އެޕަލްގެ ފަށްޖެހޭ އައިފޯން ތައްޔާރު، އެކަމަކު ހަގީގީ ހަނގުރާމަ އޮތީ ފެކްޓްރީ ތެރޭގައި!

އެޕަލްގެ ފުރަތަމަ ފަށްޖެހޭ އައިފޯން މި މަހުގެ 9 ވަނަ ދުވަހުރޭ ދައްކާލާނެ ---

އެޕަލް ކުންފުނީގެ އެންމެ ފުރަތަމަ ފޯލްޑަބަލް ނުވަތަ ފަށްޖެހޭ އައިފޯން އަންނަ ބުދަ ދުވަހު ދައްކާލުމަށް ތައްޔާރުވަމުން އަންނައިރު، މި ޑިވައިސްގެ ކާމިޔާބީގެ ހަގީގީ ހަނގުރާމަ އޮތީ މާކެޓުގެ ބަދަލުގައި ފެކްޓްރީތަކުގެ އެސެމްބްލީ ލައިނުގައެވެ.

ސަބަބަކީ އެތައް ލައްކަ ފަހަރަކު ފަށްޖަހައި އަދި ހުޅުވާލި ނަމަވެސް، އެއްވެސް ރެނދެއް ނޭޅި ހިފަހައްޓާލެވޭ ފަދަ ވަރުގަދަ ފޯނެއް އުފެއްދުމަކީ މުޅި ސިނާއަތަށް ވެސް ކުރިމަތިވެފައިވާ އެންމެ އުނދަގޫ އިމްތިހާނަށް ވާތީއެވެ.

ފެމްޓޯސެކަންޑް ލޭޒަރު ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެއް ކަމަށްވާ ލިޓިލިޓްގެ މާހިރުން ބަޔާންކުރާ ގޮތުގައި، ޒަމާނީ ޑިވައިސްތައް ދުވަހެއް ދުވަހަކަށް ކުދިވަމުންދާ ވަރަކަށް، ދެމިހުންނަ ވަރުގަދަ ބައިތައް އުފެއްދުމަކީ މިހާރު އިލެކްޓްރޯނިކްސް އުފައްދާ ގިނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އެގޮތުން ފޯލްޑަބަލް ފޯނުތަކުގައި ވަރަށް ތުނި ބިއްލޫރި، ފްލެކްސިބަލް ޑިސްޕްލޭ ފަށަލަތައް، ކޮމްޕެކްޓް ޕްރިންޓެޑް ސާކިޓް ބޯޑު، ސެރަމިކްސް އަދި ސެމީކޮންޑަކްޓަރު ފަދަ ޕްރޮސެސް ކުރަން އުނދަގޫ ތަފާތު މެޓީރިއަލްތަކާއި ބައިތައް އެކުލެވިގެންވެއެވެ.

ލިޓިލިޓްގެ ކޯ ފައުންޑާ އަދި ސީއީއޯ ނިކޮލޭ ގަވްރިލިން --- ފޮޓޯ: ލިޓިލިޓް

ލިޓިލިޓްގެ ސީއީއޯ އަދި ކޯ-ފައުންޑަރު ނިކޮލާޖުސް ގަވްރިލިނާސް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ފޯނުތަކުގައާއި ކޮންސިއުމާ އިލެކްޓްރޯނިކްސްގައި ހިމެނޭ ބައިތައް އުފައްދަން މަޖުބޫރުވަނީ އިންތިހާއަށް މަތީ ޕްރެސިޝަންގައެވެ. މިސާލަކަށް، ފަށްޖެހޭ ސްމާޓްފޯނަކާ ގުޅޭގޮތުން އެޕަލް އިން ކުރިން ހޯދާފައިވާ ޕޭޓެންޓެއްގައި ވާގޮތުން، ފަށްޖެހޭ ހިސާބުގެ ބިއްލޫރިގަނޑު ވަނީ 10 އިން 50 މައިކްރޯންއާ ދެމެދުގެ މިންވަރަކަށް ތުނިކޮށްފައެވެ.

ބުދަ ދުވަހު ނެރޭ ޑިވައިސްގައި މި ޑިޒައިން ހިމެނޭނަމަ، އެ ބައި އުފައްދަން ޖެހޭނީ ކުޑަވެސް ރެނދެއް ނުވަތަ ހޫނުގެ އަސަރަކުން ގެއްލުމެއް ނުލިބޭނެ ފަދަ ފުރިހަމަކަމަކާ އެކުގައެވެ.

ހަމައެއާއެކު، ސްކްރީނުގެ ދަށުގައި އަޅާފައި އޮންނަ ފްލެކްސިބަލް ޕްލާސްޓިކް ފަށަލަ ވެސް ކަފައި ބައްޓަންކުރަން ޖެހެނީ އެއްވެސް ކަހަލަ ކުރަކި ކަމެއް ނުވަތަ ހޫނުން އަނދާފައިވާ ކައިރިފަށެއް ނުހުންނަ ގޮތަށެވެ. މީގެ މައިގަނޑު ސަބަބަކީ، ކިތަންމެ ކުޑަ އުނިކަމަކީ ވެސް ފޯނު ތަކުރާރުކޮށް ފަށްޖަހައިލުމުގެ ތެރޭގައި ވީދިގެން މުޅި ސްކްރީން ހަލާކުވާން މަގުފަހިވާނެ ކަމަކަށް ވާތީއެވެ.

ގަވްރިލިނާސް ވިދާޅުވި ގޮތުގައި، އިލެކްޓްރޯނިކް ބައިތަކުގެ މާކެޓުން އުފެއްދުންތެރިކަމުގެ އެންމެ ފަހުގެ ހައްދުތަކަށް ވާސިލުވަމުންދާއިރު، އެންމެ ކުޑަކުޑަ އައިބެއްގެ ސަބަބުން ވެސް މުޅި ކޮމްޕޯނެންޓް އެއްކޮށް ބޭކާރުވެދާނެއެވެ. މި މައްސަލައަށް ފެމްޓޯސެކަންޑް ލޭޒަރުން ދާއިމީ ހައްލެއް ގެނެސްދެނީ، ހޫނު ފެތުރިގެން ދިއުމުގެ ކުރިން މެޓީރިއަލް އާތްވަށް ބަދަލުކޮށްލާހާ ކުރު ޕަލްސްތަކެއް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން، ހޫނުގެ ގެއްލުމެއް ނުވަތަ ޝޯޓް ސާކިޓް މެދުވެރިކުރުވާ ފަދަ ކުނިބުނި ބޭރުނުވެ، ނާޒުކު ސާކިޓްތަކާ ވަރަށް ކައިރިން ބައިތައް ކަނޑައި ބައްޓަންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މީގެއިތުރުން ފަށްޖެހޭ ސްކްރީންތަކުން ފެށިގެން ސްމާޓްވޮޗްތަކާ ހަމައަށް ބޭނުންކުރާ އޯލެޑް ޑިސްޕްލޭތައް އުފެއްދުމަށް ވެސް ފެމްޓޯސެކަންޑް ލޭޒަރަކީ ވަރަށް މުހިންމު ވަސީލަތެކެވެ.

އޯލެޑް ޕެނަލަކީ އޯގަނިކް ލައިޓް އެމިޓިން ފަށަލަތަކާއި، ސާކިޓްރީ އަދި ރައްކާތެރިކޮށްދޭ ފަށަލަތައް އެކުލެވޭ ނާޒުކު އެއްޗަކަށްވާއިރު، މަދު މައިކްރޯންތަކެއްގެ ހޫނުން ލިބޭ ގެއްލުމަކުން ވެސް މުޅި ޕެނަލް ހަލާކުވެދާނެތީ، މި ލޭޒަރުގެ އެހީގައި މި މަސައްކަތް ކުރެވެނީ ވަރަށް އިތުބާރާއެކުގައެވެ.

އަނެއްކޮޅުން، މިފަދަ އެޑްވާންސްޑް ލޭޒަރުތައް އުފެއްދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އެއީ އެކަމަށް ވަރަށް މަތީ ފެންވަރުގެ ހުނަރުވެރި މާހިރުން ބޭނުންވާތީއާއި، ވަގުތު ނަގާ ކަމަކަށް ވާތީއެވެ. އަދި ކޮންސިއުމާ އިލެކްޓްރޯނިކްސްގެ އިތުރުން ސެމީކޮންޑަކްޓަރާއި ޑޭޓާ ސެންޓަރުތަކުގެ އިކުއިޕްމަންޓް އުފެއްދުމުގައި މި ލޭޒަރުތަކަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވަމުންދާތީ، ސަޕްލައި ނުފުދިދާނެ ކަމުގެ ބިރު ވެސް އޮތީ ބޮޑުވެފައެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ލިޓިލިޓް އިން އެ ކުންފުނީގެ ލޭޒަރުތައް ފަރުމާކޮށްފައިވަނީ އުފެއްދުމުގެ ކޮމްޕްލެކްސިޓީ ކުޑަކޮށް، މޮޑިއުލާ ޑިޒައިނަކަށް އަދި މަތީ ފެންވަރުގެ އޮޓޮމޭޝަނާ އެކުގައެވެ. މީގެ ސަބަބުން ލޭޒަރުތައް އަވަހަށް އުފެއްދުމުގެ އިތުރުން ފެކްޓްރީތަކުގެ ސިސްޓަމްތަކާ ފަސޭހައިން ގުޅުވާލެވެއެވެ. މި ލޭޒަރުތައް ބިނާކޮށްފައިވަނީ ލިޓިލިޓްގެ ކޯ-ފައުންޑަރުން ކަމަށްވާ ކެސްޓުޓިސް ރެގެލްސްކިސް، ނެރިޖުސް ރުސްޓެއިކާ އަދި ގަވްރިލިނާސް، ވިލްނިއަސްގެ ސެންޓަ ފޯ ފިޒިކަލް ސައިންސަސް އެންޑް ޓެކްނޮލޮޖީ (އެފްޓީއެމްސީ) އާ ގުޅިގެން ހޯދާފައިވާ ޕޭޓެންޓް އީޖާދުތަކުގެ މައްޗަށެވެ.

އެ ކުންފުނީގެ ލޭޒަރު އާކިޓެކްޗާއަކީ މި ސިނާއަތަށް ވަރުގަދަ ކާމިޔާބީއެއް ކަމަށްވާ 20 އިންސައްތައިގެ އިލެކްޓްރިކަލް-ޓޫ-އޮޕްޓިކަލް އެފިޝިއެންސީއެއް ހާސިލުކުރާ ނިޒާމެކެވެ.

މިދިޔަ ޖޫން މަހު ލިޓިލިޓް އިން ވަނީ ބޮޑު ކެޕޭސިޓީއެއްގެ ފެމްޓޯސެކަންޑް ލޭޒާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މި ފެކްޓްރީގެ އުފެއްދުންތެރިކަން ފަށާއިރު، ފުރަތަމަ އަހަރު ގާތްގަނޑަކަށް 1،000 ލޭޒަރު އަދި މަދު އަހަރުތަކެއްގެ ތެރޭގައި އަހަރަކު 3،000 ލޭޒަރު އުފައްދައި، މި ސިނާއަތުގެ އެންމެ ބޮޑު އުފެއްދުންތެރިކަން ހާސިލުކުރުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން އެހެން ގައުމުތަކަށް ވެސް މި އުފެއްދުންތެރިކަން ފުޅާކުރުމަށް އެ ކުންފުނިން ދަނީ ރާވަމުންނެވެ.

comment ކޮމެންޓް