އުމުރުން 40 އަހަރުން މަތީގެ މީހުން ހަށިގަނޑުން ސަރުބީ އަންދާލައި، ފިޓްކޮށް ތިބުމަށްޓަކައި ކަސްރަތު ކުރުމުގެ އިތުރުން ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް، ރާއްޖޭގެ ފިޓްނަސް ދާއިރާގައި 26 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ) އިރުޝާދު ދެއްވައިފިއެވެ.
އައްލޯ ފާހަގަކުރެއްވި ގޮތުގައި ގޭގައި ނުވަތަ ޖިމެއްގައި ވެއިޓް ޓްރެއިނިން ހެދިކަމުގައިވީ ނަމަވެސް، ކެއުމުގެ އާދަތަކަށް ބަދަލު ނުގެންނަނީސް ހަށިގަނޑުން ސަރުބީ އަންދާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
އައްލޯ ވިދާޅުވި ގޮތުގައި ހަށިގަނޑަށް އެދެވޭ ބަދަލެއް ގެނައުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމެވެ. އެގޮތުން ކެއުމުގައި ހިމެނުން މުހިންމު ކަންކަމުގެ ތެރޭގައި ޕްރޮޓީން އިތުރުކުރުން ހިމެނެއެވެ. ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް މަދުވެގެން އެއް ގްރާމް ޕްރޮޓީން ލިބޭނެހެން ދުވަހުގެ ކެއުން ބައްޓަންކުރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ.
އެގޮތުން ކެއުމަށް ބޭނުންކުރާ ތަށީގެ އެންމެ ބޮޑު ބަޔަކަށް ޕްރޮޓީން ހިމެނުމަށްފަހު، ދެން އޮތް ބައިތަކުގެ ތެރެއިން ބޮޑު ބަޔަށް ތަރުކާރީ އަދި ބާކީ ބަޔަށް ބްރައުން ރައިސް، ކައްޓަލަ ނުވަތަ އަލަ ފަދަ ސިއްހަތަށް ފައިދާހުރި ކާބޯހައިޑްރޭޓްސް ހިމެނުމަށް ޖޭމް އައްލޯ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ހަމައެއާއެކު އާންމުކޮށް ކާ ހުދު ހަނޑުލުގެ ބަދަލުގައި ބްރައުން ރައިސް ބޭނުންކުރަން ފެށުމަށް އޭނާ އިރުޝާދު ދެއްވައެވެ.
ހެނދުނުގެ ނާސްތާއަށް އޯޓްސް، އަލްމަންޑް އަދި ދޮންކެޔޮ ފަދަ ތަކެތި ބޭނުންކުރެވިދާނެ ކަމަށް ވިދާޅުވެ ޖޭމް އައްލޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާމެލާމެލީގެ ސައިގެ ބަދަލުގައި ހަކުރު ނާޅާ ކަޅު ކޮފީ ބުއިމާއި، ކަސްރަތު ކުރުމުގެ 15 މިނެޓު ކުރިން ގްރީން ޓީ ބުއިމަކީ ހަށިގަނޑުން ސަރުބީ ވިރުވައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކަސްރަތު ކުރުމުގެ ރޫޓީން އާ ގުޅޭގޮތުން އައްލޯ އިރުޝާދު ދެއްވަނީ ހަފުތާއަކު ތިން ދުވަހު މުޅި ހަށިގަނޑަށް އަމާޒުކޮށްގެން ވެއިޓް ޓްރެއިނިން ހެދުމަށެވެ. އަދި ކޮންމެ ސެޝަނެއް ނިންމުމަށްފަހު 20 މިނެޓުގެ ކާޑިއޯ (ޓްރެޑްމިލްގައި ނުވަތަ ބޭރުގައި ހިނގައި/ދުވެ) ފުރިހަމަކުރުމަށް އޭނާ ބާރުއަޅުއްވައެވެ.
"މި އުސޫލުން ކަންކަން ކުރިއަށްގެންގޮސް، ކެތްތެރިކަމާއެކު ދެމިތިބެެއްޖެނަމަ ތިން މަސް ދުވަހުގެ ތެރޭގައި އެދެވޭ ބަދަލެއް ފެންނަން ފަށާނެ. އަދި 8 މަސް ދުވަހުގެ ތެރޭގައި ވަރަށް ރަނގަޅު ނަތީޖާއެއް ފެނި ހަށިގަނޑު ރީތިކޮށް ޓޯންވެގެންދާނެ،" އައްލޯ ވިދާޅުވިއެވެ.
އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ) އަކީ ރާއްޖޭގައި ފުރަތަމަ ބޭއްވި ބޮޑީބިލްޑިން މުބާރާތުގެ ގަދަ ތިނެއްގައި ހިމެނި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ ފާހަގަކޮށްލެވޭ އެތުލީޓެކެވެ.
ފިޓްނަސް ދާއިރާގެ އިތުރުން، މޮޑެލްކުރުމާއި، އިޝްތިހާރު ކުޅުމާއި ފޮޓޯގްރަފީގެ ދާއިރާއިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އައްލޯ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ "ޖާދޫގައި ޖެހެނޭ ފެނިފާ ތިބާ" މި ވީޑިއޯ ލަވައިންނެވެ.