ފަސްދޮޅަސްހާސް ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މުއްސަނދިންނަށް އާސަންދައިގެ ފުލް ކަވަރޭޖް ދިނުން ހުއްޓާލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދަ ދޭ އުސޫލު ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 60،000 އިން މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް، މިހާރު ލިބޭ ގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު އާސަންދަ ދެމުން އަންނަ ގޮތަކީ ރަނގަޅު ގޮތެއް ކަމަކަށް ބޭރުގެ ފަރާތްތަކުންނާއި ފަންނީ އެއްވެސް ފަރާތަކުން ވެސް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި 60،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މި އޮތް ގޮތަށް ފުލް ކަވަރޭޖް އާސަންދަ ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭ މީހުންނަށް އާސަންދައިގެ ޚިދުމަތް ދެން ލިބޭނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ" ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް އާންމުންނެކޭ އެއްގޮތަށް ހުރިހާ ކަމެއް މުޅިން ހިލޭ ލިބެން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވެއެވެ. އަދި މިހާރު ގެންނަން އުޅޭ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ފައިސާ ސަރުކާރުން ބޭނުންކުރާނީ ރައްޔިތުން ބޭނުންވާ އެހެނިހެން ކަންކަމަށް ޚަރަދުކުރަން. މި އަހަރުގެ ތެރޭގައި ވެސް ޚަރަދުން ވަކި މިންވަރެއް ސަލާމަތްކުރެވޭނެ. އަދި އަންނަ އަހަރު ވެސް 280 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރެވޭނެ، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ މަހަކު 60،000 ރުފިޔާ ލިބޭ މީހުންނަށް އާސަންދަ ފުލް ކަވަރޭޖު ނުލިބޭ ގޮތަށް ހެދުމުގެ ތަފްސީލީ އުސޫލުތައް ކުރިއަށް އޮތް ތަނުގައި އިއުލާންކުރައްވާނެ ކަމަށެވެ.
އާސަންދައަކީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެފައި އޮތް ނިޒާމެކެވެ. ޚާއްސަކޮށް އަހަރަކަށް ލަފާކޮށް އާސަންދައަށް ބަޖެޓުކުރާ މިންވަރަށްވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް އާސަންދައަށް ޚަރަދުކުރެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.43 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ މި އަހަރުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅައިފައިވާ 2.02 ބިލިއަން ރުފިޔާގެ 70.8 އިންސައްތައެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ޚަރަދުކޮށްފައިވަނީ 1.26 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ ޚަރަދަށް ވަނީ 170 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެފައި ކަމަށް އެ ތަފާސްހިސާބުން ހާމަވެއެވެ.
އާއްމު ގޮތެއްގައި އާސަންދައިގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ބޭސްފިހާރަތަކުގެ ބިލުތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނީޔާ ވަނީ ވިދާޅުވެފައިވެއެވެ.