މާމެންދޫން 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫގެ ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއީ އަޕާ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އުމުރުން 29 އަހަރުގެ އަޒުހަދު ނަސީމާއި، އެ ރަށު ރޯޝަނީގެ، އުމުރުން 29 އަހަރުގެ ރިޝްފާން ރާމިޒެވެ.

ފުލުހުން ބުނި ގޮތުގައި، މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ. މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން މާމެންދޫގެ ދެ ގެއެއް ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ފުލުހުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދެއެވެ. އަދި މި މައްސަލަ އަޕާ ސައުތު ޕޮލިހާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް