އިންޑޮނީޝިއާގެ އަނަކް ކްރަކަޓާއޯ އަލިފާންފަރުބަދަ ގޮވުމުގެ ސަބަބުން، އެ ގައުމުގެ ފަސް އެއާޕޯޓެއްގެ ފްލައިޓު އޮޕަރޭޝަންތައް މިއަދު މެދުކަނޑާލައިފިއެވެ.
ޖަކާޓާގެ މައި އެއާޕޯޓު ކަމަށްވާ ސުކަރްނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލީ އަލިފާންފަރުބަދައިގެ އަޅި ފެތުރެމުންދާތީއެވެ. އެއާޕޯޓް އޮޕަރޭޓަރު 'އަންގްކާސާ ޕޫރާ' އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިކަމުގެ ސަބަބުން 301 ފްލައިޓަކަށް ވަނީ އަސަރުކޮށްފައެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ 58 ފްލައިޓު ހިމެނެއެވެ. ސިންގަޕޯ އެއާލައިންސްއިން ވަނީ މިއަދުގެ ނިޔަލަށް ޖަކާޓާއަށް ކުރާ ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފައެވެ.
އިންޑޮނީޝިއާގެ މޫސުމާ ބެހޭ އިދާރާ (ބީއެމްކޭޖީ) އިން ހާމަކުރި ގޮތުގައި، ޖާވާ ފަޅިން 20،000 ފޫޓަށް އަދި ސުމަޓްރާ ފަޅިންނާއި ބަންޓެން ޕްރޮވިންސްގެ ބައެއް ހިސާބުތަކުން 50،000 ފޫޓަށް ވަނީ އަޅި ބުރާފައެވެ. ފްލައިޓުތައް ކެންސަލްވުމާ ގުޅިގެން އެތައް ސަތޭކަ ފަސިންޖަރުންނެއް އެއާޕޯޓުގައި ވަނީ ތާށިވެފައެވެ.
އުމުރުން 58 އަހަރުގެ ސުހާރްދީ ރޮއިޓާސްއަށް ބުނީ، ޖަކާޓާއިން ސަމަރިންޑާއަށް ކުރާ ދަތުރު އޮންނާނެ ކަމަށް ހީކުރި ނަމަވެސް އެ ފްލައިޓު ވެސް ކެންސަލްވެފައިވާ ކަމަށެވެ. އަދި ފްރާންސްގެ ފަތުރުވެރިއެއް ކަމަށްވާ އުމުރުން 21 އަހަރުގެ އެލޯން ޓަސެޓް ބުނީ، އޭނާ މަނާޑޯއަށް ކުރަން އޮތް ދަތުރު ލަސްވެފައިވާ ކަމުގެ މެސެޖެއް ލިބިފައިވާ ކަމަށާއި، ފްލައިޓު ކެންސަލްވެއްޖެނަމަ ޖަކާޓާއިން ހޮޓަލެއް ހޯދަން ޖެހޭނެ ކަމަށެވެ.

އެއާލައިންތަކާ ގުޅިގެން ފަސިންޖަރުންނަށް ކާބޯތަކެތި ފޯރުކޮށްދީ، ހޮޓާތަކަށް ގެންދިއުމަށް ބަހުގެ ހިދުމަތް ދެމުންދާ ކަމަށް އެއާޕޯޓު އޮޕަރޭޓަރުން ބުނެފައިވެއެވެ.
އަލިފާންފަރުބަދައިގެ އަޅީގެ އަސަރު ކުޑަކުރުމަށްޓަކައި، އިންޑޮނީޝިއާގެ ކާރިސާތަކާ ބެހޭ އިދާރާ (ބީއެންޕީބީ) އިން މިއަދު ވިލާއަށް ކެމިކަލް އަޅައިގެން ވާރޭ ވެއްސުމުގެ މަސައްކަތް ކުރާނެއެވެ. ބީއެންޕީބީގެ ވެރިޔާ ސުހަރްޔަންޓޯ ވިދާޅުވި ގޮތުގައި، ބޯކޮށް ވާރޭ ވެހިއްޖެނަމަ ވައިގެ ތެރޭގައި ހުރި އަޅިތައް އަވަހަށް ސާފުވެގެންދާނެއެވެ. އެ އިދާރާގެ ތަރުޖަމާނު ބާޓަން ޕަންޖައިތާން ވަނީ، ބޭރަށް ނުކުންނައިރު މާސްކާއި ލޮލަށް ރައްކާތެރިކަންދޭ އައިނު އެޅުމަށާއި، ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ސުންޑާ ކަނޑުއޮޅީގައި ފެރީގެ ހިދުމަތް އާދައިގެ މަތިން ކުރިއަށްދެއެވެ. ނަމަވެސް، އަނަކް ކްރަކަޓާއޯގެ ކްރޭޓާއާ ތިން ކިލޯމީޓަރަށް ވުރެ ކައިރިނުވުމަށް އުޅަނދުތަކަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އަޅީގެ ސަބަބުން ދަރިވަރުންނާއި އާންމުންގެ ލޮލަށް އުނދަގޫތަކެއް ވުމާ ގުޅިގެން ހޮނިހިރު ދުވަހު ބައެއް ސްކޫލްތަކުގެ ހަރަކާތްތައް ކެންސަލްކޮށްފައިވާއިރު، މަސްވެރިން ވެސް ވަނީ މަހަށް ދިއުން ހުއްޓާލާފައި ކަމަށް ލޯކަލް މީޑިއާ 'ކޮމްޕާސް' އިން ރިޕޯޓުކޮށްފައިވެއެވެ.
ޖުލައި ދެވަނަ ދުވަހުން ފެށިގެން އަނަކް ކްރަކަޓާއޯ އޮތީ އެލާޓް ލެވެލް ތިނެއް ގައެވެ. ކާރިސާތަކާ ބެހޭ އިދާރާއިން ބުނި ގޮތުގައި، މި ގޮވުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ އެއްވެސް ނުރައްކަލެއް މިވަގުތަކު ނެތެވެ. މީގެ ކުރިން 2018 ވަނަ އަހަރު މި ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީއެއްގައި ޖާވާއާއި ސުމަޓްރާއިން 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 1883 ވަނަ އަހަރު ކްރަކަޓާއޯ ފަރުބަދަ ގޮވައި އުފެދުނު ސުނާމީތަކެއްގައި 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.