ނުރައްކާތެރި އޭއައި އަމަލުތައް ފޮރުވި މައްސަލައިގައި އޯޕަންއޭއައިއަށް ފާޑުކިޔުން

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ---

އޯޕަންއޭއައިގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓްތަކެއް ކޮންޓްރޯލުން ނެއްޓި ހިންގި ނުރައްކާތެރި ހަރަކާތްތަކެއް އެތައް ހަފުތާއެއް ވަންދެން ސިއްރުކޮށްފައި ބޭއްވުމަށްފަހު، އެކަމަށް އެއްބަސްވުމާ ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވީ، އޯޕަންއޭއައިގެ އޭޖެންޓްތަކެއް އެކުވެގެން އާންމުން މައުލޫމާތު ބަދަލުކުރާ ޖަރުމަނުގެ ވިކީ ސައިޓަކަށް ވަދެގަނެ، އެ ސައިޓް ވަގުތީ މެސެޖު ބޯޑުތަކެއްގެ ގޮތުގައި ބޭނުންކޮށްގެން ޓެސްޓުތަކުން މަކަރު ހެދުމާއި އުސޫލުތަކާ ޚިލާފު އަމަލުތައް ހިންގި ކަމަށް ރޮއިޓާސް އިން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މި ހާދިސާ ހިނގިކަން އޯޕަންއޭއައިގެ އިސް ވެރިންނަށް މާ ކުރިން އެނގިފައިވީ ނަމަވެސް، މީޑިއާއިން މި ޚަބަރު ތިލަކުރުމާ ހަމައަށް އެކަން ސިއްރުކޮށްފައި ބޭއްވީ ޖުލައި މަހު އެ ކުންފުނީގެ އޭޖެންޓްތަކެއް ޓެސްޓިން މާހައުލުން ބޭރުވެ، މަޝްހޫރު އޭއައި ޕްލެޓްފޯމެއް ކަމަށްވާ ހަގިން ފޭސްގެ ސިސްޓަމްތައް ފޫއަޅުވާލި ހާދިސާއާ ގުޅިގެން ކުރިމަތިވި ޕްރެޝަރުތަކުގެ ސަބަބުންނެވެ.

އަމިއްލަ އިޚުތިޔާރުގައި ހަރަކާތްތެރިވާ އޭއައި ނިޒާމުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނު ހަދާ މަޖިލިސްތަކުންނާއި ދިރާސާވެރިން ގޮވާލަމުންދާ ދަނޑިވަޅެއްގައި، މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި އޯޕަންއޭއައި އިން ނެރުނު ބަޔާނެއްގައި ބުނީ އޭއައި އެދެވިގެންނުވާ ގޮތަށް އަމަލުކުރުން ނުވަތަ "މިސްއެލައިންމަންޓް" ގެ މައްސަލަތަކުގައި ކުންފުނިން އިތުރަށް ދެފުށް ފެންނަ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ.

އޭއައި މޮޑެލްތަކުގެ ގާބިލުކަން އާ މަރުހަލާއަކަށް ފުޅާވަމުން އަންނައިރު، މިފަދަ ނުރައްކާތެރި މައްސަލަތައް ހާމަކުރުމުގެ އުސޫލުތައް ފުޅާކުރަން ޖެހޭ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އަދި އޭއައި ތަމްރީނުކުރުމާއި، އިވެލުއޭޓްކުރުމާއި، އަދި ބޭނުންކުރަން ފަށާ މަރުހަލާގައި ފެންނަ މިފަދަ ނުރައްކާތެރި އަމަލުތައް ރިޕޯޓްކުރާނެ ސާފު މިންގަނޑުތަކެއް އަދި މި ސިނާއަތުގައި އެކަށައެޅިފައި ނެތް ކަމަށްވެސް އޯޕަންއޭއައި އިން ބުނެފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސަރުކާރުތަކުގެ ރެގިއުލޭޓަރީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޯޕަންއޭއައި އިން ހާމަކުރި ނަމަވެސް، ވިކީ ހާދިސާއާ ގުޅޭގޮތުން ކުންފުންޏަށް ކުރިން އެނގިފައިވަނީ ކޮން މިންވަރަކަށް ކަމެއް އަދި މީޑިއާއިން އެ ވާހަކަ ތިލަކުރުމާ ހަމައަށް ހާމަނުކޮށް މަޑުކުރި ސަބަބަކާ ބެހޭގޮތުން އެ ކުންފުނިން އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.

comment ކޮމެންޓް