ޑައިރެކްޓަރު ސާޖިދު ޚާން ބޮލީވުޑަށް ތައާރަފުވި ކާމިޔާބު ކޮމެޑީ ފިލްމު "ހޭ ބޭބީ"ގެ ދެވަނަ ބައެއް އުފައްދަން ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މި ފިލްމު އުފައްދާކަން ހާމަކޮށްފައިވަނީ، ފުރަތަމަ ބައިވެސް ގެނެސްދިން މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން އޮސްޓްރޭލިއާގައި ފިލްމުތަކެއް ޝޫޓްކުރުމަށް އެ ގައުމުގެ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި އެއްބަސްވުމުގެ ދަށުން އުފައްދާ ތިން ފިލްމުގެ ތެރެއިން ރަސްމީކޮށް ނަން ހާމަކުރި ހަމައެކަނި ފިލްމަކީ "ހޭ ބޭބީ 2"އެވެ.

އަކްޝޭ ކުމާރު އަދި ވިދްޔާ ބާލަން ފިލްމު "ހޭ ބޭބީ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ
ދެހާސް ހަތްވަނަ އަހަރު ރިލީޒްކުރި "ހޭ ބޭބީ" އަކީ މުޅިންހެން އޮސްޓްރޭލިއާގައި މަންޒަރުތައް ނެގި ފިލްމެކެވެ. އަކްޝޭ ކުމާރު، ފަރުދީން ޚާން، ރިތޭޝް ދޭޝްމުކް އަދި ވިދިއާ ބާލަން މުހިންމު ރޯލުތަކުން ފެނުނު މި ފިލްމުގެ ދެވަނަ ބައެއް އިއުލާންކުރި ނަމަވެސް، ފުރަތަމަ ބައިގެ ކާސްޓު މި ފިލްމުން ފެންނާނެކަމެއް އަދި ޑައިރެކްޓަރަކީ ކާކުކަމެއް ސާފެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2018 ވަނަ އަހަރު ސާޖިދު ޚާންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން، ނަދިއަދުވާލާ ގްރޭންޑްސަންގެ "ހައުސްފުލް 4"ގެ ޑައިރެކްޓަރުކަމުން އޭނާ ވަކިކޮށް، އެ މަސައްކަތް ހަވާލުކުރީ ފަރުހާދު ސަމްޖީއާއެވެ. އެ ހާދިސާއަށްފަހު، ޑައިރެކްޓަރު ސާޖިދާއި ޕްރޮޑިއުސަރު ސާޖިދުގެ މެދުގައި އޮތް ގުޅުމަށް ވަނީ ބުރޫއަރާފައެވެ.
މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާންގެ ކޮއްކޮ، ސާޖިދު ޚާން މިހާރު ތައްޔާރުވަމުން އަންނަނީ ގޯވިންދާގެ ދަރިފުޅު ޔާޝްވަރުދަން އަހޫޖާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ހީރޯ ކީ ހިރޮއިން"ގެ މަސައްކަތަށެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.