އިތުބާރުކުރެވޭ މާކެޓް އިންފްރާސްޓްރަކްޗާއެއް ބިނާކުރަން އެމްއެސްއީ އާއި އެމްއެސްޑީގެ މުހިންމު މަސައްކަތްތަކެއް

އެމްއެސްއީއާއި އެމްއެސްޑީން ވަނީ 2026-2030ގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައި --

ރާއްޖޭގެ ކެޕިޓަލް މާކެޓްގެ އިންފްރާސްޓްރަކްޗާ މިހާރަށް ވުރެ ހަރުދަނާކޮށް, ވިޔަފާރިތަކާއި އިންވެސްޓަރުންނަށް އިތުރު ފުރުސަތު ހޯދާދެވޭނެ މަގުތައް ވަނީ ބޭނުންވެފައެވެ. މި ދާއިރާ ކުރިއަރުވައި, އެ ދާއިރާގައި ހުރި ފުރުސަތުތައް އިތުރުކޮށް, މިހާރަށް ވުރެ ހަރުދަނާ އޮނިގަނޑެއް ބިނާކުރުމުގެ ގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އަދި ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)އިން ވަނީ 2026-2030 ގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައެވެ. މި ސްޓްރެޓެޖިކް ޕްލޭނުގެ އަމާޒަކީ ދިވެހި ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް، ދުރުރާސްތާގެ އިންވެސްޓްމެންޓު ސްޓްރެޓެޖީތަކާއި ގުޅުވައިދިނުމެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަކީ ސެކިއުރިޓީޒް ލިސްޓުކޮށް، ސެކަންޑަރީ މާކެޓުގައި ވިއްކުމުގެ ލައިސަންސް ކެޕިޓަލް މާކެޓް ޑިވަލްޕްމަންޓު އޮތޯރިޓީއިން ދޫކޮށްފައިވާ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ އޮޕަރޭޓަރެވެ. އަދި އެމްއެސްއީގެ ސަބްސިޑަރީ ކުންފުނި, މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) އަކީ ލިސްޓުކޮށްފައިވާ ސެކިއުރިޓީތައް ސެކަންޑަރީ މާކެޓުގައި ގަނެ ވިއްކުމުގެ މުއާމަލާތްތަކަށް ބޭނުންވާ ސެންޓްރަލް ޑިޕޮސިޓަރީގެ ހިދުމަތާއި ކްލިއަރިން އަދި ސެޓްލްމަންޓުގެ ކަންކަން ފުރިހަމަ ކުރާ މައި ސެންޓްރަލް ޑިޕޮސިޓަރީއެވެ.

ވިޔަފާރިތަކަށް ފައިނޭންސް ހޯދޭނެ ގޮތްތައް ކެޕިޓަލްމާކެޓް މެދުވެރިކޮށް އިތުރުކުރުން

އެމްއެސްއީއިން އެކުލަވާލާފައިވާ ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގައި، ސްޓޮކް އެކްސްޗޭންޖުން ގާއިމްކޮށްގެން ހިންގާ ރާއްޖޭގެ ކެޕިޓަލް މާކެޓް އިންފްރާސްޓްރަކްޗާއިން އަދާކުރެވިދާނެ މުހިންމު ދައުރު ވަނީ ހިމަނާފައެވެ.

ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ ނާޒުކު ދަޑިވަޅެއްގައި، ބެންކު ލޯނުފަދަ ދަރަނީގެ ވަސީލަތްތަކަށް އެކަނީ ބަރޯސާ ވުމުގެ ބަދަލުގައި، އިކުއިޓީ، ކޯޕަރޭޓް ބޮންޑު، ސުކޫކް އަދި މާކެޓް-ބޭސްޑް އެހެނިހެން ސެކިއުރިޓީޒްގެ ބާޒާރުގެ ވަސީލަތްތައް ބޭނުންކުރުމެ މަގު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބިގެން ދިއުމަކީ އެ ކުންފުނީގެ މެދު ރާސްތާގެ އަމާޒެކެވެ.

އެ ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން، ކުންފުނިތައް ލިސްޓުކުރުމަށް އެކަށީގެންވޭތޯ ބެލުމަށާއި، ގަވާނަންސް، ފައިނޭންޝަލް ރިޕޯޓިން، ޑިސްކްލޯޝާ އަދި އިންވެސްޓަރުންނާ މުއާމަލާތްކުރުން ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން "އިޝުއާ-ރެޑިނަސް" ޕްރޮގްރާމްތަކެއް ތައާރަފުކުރުމަށް އެމްއެސްއީ އިން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ޕްރައިވެޓް މާކެޓްގެ ތެރެއިން ވިޔަނަ އެމްއެސްއެމްއީ "ގްރޯތް ބޯޑު" ތައާރަފް ކުރުމުގެ ޕްލޭންތައް ވަނީ އެކުލަވާލާފައެވެ.

އެ ޕްރޮގްރާމްގެ ދަށުން އެމްއެސްއެމްއީ ނޯޓްސް، ގެސްޓްހައުސް ބޮންޑު އަދި ލީސިން-ބެކްޑް ސެކިއުރިޓީޒް ފަދަ ވަސީލަތްތައް ސީއެމްޑީއޭ އާއި އެކު މަސައްކަތް ކޮށްގެން ތައާރަފުކުރުމަށް ވަނީ ރާވާފައެވެ.

ފަތުރުވެރިކަން "ޕެރަޑައިސް" އިން އިންވެސްޓުކުރެވޭ "ޕޯޓްފޯލިއޯ" އަކަށް

ކެޕިޓަލް މާކެޓް ކުރިއެރުވުމަށް އެންމެ ބޮޑު ފުރުސަތެއް އޮތް އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. ޑޮމެސްޓިކް ކެޕިޓަލް މާކެޓުގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ބައިވެރިވުން މަދެވެ. އެހެންވެ, އެމްއެސްއީގެ ސްޓްރެޓެޖިކް ޕްލޭންގައި ފަތުރުވެރިކަމަކީ ކުރިމަގުގައި އިޝުއާ އެންގޭޖްމަންޓަށް އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާ، 2027 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއިން އެންކަރ ލިސްޓިންއެއް ގެނައުމަށް ވަނީ ނިންމާފައެވެ.

އެ ސްޓުރެޓަޖީގެ ތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ފަރާތުން ފަތުރުވެރިކަމަށާއި އުފެއްދުންތެރި އެހެނިހެން ދާއިރާތަކަށް އިތުރު ކެޕިޓަލް ލިބިގެންދާނެ ފުރުސަތު އިތުރުވެގެންދާނެ އެވެ. އެމްއެސްއީގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ "ޕެރަޑައިސް" އިން "ޕޯޓްފޯލިއޯ" އަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް އިތުރަށް ކުރިއެރުމުގެ ފުރުސަތުތައް ފޯރުކޮށްދީ، ހާމަކަން ބޮޑު، އިންވެސްޓް ކުރެވޭ އެސެޓުތަކަކަށް ކުންފުނިތައް ހެދުމަށް މަގުފަހި ކޮށްދިނުމެވެ.

ސަރުކާރާއި ކޯޕަރޭޓް ޑެޓް މާކެޓްތައް ތަރައްގީކުރުމަށް ބޭނުންވާ މުހިންމު އިންފްރާސްޓްރަކްޗާ އެމްއެސްއީ އާއި އެމްއެސްޑީން މިހާރު ވެސް ދަނީ ފޯރުކޮށްދެމުން --

ސަރުކާރުގެ އަދި ކޯޕަރޭޓް ޑެޓް ސެކިއުރިޓީޒްއަށް މަގުފަހިކުރުން

ސަރުކާރުގެ އަދި ކޯޕަރޭޓް ޑެޓް މާކެޓްތައް ތަރައްގީކުރުމަށް ބޭނުންވާ މުހިންމު އިންފްރާސްޓްރަކްޗާ އެމްއެސްއީ އަދި އެމްއެސްޑީ އިން މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި ޓްރެޝަރީ ބިލް، ބޮންޑު އަދި އިސްލާމިކް އިންސްޓްރޫމަންޓުތައް ވަނީ ދޫކޮށްފަ އެވެ. ހަރުދަނާ ސެކިއުރިޓީޒް މާކެޓެއްގައި މިފަދަ އިންސްޓްރޫމަންޓްތައް ލިސްޓް ކުރުމުން އާންމު ފަރުދުންނާއި އެހެނިހެން އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެއެވެ.

ޑެޓް ސެކިއުރިޓީޒް ލިސްޓު ކުރުމަށް ބޭނުންވާ ގަވާއިދުތައް އިސްލާހުކޮށް، އިތުރަށް މަގުފަހި ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ދިގު-މުއްދަތުގެ ކެޕިޓަލް ހަރުދަނާގޮތުގައި މޮބިލައިޒްކުރުން

ވިޔަފާރިތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ފޯރުކޮށްދިނުމުގައި ޕެންޝަން ފަންޑުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، އެސެޓް މެނޭޖަރުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިންފްރާސްޓްރަކްޗާ އަދި ނޫ އިގްތިސާދަކީ ވެސް ފުރުސަތުތައް ހުރި ދާއިރާތަކެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ. ގްރީން، ބްލޫ އަދި ސަސްޓެއިނަބިލިޓީއާ ގުޅިފައިވާ ސެކިއުރިޓީޒް މެދުވެރިކޮށް، ތިމާވެއްޓާއި އިގްތިސާދީ ގޮތުން އެދެވޭ ނަތީޖާތަކެއް ހާސިލުކުރަން ބޭނުންވާ އިންވެސްޓަރުންނާއި ޑިވެލޮޕްމަންޓް އިންސްޓިޓިއުޝަންތައް، ރާއްޖޭގެ އިތުބާރުހުރި މަޝްރޫއުތަކާ ގުޅުވައިދެވިދިނުމުގެ އަމާޒުތައް، ޕްލޭންގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން 2030 ވަނަ އަހަރާ ހަމައަށް، ލިސްޓުކުރެވޭ އިންސްޓްރޫމަންޓްތަކުގެ މަދުވެގެން 25 ޕަސެންޓަކީ ސަސްޓެއިނަބިލިޓީއާ ގުޅިފައިވާ އިންސްޓްރޫމަންޓް ތަކަކަށް ހެދުމަށް މަސައްކަތްކުރުމަށް ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވެއެވެ.

މިއަމާޒުތައް ހާސިލުކުރުމަށް އެކަށީގެންވާ މަޝްރޫއުތަކާއި، އިތުބާރުހުރި މިންގަނޑުތަކާއި އަދި ހާމަކަންބޮޑު ރިޕޯޓިން ފްރޭމްވޯކުތައް ހެދުމުގެ މަސައްކަތް ގުޅުންހުރި އިދާރާތަކާއި އެކު ކުރިއަށް ގެންދިއުމަށް ޕްލޭންގައި ވަނީ ހިމަނާފައެވެ.

އިތުބާރުން ބިންގާ އެޅިފައިވާ ސެކިއުރިޓީޒްގެ ބާޒާރެއް

އެކްސްޗޭންޖް އަދި ޑިޕޮސިޓަރީއެއްގެ އެންމެ އަގުހުރި އަސާސަކީ މާކެޓާއިމެދު އުފައްދާ އިތުބާރެވެ. ސްޓޮކް އެކްސްޗޭޖު ކުންފުނި އަދި ޑިޕޮސިޓާރީއިން ވޭތުވެދިޔާ 18 އަހަރުގެ ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރުގައި، އިންވެސްޓަރުން އަދި ކުންފުނިތަކުގެ މެދުގައި އިތިބާރުހިފޭ ނިޒާމެއް ވަނީ ގާއިމުވެފަ އެވެ.

ސައްހަ އޯނާޝިޕް ރެކޯޑުތަކާއި، އިންތިޒާމުވެފައިވާ ސެޓްލްމަންޓާއި، ހާމަކަންބޮޑު ޑިސްކްލޯޝާތަކުގެ އިތުރުން ރައްކާތެރިކަމާ އެކު މެދުކެނޑުމެއް ނެތި މަސައްކަތްކުރާ ސިސްޓަމްތަކަށް އިންވެސްޓަރުންނާއި ހަމައަށް ވަނީ ފޯރުކޮށްދީފަ އެވެ. އެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން، ގަވާނަންސް، ސައިބާސެކިއުރިޓީ، ބިޒްނަސް ކޮންޓިނިއުޓީ، މާކެޓް ސާވެއިލަންސް އަދި އިންވެސްޓަރުންގެ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށް އެ ޕްލޭންގައި ވަނީ ހިމަނާފަ އެވެ.

ޒަމާނީ ފެންވަރަށް އުފައްދާފައިވާ ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ (ސީއެސްޑީ) ސިސްޓަމް ތައާރަފްކުރުމާއި، ސެޓްލްމަންޓް-ބޭންކް ޕްރޮސެސްތަކާ ގުޅުވާލުމާއި، އަދި ޓްރޭޑިން، އޯނާޝިޕް ރެކޯޑުތައް، ރިޕޯޓިންގެ އިތުރުން އިންވެސްޓާ ޕްލެޓްފޯމްތަކާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުން ސްޓްރެޓެޖިކް ޕްލޭންގައި ވަނީ ހިމަނާފަ އެވެ. އެމްއެސްޑީ އިން ބުނީ ގޮތުގައި ސީއެސްޑީ ސިސްޓަމްގެ ފުރަތަމަ ފިޔަވަހި ނިމި، އިންޓާނަލް ޓެސްޓިން ވަނީ ފަށާފަ އެވެ. ސިސްޓަމްތަކުގެ އިންޓަގްރޭޝަންގެ ބޭނުމަކީ މެނުއަލްކޮށް ކުރާ މަސައްކަތްތައް މަދުކޮށް، ޕޯސްޓް-ޓްރޭޑް ކޮންޓްރޯލްތައް ހަރުދަނާކޮށް، މާކެޓްގައި ބައިވެރިވާ ފަރާތްތަކަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ރާއްޖެ ބޭނުންވާ ސެކިއުރިޓީޒްގެ ބާޒާރުގެ އިންފްރާސްޓްރަކްޗާ އެމްއެސްސީ އަދި އެމްއެސްޑީ އިން ދަނީ ގާއިމްކޮށް، އިތުބާރާއެކު ދަމަހައްޓާ ތަރައްގީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. ކުރިއަށް އޮތް މަރުހަލާއަކީ، ސެކިއުރިޓީޒް މާކެޓާއި އިގްތިސާދީ ހަރަކާތްތައް އިތުރަށް ގުޅުވާ، ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ޕްރޮގަރާމްތައް ހިންގުމެވެ.

އެ ކުންފުނިން އެކުލަވާލާފައިވާ ސްޓްރެޓެޖީ ކާމިޔާބުވެއްޖެނަމަ، އިތުރު ވިޔަފާރިތަކަށް ދިގު މުއްދަތުގެ ކެޕިޓަލް ލިބި، ރެގިއުލޭޓު ކުރެވިފައިވާ ގިނަ ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުޅުވި، ފުޅާ އަދި ހާމަކަންބޮޑު ފައިނޭންސިން އިކޯސިސްޓަމެއްގެ ފައިދާ ލިބޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު