އޮޓޮސްފިއާގައި ކަރަންޓު އުޅަނދުތަކަށް ޑިމާންޑު ބޮޑު، މި ފަހަރު ގެންނަނީ އައު ބީވައިޑީ އުޅަނދުތަކެއް

ދި ހޯކްސްގެ އޮޓޯސްފިއާ އިން އިތުރު ބީވައިޑީ ކާރުތަކާއެކު އީވީ ރޭންޖު ފުޅާކުރަނީ --- ފޮޓޯ: ހޯކްސް

ދަ ހޯކްސްގެ އޮޓޮސްފިއާއިން ބީވައިޑީ ކުންފުނީގެ އިތުރު އިލެކްޓްރިކް އުޅަނދުތަކެއް ރާއްޖެއަށް ތައާރަފުކުރަން ތައްޔާރުވެއްޖެއެވެ.

އޮޓޮސްފިއާއިން ބުނި ގޮތުގައި، ރާއްޖޭގެ ބާޒާރުގައި އިލެކްޓްރިކް އުޅަނދުތަކަށް އޮންނަ ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ. އޮޓޮސްފިއާއިން މިހާރު ވެސް އެންމެ ގިނައިން ވިކޭ ކާރުތަކުގެ ތެރޭގައި އިލެކްޓްރިކް އުޅަނދުތައް ހިމެނޭކަމާއި، އެއީ ރާއްޖޭގައި ޒަމާނީ އަދި ހަކަތަ ސަލާމަތްކުރެވޭ ދަތުރުފަތުރުގެ ވަސީލަތްތަކަށް އޮތް ޝައުގުވެރިކަން ހާމަކޮށްދޭ ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އޮޓޮސްފިއާއިން ބުނި ގޮތުގައި މި ފަހަރު އަލަށް ގެންނަ ޝިޕްމަންޓުގައި ބީވައިޑީގެ މަގުބޫލު މޮޑެލްތަކުގެ ތަފާތު ކުލަތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެޓްލާންޓިސް ގްރޭ ކުލައިގެ ބީވައިޑީ ސީލް، ހުދު ކުލައިގެ ބީވައިޑީ ސީލަޔަން އަދި ހުދު ކުލައިގެ ބީވައިޑީ އެޓޯ 3 ހިމެނޭނެއެވެ.

ބީވައިޑީގެ އުޅަނދުތަކަކީ އޭގެ ޒަމާނީ ފަރުމާއާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއި އިތުބާރު ހިފޭ މަސައްކަތްތަކުގެ ސަބަބުން ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އުޅަނދުތަކެކެވެ.

ހޯކްސްއިން ބުނީ މި އުޅަނދުތަކާއެކު އޮޓޮސްފިއާގެ އީވީ ރޭންޖް އިތުރަށް ފުޅާވެ، ކަސްޓަމަރުން ބޭނުންވާ ތަފާތު މޮޑެލްތަކާއި ފަރުމާތައް އިޚްތިޔާރު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އަލަށް ގެންނަ ބީވައިޑީ މޮޑެލްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، ކާރުތައް ލިބެން ހުންނާނެ ތާރީޚުތައް އޮޓޮސްފިއާގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުން ބަލައިލެވޭނެ ކަމަށް ދަ ހޯކްސްއިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް