ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މިހާތަނަށް 205 ސިޔާސީ މުވައްޒަފުން މަޤާމުތަކުން ވަކިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މުންދު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް ވަކިކޮށްފައިވަނީ ހަތަރު މަގާމެއްގައި ތިއްބެވި ސިޔާސީ މުވައްޒަފުން ކަމަށެވެ. އެގޮތުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޔާސީ މުވައްޒަފުން މަދުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މިއީ އަދި ނިމުނީ ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
"މިހާތަނަށް މި މަސައްކަތުގެ ތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައިމިވަނީ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަރު، ޑެޕިއުޓީ މިނިސްޓަރު، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން 205 މުވައްޒަފުން ވަކިކުރެވިއްޖެ. އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތްތަނުގައި މިއަދަދަށް ބަދަލު އަތުވެދާނެ،" ތަރުޖަމާނު ވިދާޅުވިއެވެ.
ސަރުކާރުން މި މައުލޫމާތު ހާމަކުރެއްވި ނަމަވެސް، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ޖުމްލަ ތިއްބެވީ ކިތައް ބޭފުޅުންކަން މިހާތަނަށް ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެހެންކަމުން، މި ވަކިކުރެވުނު އަދަދަކީ ޖުމްލަ ސިޔާސީ މުވައްޒަފުންގެ ނިސްބަތުން ކިހާވަރެއްގެ އަދަދެއްކަން ޔަގީނެއް ނޫނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ އަދަދު 2000 އާ ގާތްކުރާނެއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ޓަކައި ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން ވެސް މުވައްޒަފުން މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ނިންމަވާފައެވެ.