މިދިޔަ އޯގަސްޓު މަހު ސްކޭމްތަކަށް ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެގައި ފައިސާ މާރުކުރުމުގައި އޮޅުވާލުމުގެ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ސްކޭމްގެ 184 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެފަދަ މައްސަލަތަކުގައި 1.96 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައެވެ.
ސްކޭމްގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރި ނުވަތަ އީކޮމާސް ސްކޭމްތަކެވެ. އެގޮތުން އެފަދަ 79 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ފައިސާ މާރުކުރުމުގައި އޮޅުވާލައިގެން ހިންގައިފައިވާ ސްކޭމްތަކެވެ. އެފަދަ 43 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ބުކިން ކެންސަލޭޝަންއާއި ރިފަންޑް ހޯދުމުގެ 20 ސްކޭމާއި ޝަޚުސު އޮޅުވާލުމުގެ 12 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.
މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: ފައިސާ މާރުކުރުމުގައި އޮޅުވާލުމުގެ ގިނަ މައްސަލަތަކެއް ވެސް ފުލުހަށް ރިޕޯޓުކޮށްފައިވޭ --- ސަން ފައިލް ފޮޓޯ
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ފުލުހުން އަނބުރާ ހޯދައިފައިވާ ފައިސާގެ އަދަދު 1.13 މިލިއަން ރުފިޔާއަށް އަރައެވެ.
މި އަހަރުގެ މިހާތަނަށް ސްކޭމްތަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ގެއްލިފައިވަނީ މިދިޔަ މެއި މަހުގައެވެ. އެގޮތުން އެ މަހު ސްކޭމަރުން ވަނީ 2.27 މިލިއަން ރުފިޔާ ހޯދައިފައެވެ.
އޮންލައިން ވިޔާފާރި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި މުދާ ލިބުމުން ފައިސާ ދެއްކުމުގެ އުސޫލު (ކޭޝް އޮން ޑެލިވަރީ) އިޚުތިޔާރުކުރުމަށް އިސްކަންދޭންވާންކަން އެ މުއައްސަސާއިން ހަނދާންކޮށްދިނެވެ. އަދި މާލީ މުއާމަލާތެއް ފެށުމުގެ ކުރިން، ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީކޮށްފައިވާ ތާރީޚާއި ގުޅޭނެ މައުލޫމާތުގެ އިތުރުން އެހެން ކަސްޓަމަރުންގެ ފީޑްބެކް ބެލުން މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، ފައިސާ މާރުކުރުމުގައި އަބަދުވެސް ލައިސަންސް އޮތް އެކްސްޗޭންޖްތައް ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
ފައިސާ މާރުކުރުމާ ގުޅުންހުރި ސްކޭމްތައް އިތުރުވެފައިވަނީ، ވިޔަފާރިއާއި އަމިއްލަ ކަންކަމަށް ދިވެހީންނަށް ވަރަށް ބޮޑަށް ބޭނުންވާ ޑޮލަރު ލިބުމުގައި ދަތިތައް އުޅޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި ނުރަސްމީކޮށް ޑޮލަރު ވިއްކާ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައެވެ.