މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026" ގެ ތިންވަނަ މުބާރާތް ކަމަށްވާ "ކެރަންޑޫ" ސާފިން މުބާރާތުގެ ދެ ބައިގެ ޗެމްޕިއަންކަން ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދު ހޯދައިފިއެވެ.
މި މަހުގެ 2 އިން 5 އަށް ލ. މާބައިދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ ޝޯޓްބޯޑް ފިރިހެން އޯޕަން ބައިގެ އިތުރުން 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަންވެސް ނެގީ ޔަސީނެވެ.
މިއާއެކު، މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ "އެލޭއިސް" އަދި "މުލީކޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން ހޯދި ޔަސީން ވަނީ މި އަހަރު ފިރިހެނުންގެ އޯޕަން ބައިގައި ވާދަކުރި ހުރިހާ ހީޓަކުން އެއްވަނަ ހޯދައި، ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.
"ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026" ގެ ތިންވަނަ މުބާރާތް ކަމަށްވާ "ކެރަންޑޫ" ސާފިން މުބާރާތުގެ ދެ ބައިގެ ޗެމްޕިއަންކަން ހޯދި ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދު---ކެރަންޑޫ މުބާރާތުގެ އޯޕަން ބައިގެ ފައިނަލުގައި ޔަސީން 16.00 ގެ ސްކޯއަކާއެކު މުޙައްމަދު އިނާން ޢަބްދުލް ހަންނާން (12.57 ސްކޯ) ބަލިކުރިއިރު، 18 އަހަރުން ދަށުގެ ފައިނަލް ހީޓުގައިވެސް އިނާންގެ މައްޗަށް ޔަސީން ކުރިހޯދީ 15.00 ގެ ސްކޯއަކުންނެވެ. އެ ހީޓުގައި އިނާނަށް ލިބުނީ 12.00 ގެ ސްކޯއެކެވެ.
މީގެ އިތުރުން، މާބައިދޫގައި ކުރިއަށްދިޔަ މި އިވެންޓުގެ ތެރެއިން ކުރިއަށްދިޔަ (ލީގުގައި ނުހިމެނޭ) ބޮޑީބޯޑް ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ޢަލީ ޖާވިދު (ޖާއްޓެ) އެވެ. ފައިނަލް ހީޓުގައި 15.50 ގެ ސްކޯއަކާއެކު ޖާއްޓެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ނިފާޒް (12.17 ސްކޯ) ބަލިކުރުމަށްފަހުއެވެ.
މި އަހަރުގެ ދިވެހި ސާފް ލީގުގެ ތިން މުބާރާތެއް ނިމުނުއިރު، ލީގުގެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް 1448" އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ.