާއެވެ.
އެމެރިކާގެ ނިއު ހެމްޕްޝަޔާއަށް ނިސްބަތްވާ އުމުރުން 66 އަހަރުގެ ޓިމް އެންޑްރޫސްއަކީ ޓައިޕް-2 ޑައިބިޓީސްގެ ސަބަބުން ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވެފައިވި މީހެކެވެ. އޭނާއަށް އިންސާނެއްގެ ކިޑްނީއެއް ލިބުމުގެ ފުރުސަތު އޮތީ އެންމެ ނުވަ އިންސައްތައިގައެވެ.
ނަމަވެސް އެމެރިކާގެ މެސަޗުސެޓްސްގެ 'މާސް ޖެނެރަލް ބްރިގަމް' ގެ ޑޮކްޓަރުން ވަނީ އޫރެއްގެ ކިޑްނީ އޭނާގެ ހަށިގަނޑަށް ކާމިޔާބުކަމާއެކު ލައްވައިދީފައެވެ.
އޫރުގެ ކިޑްނީއެއް ލައްވައި ފުރާނަ ސަލާމަތްވި އެމެރިކާގެ ނިއު ހެމްޕްޝަޔާއަށް ނިސްބަތްވާ އުމުރުން 66 އަހަރުގެ ޓިމް އެންޑްރޫސް ހޮސްޕިޓަލުގައި -- ފޮޓޯ: ކޭޓް ފްލޮކްމި ކާމިޔާބީއާ ގުޅޭ ތަފްސީލުތައް ސައިންސްގެ މަޝްހޫރު ޖާނަލް 'ދަ ލާންސެޓް' ގައި ވަނީ ޝާއިއުކޮށްފައެވެ. އެގޮތުން މިއީ އޫރެއްގެ ކިޑްނީއެއް އިންސާނެއްގެ ހަށިގަނޑުގައި ޑައިލަސިސް ހަދަން ނުޖެހި އެންމެ ގިނަ ދުވަހު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.
އޫރުގެ ކިޑްނީ ނުވަ މަސް ފަހުން ފެއިލްވިއިރު އެންޑްރޫސްއަށް ވަނީ މަރުވެފައިވާ އިންސާނެއްގެ ކިޑްނީއެއް ލިބި، ކާމިޔާބުކަމާއެކު އޮޕަރޭޓްކޮށްފައެވެ.
ކިޑްނީ ނެގި އޫރުގެ ޖީނޯމަށް 69 ބަދަލެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި އިންސާނާގެ ދިފާއީ ނިޒާމުން އޯގަން ގަބޫލުނުކުރުމުގެ ފުރުސަތު ކުޑަކުރުމާއި އޫރުގެ ވައިރަސްތަކުން ރައްކާތެރިކުރުން ހިމެނެއެވެ. މި ނުވަ މަސްދުވަހުގެ ތެރޭގައި އެންޑްރޫސް ވަނީ އާދައިގެ ދިރިއުޅުމަކަށް އައިސް، ކެއްކުމާއި، ގޭގެ މަސައްކަތްތައް ކުރުމުގެ އިތުރުން އޭނާގެ ޕެޓް، ކުއްތާއާއެކު ބޭރުގައި ހިނގާލަން ގޮސް ވެސް އުޅެފައެވެ.
މުޅި ދުނިޔޭގައިވެސް ގުނަވަންތައް ހޯދުމަށް އޮތް ތަދުމަޑުކަމަށް ހައްލެއް ހޯދުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތުގައި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އިސް ޑޮކްޓަރު ރިއެލާ ފާހަގަކުރެއްވި ގޮތުގައި، މި ދިރާސާތަކުގެ ސަބަބުން ކުރިމަގުގައި އިންސާނީ ކިޑްނީއެއް ލިބެންދެން ބަލިމީހުންގެ ފުރާނަ ސަލާމަތްކޮށްދޭނެ ވަގުތީ ހައްލެއްގެ ގޮތުގައި އޫރުގެ ކިޑްނީ ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.