ރާއްޖޭގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައިވަނީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައިގެ ތުހުމަތުގައި އިއްޔެ 42 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ރާއްޖޭގައި ފާއިތުވި ހަފުތާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ރިޕޯޓުކުރި މަައްސަލައަކާ ގުޅިގެން، ދެކުނުގެ ރަށެއްގައި އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފައިވެއެވެ.
އުމުރުން 13 އަހަރުގެ އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެ ކުރިން، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައިވެސް ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕައެވެ.
އެ މައްސަލައިގައި މަންމައަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގު ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.
ނަމަވެސް އޭގެ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 174 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.