އަހަރުގެ މިހާތަނަށް ތިން ލައްކަ ފަތުރުވެރިން ގެސްޓްހައުސްތަކަށް، ޖުމުލަ ފަތުރުވެރިންގެ 22 ޕަސެންޓް

ފަތުރުވެރިންތަކެއް ރާއްޖޭގެ ރަށެއްގައި: ފަތުރުވެރިންތަކެއް ރާއްޖޭގައި: އަހަރުގެ މިހާތަނަށް ތިން ލައްކަ ފަތުރުވެރިން ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށްފައިވޭ --- ފޮޓޯ/ މިލައިދޫ

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ، ހަފުތާގެ ރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާޒަރްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 1،461،682 އަަށް އަރާއިރު، އޭގެ ތެރެއިން 317،178 މީހުންނަކީ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށްފައިވާ މީހުންނެވެ. އެއީ ރާއްޖޭއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 22 އިންސައްތައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން އަދިވެސް ދަތުރުކުރަނީ ރިސޯޓުތަކަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 1،053،055 ފަތުރުވެރިން ވަނީ ރިސޯޓުތަކަށް ޒިޔާރަތްކޮށްފައެވެ. އެއީ މި އަހަރު އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 73.5 އިންސައްތައެވެ.

މީގެ އިތުރުން ހޮޓެލްތަކަށް 33،513 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ކްރޫޒްލައިނާތަކުގައި 26،550 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން 268،117 މީހުން ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 209،815 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި: އަހަރުގެ މިހާތަނަށް ތިން ލައްކަ ފަތުރުވެރިން ގެސްޓްހައުސްތަކަށް، ޖުމްލަ ފަތުރުވެރިންގެ 22 ޕަސެންޓް --- ފޮޓޯ: އެމްއޭސީއެލް

ޗައިނާއާއި ރަޝިއާގެ އިތުރުން ދެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 110،983 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ލިސްޓުގެ ހަތަރުވަނަ އަދި ފަސްވަނައިގައި އުޅެނީ އިޓަލީ އާއި ޖަރުމަނެވެ.

ކުރިއެކޭ ވެސް އެއްގޮތަށް މިހާރުވެސް އިންޑިއާ އޮތީ ލިސްޓުގެ ހަވަނައިގައެވެ.

https://sun.mv/226674

ފާހަގަކޮށްލެވޭ ގޮތުގައި، ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

އެއަށްފަހު މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވިއެވެ.

comment ކޮމެންޓް